ކ. މާލެ
|
10 އޯގަސްޓް 2017 | ބުރާސްފަތި 12:58
ހައިކޯޓް
ހައިކޯޓް
މުހައްމަދު ޝަރުހާން
ޝުހާދުގެ މަރާލި މައްސަލަ
ޝުހާދު މަރާލި މައްސަލައިގައި ފަރީދު މަރަން ދަށުކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއިދު ކޮށްފި
ޝުހާދު މަރާލާފައި ވަނީ 2010 ވަނަ އަހަރު
ފަރީދު މެރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2015 ވަނަ އަހަރު
ޝުހާދު މަރާލާފައި ވަނީ ވަޅިން ހަމަލާދީ

ޏ. ފުވައްމުލަކުގައި 2010 ވަނަ އަހަރު ހިންގި މާރާމާރީއެއްގައި އެރަށު މެކޯ, އަބްދުﷲ ޝުހާދު މަރާލިކަމުގެ ދައުވާ ލިބުނު ހަސަން ފަރީދު މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއިދު ކޮށްފިއެވެ.

ޝުހާދު މަރުވެފައިވަނީ 2010 ވަނަ އަހަރުގެ ޖެނުއަރީ 27 ވަނަ ދުވަހުގެ ރޭ 21:30 އެހާކަށްހާއިރު ފުވައްމުލަކު ދޫޑިގަމު ބޮޑު ފަންނު މަގާއި، ބަހާރުމަގާ ގުޅޭ ހަތަރު އަނގޮޅިއަށް ގޮސް، އެސަރަހައްދުގައި ހުންނަ ކެއުފިނިގެ ފާރުބުރި މަތީގައި އެހެން ބަޔަކާއެކު އިންދައި ފަރީދުގެ އަތުގައި އޮތް ވަޅިއަކުން ދިން ހަމަލާއެއްގައެވެ. އެ ހަމަލާއާ ގުޅިގެން ފަރުވާ ދެމުން ދަނިކޮށް ޝުހާދު ވަނީ ޖެހިގެން އައި ދުވަހު މަރުވެފައެވެ.

ފަރީދު ޝުހާދަށް ވަޅިން ހަމަލާދިން ކަމަށް ދެ މީހަކު ވަނީ ހެކި ބަސް ދީފައެވެ. އެ މައްސަލާގައި ޖުމްލަ ހަތް މީހަކު ހެކިންގެ ގޮތުގައި ހުށަހަޅާފައި ވެއެވެ.

ޝުހާދުގެ ބައްޕަ އާއި މަންމަ ވަނީ އެ މައްސަލާގައި ބޭނުންވަނީ މަރަށް މަރު ހިފަން ކަމަށް ޝަރީއަތުގައި ބުނެފައެވެ.

ފަރީދު މެރުމަށް ދަށުކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ޝުހާދަށް ފަރީދު ހަމަލާދިން ކަމަށް ހަތް މީހަކު ހެކިބަސް ދީފައިވާ ކަމަށާއި ޝުހާދު މަރުވެފައި ވަނީ އޭނާގެ އަރިކަށްޓަށް ލިބުނު ޒަހަމްތަކުގެ ސަބަބުންކަން އޭނާގެ މެޑިކޯ ލީގަލް ރިޕޯޓުން އެނގޭ ކަމަށެވެ. އެހެންވެ ޝުހާދަށް ހަމަލާދީ އޭނާ މަރާލިކަން ފަރީދުގެ މައްޗަށް ސާބިތުވާއިރު ޝުހާދުގެ ވާރިސުންގެ ގޮތުގައި ތިބި އޭނާގެ މަންމަ އާއި ބައްޕަ ވެސް ބޭނުންވަނީ ފަރީދުގެ ކިބައިން މަރަށް މަރު ހިފަން ކަމަށް އެ ދެ މީހުން ބުނެފައި ވާތީ ފަރީދު މެރުމަށް ހުކުމްކުރީ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވެއެވެ.

 ފަރީދު މަރަން ހުކުމްކުރި ނަމަވެސް އެ ހުކުމް ތަންފީޒު ކުރުމާ ހަމައަށް ދެވޭނީ އިސްތިއުނާފް ހުރިހާ މަރުހަލާއެއް ނިމުމުންނެވެ. ސަރުކާރުން ދާދި ފަހުން ވެސް ބުނެފައި މަރުގެ ހުކުމްކޮށް މެރުމުގެ މަރުހަލާގައި ތިބި މީހުންގެ މައްޗަށް ދާދި އަވަހަށް ހުކުމް ތަންފީޒުކުރާނެ ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް