ކ. މާލެ
|
18 ޖޫން 2024 | އަންގާރަ 19:15
ފުލުހުން އަތުލައިގަނެފައިވާ ބަނގުރާތަކެއް
ފުލުހުން އަތުލައިގަނެފައިވާ ބަނގުރާތަކެއް
ޕޮލިސް
މަސްތުވާތަކެތީގެ މައްސަލަ
މަސްތުވާތަކެއްޗާއި ބަނގުރަލުގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ދިވެއްސެއް ހައްޔަރުކޮށްފި
ބަންދުގެ މުއްދަތުގެ ގޮތުގައި ދީފައިވަނީ 30 ދުވަސް

މަސްތުވާތަކެއްޗާއި ބަނގުރަލުގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ދިވެއްސެއް ހައްޔަރުކޮށްފިއެވެ.

ފުލުހުން އެދިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެގޮތުން އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މަސްތުވާތަކެއްޗާއި ބަނގުރާ ބޭނުންކޮށް، ގެންގުޅެ، ވިޔަފާރިކުރުމެވެ.

އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ދީފައިވަނީ 30 ދުވަހުގެ މުއްދަތެކެވެ. އަދި ބަންދުކުރަން އަމުރުކޮށްފައިވަނީ ކަސްޓޯޑިއަލް ޖަލެއްގައެވެ.

މި މީހާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރި ސަބަބުގެ ގޮތުގައި ބުނެފައިވަނީ ތުހުމަތެއް ވުޖޫދުވާ ވަރަށް ހެކި ލިބިފައިވާކަމަށް ފެންނަ ކަމަށެވެ. އެގޮތުން ހުށަހެޅިފައިވާ ފުލުހެއްގެ ބަޔާނުންނާއި މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓާއި ސޯކޯ ރިޕޯޓުން މީނާ ހުރި ތަނަކުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ޑިޖިޓަލް ކައްޓާއެއް ފެނިފައިވާކަން އެނގޭކަމަށެވެ.

ބަންދުގައި ބަހައްޓަން ޖެހޭ ހާލަތުގެ ގޮތުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 59 ވަނަ މާއްދާއާއި، 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި ކަމަށެވެ.

ބަންދުގައި ބަހައްޓަންޖެހޭ ހާލަތް އޮތްކަމަށް ދެކޭ ސަބަބުގެ ގޮތުގައި ބުނެފައިވަނީ، ގިނަ އަަދަދެއްގެ މަސްތުވާތަކެތި އޭނާ ހުރި ތަނަކުން ފެނިފައިވުމާއި، މަސްތުވާތަކެތީގެ ވިޔަފާރިކުރުމަށް ބޭނުންކުރެވޭ އާލާތްތައް އެ ތަނުން ފެނިފައިވާތީ، އޭނާއަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގައި އަމަލީގޮތުން ބައިވެރިވާ ފަރާތެއްކަމަށް ބެލެވޭތީއެވެ. އެހެންކަމުން މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގައި އަމަލީ ގޮތުން ބައިވެރިވާ މީހަކު ބަންދުން ދޫކޮށްލުމަކީ އެކަމުގެ ސަބަބުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއްކަމަށް ފެންނަކަމަށް ބަންދު އަމުރުގައި ބުނެފައިވެއެވެ.

- ކޮމެންޓް