ކ. މާލެ
|
10 އޯގަސްޓް 2017 | ބުރާސްފަތި 12:22
އަޑުއެހުމަށް ފަހު އަމީތު ހައިކޯޓުން ނެރެގެން ފުލުހުންގެ ވެހިކަލަށް އަރުވަނީ
އަޑުއެހުމަށް ފަހު އަމީތު ހައިކޯޓުން ނެރެގެން ފުލުހުންގެ ވެހިކަލަށް އަރުވަނީ
ރާއްޖެ އެމްވީ
އަމީތުގެ އިސްތިއުނާފް
އަމީތު ބަންދުކުރި މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް ނިންމާލައިފި
އަމީތު ހައްޔަރުކޮށްފައިވަނީ ޖުލައި މަހުގެ 27 ވަނަ ދުވަހު
އަމީތުގެ ބަންދަށް ޖެހި 15 ދުވަސް ހަމަވާނީ މިމަހު 12 ގައި
ދެން އޮންނާނީ މި މައްސަލައިގެ ހުކުމް ކުރުން

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ހައްޔަރުކޮށް ބަންދުކޮށްފައިވާ މައްސަލައިގެ އިސްތިއުނާފީ އަޑުއެހުންތައް ނިންމާލައިފި އެވެ.

އަމީތު ހައްޔަރު ކުރީ، އޭނާއަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނޫން ކަމަށް ކަނޑައަޅާފައިވަނިކޮށް، ޖުލައި މަހުގެ 24 ވަނަ ދުވަހު ފުލުހުންގެ ސަފުތައް ފަޅާލާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަދެފައިވާ ކަމަށް ބުނާ މައްސަލައިގައި ޖުލައި މަހުގެ 27 ވަނަ ދުވަހު އެވެ.

އަމީތު ހައްޔަރުކޮށް އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ޖުލައި 28 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ހޯމް މިނިސްޓްރީއިން ކަނޑައަޅާ ތަނެއްގައި ބަންދުކޮށްގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަސް ޖަހައިދިނެވެ.

އެ މައްސަލައިގެ އިސްތިއުނާފުގައި ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައި އަމީތުގެ ފަރާތުން ވަނީ އިސްތިއުނާފް ކުރާ މައިގަނޑު ނުކުތާތައް ހުށަހަޅާފަ އެވެ. 

އަމީތުގެ ގާނޫނީ ވަކީލު އަލީ ޒާހިރު ވިދާޅުވީ އަމީތު ބަންދުކުރުމަށް ނެރެފައިވާ އަމުރަކީ ޣައިރު ގާނޫނީ އަމުރެއް ކަމަށާއި، އަމީތަކީ އަދިވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ކަމަށެވެ. އަދި ސުޕްރީމް ކޯޓުގައި އޮތް މައްސަލައިގައި އެ ކޯޓުން ވަކިގޮތެއް ކަނޑަނާޅަނީސް، އަމީތަކީ މެންބަރެއް ނޫން ކަމަށް ނިންމުމުގެ އިހުތިސާސް ކްރިމިނަލް ކޯޓަށް ލިބިގެންނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖަވާބުގައި ދައުލަތުން ބުނެފައިވަނީ އަމީތަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ސުޕްރީމް ކޯޓުގެ ހުކުމުގެ ދަށުން ކަމަށާއި އެހެންކަމުން މިކަމުގައި ކޮންމެހެން ސުޕްރީމް ކޯޓުން ގޮތެއް ނިންމަން ނުޖެހޭ ކަމަށެވެ.

އަމީތުގެ އިސްތިއުނާފްގެ އަޑުއެހުންތައް ނިންމާލާފައިވާއިރު، މައްސަލަ ބައްލަވާ ބެންޗުން ވަނީ ވަރަށް އަވަހަށް މައްސަލައިގައި ހުކުމް ކުރައްވާނެ ކަމަށް އިއުލާނުކުރައްވާފަ އެވެ.

އަމީތުގެ ބަންދަށް ކްރިމިނަލް ކޯޓުން ޖުލައި މަހުގެ 28 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ޖެހި 15 ދުވަސް ހަމަވާނީ މިމަހުގެ 12 ވަނަ ދުވަހު އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް