ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗަށް ނިކުންނައިރު، ފްރާންސް އޮތީ އެ ޓީމުގެ ޤާބިލުކަން ދައްކާލުމުގެ އަޒުމުގަައި ކަމަށް އެ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފި އެވެ.
މުބާރާތުގައި ފްރާންސް ހިމެނިފައި އޮތީ ގްރޫޕް ޑީގަ އެވެ. ފްރާންސް އާއެކު މި ގްރޫޕްގައި ދެން އޮތީ ނެދަލެންޑްސް އާއި ޕޮލެންޑް އަދި އޮސްޓްރިއާ އެވެ. މުބާރާތުގައި ފްރާންސްގެ ފުރަތަމަ މެޗުގައި ހޯމަ ދުވަހުގެ ރޭ ދަންވަރު ނިކުންނާނީ އޮސްޓްރިއާ ދެކޮޅަށެވެ.
އެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޑެޝޯމްޕްސް ބުނީ، އޭނާ އަށް ކުރިއަށް ދާން ލިބޭ އެންމެ ބޮޑު ހިތްވަރަކީ ފްރާންސްގެ އަޒުމާއި، ޖޯޝު ކަމަށެވެ. އަދި ފްރާންސްގެ މަޤުސަދަކީ އަބަދު ވެސް އޭނާގެ ޝައުޤުވެރިކަން އެ ދިމާލެއްގައި ހުއްޓިފައި ހުންނަ ކަމެއް ކަމަށް ޑެޝޯމްޕްސް ބުންޏެވެ.
ޑެޝޯމްޕްސް ބުނީ ބައިނަލްއަޤުވާމީ ގޮތުން އެންމެ މަތީ ފަންތީގައި އަބަދުމެ މޮޅުވުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. އަދި އެކަން ދެމެހެއްޓުމަކީ އެއަށްވުރެ އުނދަގޫ ކަމެއް ކަމަށް ވެސް ޑެޝޯމްޕްސް ބުންޏެވެ. އޭނާ ބުނީ އަބަދު ވެސް މޮޅުވާން ކޮންމެ ވެސް އެއް ޓީމެއް ކަމަށާއި، އަނެއް ޓީމަށް ޖެހޭނީ އެކަން ބަރުދާސްތު ކުރަން ކަމަށެވެ.
މީގެ އިތުރުން ޑެޝޯމްޕްސް ބުނީ، ފްރާންސް ޤައުމީ ޓީމުގައި އޮތް އެންމެ ބޮޑު އެއް ހިތްވަރަކީ މީގެ ކުރިން ބައިނަލްއަޤުވާމީ މައިދާނުގައި އެމީހުންނަށް ޙާސިލު ކުރެވިފައިވާ ކަންކަން ކަމަށެވެ. އަދި އެންމެ ބޮޑު އެއް އަޒުމަކީ، ފްރާންސްގެ ފެންވަރާއި، ފްރާންސް އަށް ހޯދިދާނެ ކާމިޔާބީތައް ދައްކާލުން ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.
ޔޫރޯ އަށް ފްރާންސް އިން ދުރާލާ ވަރުގަދަ އަށް ތައްޔާރުވުމަށް މަސައްކަތް ކުރި ކަމަށް ޑެޝޯމްޕްސް ބުންޏެވެ. އޭނާ ބުނީ އޮސްޓްރިއާ އަކީ ވެސް ވަރުގަދަ ޓީމެއް ކަމަށާއި، މި ފަހުން އެ ޓީމުން ނެރެމުން އަންނަ ނަތީޖާ އިން އެކަމަށް ބާރުދޭ ކަމަށެވެ. އެހެންކަމުން، އެ ޓީމާ ދެކޮޅަށް ފުރަތަމަ މެޗުގައި ކުޅުމީ ވަރަށް ބޮޑު ޕްރެޝަރެއް ކަމަށާއި، މެޗު ފަސޭހަ ނުވާާނެ ކަމަށް ވެސް ޑެޝޯމްޕްސް ވަނީ ބުނެފަ އެވެ.
ފްރާންސް އިން ވަނީ 2016 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގެ ފައިނަލްގައި ވާދަކޮށްފަ އެވެ. އޭގެ ފަހުން، 2021 ވަނަ އަހަރު އިންގްލެންޑުގައި އޮތް ޔޫރޯ ފްރާންސް އިން ނިންމާލަން ޖެހުނޫ ގަަދަ 16 ވަނަ ބުރާ ހަމައިންނެވެ. އެހެން ނަމަވެސް، މިއަހަރުގެ ޔޫރޯގައި ފްރާންސް އަކީ ފޭވަރިޓުންގެ ގޮތުގައި ގިނަ ބަޔަކު ދެކެމުން އަންނަ ޓީމެކެވެ.