ކ. މާލެ
|
15 ޖޫން 2024 | ހޮނިހިރު 14:57
ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މަންމަ
ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މަންމަ
ރާއްޖެ އެމްވީ
މަރުކޮމިޝަންގެ ރިޕޯޓް
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ ކޮމިޝަން އުވާލިނަމަވެސް އާއިލާތަކަށް އަދިވެސް ރިޕޯޓު ނުދޭ
އާއިލާތަކަށް އެކަމުގެ އެއްވެސް މައުލޫމާތެއް ނުދޭ
ކޮމިޝަނުން ބުނެފައިވަނީ 31 މެއި 2024 ގެ ކުރިން އުނިކުރަން ޖެހޭ ބައިތައް އުނިކުރެވިފައިވާ ރިޕޯޓް ތައްޔާރުކުރާނެ ކަމަށް
މަރުކޮމިޝަން އުވާލީ 2 ޖޫންގައި

މަރާލާފައިވާ މީހުންނާއި ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤު ކުރާ ކޮމިޝަން މި މަހުގެ ދެވަނަ ދުވަހު އުވާލިނަމަވެސް، އެ މައްސަލަތަކާ ގުޅިގެން އާއިލާތަކާ ހަވާލުކުރާނެކަމަށް ބުނި ރިޕޯޓު އަދިވެސް ނުލިބޭކަމަށް އެ އާއިލާތަކުން ބުނެފިއެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަން ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގަރާރަކުން އުވައިލެއްވީ 2 ޖޫން 2024 ގައެވެ. މަރާލާފައިވާ މީހުންނާއި ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަން އުފެއްދީ ވަނީ 17 ނޮވެންބަރު 2018 ގައެވެ. އެ ކޮމިޝަނުން ބަލާފައިވަނީ 1 ޖެނުއަރީ 2012ން 17 ސެޕްޓެމްބަރު 2018ށް ހިނގާފައިވާ ގޮތްނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތަކެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން އުފެއްދި މަރު ކޮމިޝަން (ޑީޑީކޮމް) ގެ ހޯދުންތަކުގެ ރިޕޯޓްތައް ރައީސް އޮފީހަށް ލިބުމުން އެ މައުލޫމާތު ހާމަކުރާނެ ކަމަށް ސަރުކާރުން ބުނެފައިވަނީ 22 މެއި 2024 ގައެވެ.

މަރު ކޮމިޝަނުގެ ގާނޫނުގައި ބުނެފައިވަނީ މަރު ކޮމިޝަނުގެ މަސައްކަތް ނިންމާ ރިޕޯޓްތައް ރައީސުލްޖުމްހުރިއްޔާއަށް ހިއްސާކުރަންޖެހޭނެ ކަމަށެވެ. ރިޔާސީ ކޮމިޝަނުގެ ގާނޫނުގެ 9 ވަނަ މާއްދާގައި ބުނެފައިވަނީ ހުރިހާ ރިޕޯޓެއް ރައީސުލްޖުމްހުރިއްޔާއަށް ފޮނުވަންޖެހޭނެ ކަމަށާއި، މިކަމަށް އަމަލުކުރުން ކޮމިޝަނަށް ގާނޫނީ ގޮތުން ލާޒިމު ކަމަށެވެ. 

މަރު ކޮމިޝަނުގެ ރިޕޯޓުތަކުގައި ހުރި ކަންކަން ހާމަކުރުމާ ގުޅޭގޮތުން ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، މަރު ކޮމިޝަންގެ ރިޕޯޓް ލިބުމާއެކީގައި އެ ރިޕޯޓުތަކުގައި ހުރި ކަންކަން ހާމަކުރައްވާނެ ކަމަށެވެ. އަދި ރިޕޯޓުގައި ހުރި ކަންކަމުގެ ތެރެއިން ހާމަކުރާނީ ހުރިހާ މައުލޫމާތެއްތޯ ނުވަތަ ބައެއް މައުލޫމާތުތޯ ނިންމާނީ ރިޕޯޓް ލިބުމުން ކަމަށެވެ.

2 ޖޫންގައި ރައީސްގެ ގަރާރަކުން މި ކޮމިޝަން އުވާލުމާއެކު، އެ ރިޕޯޓްތައް ވަނީ ރައީސް އޮފީހަށް ފޮނުވާފައެވެ. އަދި މަރުކޮމިޝަނުން މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގެ މައުލޫމާތު އާއިލާތަކަށް ނުދިނުމަށް އެ ކޮމިޝަނަށް ރައީސް އޮފީހުން އެންގިއެވެ.

މަރުކޮމިޝަން އުވާލުމުގެ ކުރިން އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ކޮމިޝަނުން ނިންމާފައިވާ ރަސްމީ ރިޕޯޓުތައް ހޯދުމަށް އަހުމަދު ރިޟްވާން އަބްދުﷲ އާއި ޔާމީން ރަޝީދުގެ އާއިލާއިން ބޭނުންވާކަން ކޮމިޝަނަށް އެނގޭކަމަށެވެ. ނަމަވެސް މި ރިޕޯޓުތަކުގައި ހިމެނޭ ގިނަ މައުލޫމާތުތަކަކީ ހައްސާސީ އަދި ސިއްރު މައުލޫމާތުތަކެއް ކަމަށާއި، އެހެން ނަމަވެސް ކޮމިޝަނުން ގަސްތުކުރަނީ 31 މެއި 2024 ގެ ކުރިން އުނިކުރަން ޖެހޭ ބައިތައް އުނިކުރެވިފައިވާ ރިޕޯޓްތައް ނިންމުމަށް ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.

ނަމަވެސް މިހާތަނަށް އައި އިރުވެސް މިކަމާއި ގުޅޭ ރިޕޯޓެއް އާއިލާތަކާއި ހަވާލުނުކުރާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. ރާއްޖެއެމްވީ އާ ވާހަކަދައްކަވަމުން ނޫސްވެރިޔާ ރިޟްވާންގެ ދައްތަ ފާތިމަތު ޝެހެނާޒް ބުނީ މިހާތަނަށްވެސް މަރުކޮމިޝަނުގެ ރިޕޯޓާއި ގުޅޭ އެއްވެސް ހަބަރެއް ނެތް ކަމަށެވެ. އަދި އެކަމާއި ގުޅޭ އެއްވެސް މައުލޫމާތެއް އާއިލާ އާ ވެސް ހިއްސާ ނުކުރާ ކަމަށެވެ.

ޝެހެނާޒް ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވި ދުވަހުން ފެށިގެން އެމަނިކުފާނާ ބައްދަލުކުރައްވަން އެދި އެޕޮއިންޓްމަންޓަކަށް އެދިފައިވާ ކަމަށާއި، ނަމަވެސް މިހާތަނަށް އައި އިރުވެސް އެކަން ހަމަޖެހިފައި ނުވާ ކަމަށެވެ. އަދި ދެވަނަ ފަހަރަށްވެސް އެޕޮއިންޓްމަންޓަކަށް އެދިފައިވާ އިރު، އޭގެ ޖަވާބެއްވެސް ނުލިބޭ ކަމަށެވެ.

ކޮމެންޓް