ކ. މާލެ
|
15 ޖޫން 2024 | ހޮނިހިރު 13:03
ހަތަރުވަނަ ސިޑްސް ކޮންފަރެންސްގައި ސިޑްސްގެ ހައިލެވެލް މީޓިންގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ
ހަތަރުވަނަ ސިޑްސް ކޮންފަރެންސްގައި ސިޑްސްގެ ހައިލެވެލް މީޓިންގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ
ރައީސް އޮފީސް
ސިޑްސް ކޮންފަރެންސް
ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
ޓިކެޓަށް އެކަނިވެސް 2.6 މިލިއަން ރުފިޔާ ޚަރަދުވެފައިވޭ
މިއީ ބޮޑު ޚަރަދެއް ހިނގާނެ ދަތުރެއްކަމަށް މީގެ ކުރިން ރައީސް އޮފީހުން ބުނެފައިވޭ
މި ކޮންފަރެންސް ކުރިއަށް ދިޔައީ މެއި މަހުގެ 27ން 30ށް

ސްމޯލް އައިލެންޑް ޑިވެލޮޕްމަންޓް ސްޓޭޓްސް، ސިޑްސްގެ 4 ވަނަ ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު އެންޓިގުއާ އެންޑް ބާބިއުޑާއަށް ކުރެއްވި ދަތުރުފުޅަށް 3.8 މިލިއަން ރުފިޔާ ޚަރަދުވިކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

މި ކޮންފަރެންސް ކުރިއަށްދިޔައީ މެއި މަހުގެ 27ން 30އަށެވެ.

މި ދަތުރުފުޅުގައި ރައީސްގެ އިތުރުން ޚާރިޖީ ވަޒީރު މޫސާ ޒަމީރު، އެންވަޔަރމަންޓް މިނިސްޓަރ އިބްރާހިމް ތޯރިޤް، ހައުސިންގ މިނިސްޓަރ އަލީ ހައިދަރު، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ، ކްލައިމެޓް ޗޭންޖް އެންވޯއީ އަލީ ޝަރީފްގެ އިތުރުން އަދިވެސް އިތުރު ބޭފުޅުންނާއި ސަޕޯޓު ސްޓާފުންގެ ގޮތުގައި ވަކި ޓީމަކުން ބައިވެރިވިއެވެ.

މިއީ ބޮޑު ޚަރަދެއް ހިނގާނެ ދަތުރެއް ކަމަށްވާތީ ވަފުދު ވީހާވެސް ކުޑަކުރާނެކަމަށް މީގެ ކުރިން ރައީސް އޮފީހުން ބުނެފައިވެއެވެ. އެހެންނަމަވެސް ރައީސްގެ އަރިހުގައި 16 ބޭފުޅުންގެ ވަފުދެއް މި ދަތުރުފުޅަށް ވަޑައިގެންނެވިއެވެ.

ދަތުރުފުޅުގެ އެންމެ ބޮޑު ޚަރަދެއް ހިނގާފައިވަނީ 16 ބޭފުޅުންގެ ޓިކެޓަށެވެ. އެގޮތުން ޓިކެޓަށް އެކަނިވެސް 2.6 މިލިއަން ރުފިޔާ ޚަރަދުވެފައިވާއިރު، އޭގެ އިތުރުންވެސް ދަތުރުފަތުރުގެ އިތުރު ޚަރަދާއި، އެހެނިހެން ޚަރަދުތައް ހިމެނެއެވެ.

މި ދަތުރުފުޅަށް ޖުމްލަ ޚަރަދުވެފައިވަނީ 3،864،414.94 ( ތިން މިލިއަން އަށްލައްކަ ފަސްދޮޅަސް ހަތަރުހާސް ހަތަރުސަތޭކަ ސާދަ ރުފިޔާ ނުވަދިހަ ހަތަރު ލާރި) އެވެ.

ސިޑްސް ކޮންފަރެންސަކީ ކޮންމެ 10 އަހަރަކުން ބާއްވާ ޖަލްސާއެކެވެ. އެގޮތުން މިއީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުންނާއި ދެމެހެއްޓެނިވި ތަރައްޤީއާ ގުޅޭގޮތުން މަޝްވަރާ ކުރެވޭ ކޮންފަރެންސެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
0%
0%
0%
0%
0%
0%
ކޮމެންޓް