ކ. މާލެ
|
14 ޖޫން 2024 | ހުކުރު 18:46
ޗައިނާ ވައިޓް - ނުރައްކާތެރި ޑްރަގް ވަނީ ރާއްޖެއިން ވެސް ފެނިފައި
ޗައިނާ ވައިޓް - ނުރައްކާތެރި ޑްރަގް ވަނީ ރާއްޖެއިން ވެސް ފެނިފައި
އެޑިކްޝަން ރިސޯސް
ޗައިނާ ވައިޓް އާއި ކުއްލި މަރުތައް
މިހާތަނަށް ބެލި ބެލުމުން މަރުވެފައި ތިއްބާ ފެނުނު މީހުންނާއި، ޗައިނާ ވައިޓާއި ގުޅުން ހުރި ކަމަށް ފެންނަން ނެތް - ފުލުހުން
ސާމިހު ވަނީ ރައްޖޭގައި ޗައިނާ ވައިޓް ދައުރުވަމުންދާކަން ފާހަގަވެފައި ނުވާ ކަމަށް ވެސް ވިދާޅުވެފަ
ޗައިނާ ވައިޓް ބޭނުންކުރުމުން ފުރާނަ އަށް ނުރައްކާވުމުގެ ފުރުސަތު ބޮޑުކަމަށް ރިޕޯޓްތަކުން ދައްކާ

މިހާތަނަށް ބެލި ބެލުމުން މަރުވެފައި ތިއްބާ ފެނުނު މީހުންނާއި، ޗައިނާ ވައިޓާއި ގުޅުން ހުރި ކަމަށް ފެންނަން ނެތް ކަމަށް ފުލުހުން ބުނެފިއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ސީރިއަސް އެންޑް ކްރައިމް ޑިޕާޓުމެންޓުގެ ޗީފް އިންސްޕެކްޓާ މުހައްމަދު ސާމިހް އެފަދައިން ވިދާޅުވީ ދާދި ފަހުން މަރުވެފައިވާ ދެ މީހުންގެ މަރާއި ޗައިނާ ވައިޓާއި ގުޅުން ހުރިތޯ ނޫސްވެރިން ސުވާލުކުރުމުން، އެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. ނޫސްވެރިން އެފަދައިން ސުވާލުކޮށްފައި ވަނީ ދެ މައްސަލަ އަކަށް އިޝާރާތްކޮށެވެ.

އެއީ މޭއި މަހުގެ 13 ވަނަ ދުވަހު ބަނޑޭރިކޮށީގެ އެޕާޓުމަންޓެއްގެ ތެރޭގައި ނިޔާވެފައި އޮއްވާ ފެނުނު އުމުރުން 30 އަހަރުގެ ދިވެހި ފިރިހެން މީހާ އަދި މިދިޔަ މަހުގެ 20 ވަނަ ދުވަހު މ. ރަބީއުވިލާ ގޭތެރެއިން ނިޔާވެފައި އޮއްވާ ފެނުނު ޒުވާނާގެ މަރާއި ގުޅިގެންނެވެ. ސާމިހު ވިދާޅުވީ މަރުވެފައި އޮއްވާ ފެނުނު ދެ މީހުންގެ މަރުގެ ތަހުގީގު މިހާތަނަށް ގޮސްފައި އޮތް ހިސާބަށް ބަލާއިރު މި ދެ މަރާވެސް ޗައިނާ ވައިޓާ ގުޅުމެއް ހުރި ކަމަށް ނުބެލެވޭ ކަމަށެވެ. ނަމަވެސް އެ މައްސަލަތަކާއި ގުޅިގެން ލިބިފައި ވަނީ ވަގުތީ ރިޕޯޓެއް ކަމަށާއި އަދި އެ މައްސަލަ އާއި ގުޅިގެންބަލަން ޖެހޭ ކަންކަން ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

ސާމިހު ވިދާޅުވީ އެ ދެ މައްސަލަ އާއި ގުޅިގެން މިހާތަނަށް ލިބިފައި ވަނީ ޕޯސްޓުމޯޓަމްގެ ވަގުތީ ނަތީޖާ ކަމަށެވެ. އަދި މިހާތަނަށް ފުލުހުންގެ ތަހުގީގަށް އެ މަރުތަކާއި ޗައިނާ ވައިޓާއި ގުޅުން އޮތް ކަމަށް ނުބެލެވޭ ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް މަރުވެފައި އޮއްވާ ފެނުނު އެކެއްގެ ހަށިގަނޑަށް ސިރިންޖެއް ހަރާފައި ހުރި ކަމަށާއި އެ ސިރިންޖުގައި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތް ހުރިކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އިތުރަށް ވާހަކަދައްކަވަމުން ސާމިހު ވަނީ ރައްޖޭގައި ޗައިނާ ވައިޓް ދައުރުވަމުންދާކަން ފާހަގަވެފައި ނުވާ ކަމަށް ވެސް ވިދާޅުވެފައެވެ. ސާމިހު މިފަދައިން ވިދާޅުވި ނަމަވެސް ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓްރީން ވަނީ ފެންޓަނީލް-ލޭސް ޑްރަގްސް ނުވަތަ ޗައިނާ ވައިޓް ބައިނަލްއަގުވާމީ މާކެޓުގައި އުފައްދާ ދައުރުވަމުންދާތީ އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާކަން ހާމަކޮށް ދާދި ފަހުން ބަޔާނެއް ވެސް ނެރެފައެވެ. ޗައިނާ ވައިޓަކީ ބާރުގަދަ މަސްތުވާ އެއްޗެކެވެ. އަދި ޗައިނާ ވައިޓް ބޭނުންކުރުމުން ފުރާނަ އަށް ނުރައްކާވުމުގެ ފުރުސަތު ބޮޑުކަމަށް ރިޕޯޓްތަކުން ދައްކައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް