ދިވެހި ޒުވާނުންނަކީ ހުނަރުވެރި މަސައްކަތްތެރި ބަޔަކަށް ހެދުމަށް މޯލްޑިވްސް ޕޮލިޓެކްނިކުން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ތައާރަފްކޮށްފައިވާ އިލިކްޓްރިޝަނުން ތަމްރީން ކުރުމުގެ ޕްރޮގުރާމުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ފެނަކަ ކޯފަރޭޝަން ލިމިޓެޑާ ގުޅިގެން ކުރިއަށް ގެންދާ މިޕްރޮގްރާމްގައި 1500 އިލެކްޓްރިޝަނުން ތަމްރީން ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ އިންޖީނުގެތަކަށް ތަމްރީނު ލިބިފައިވާ އިލެކްޓްރިޝަނުން ތަމްރީނުކުރުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި މުޅި ރާއްޖެ އަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މިކޯހުގެ ބައިވެރިން ކޯސް ފުރިހަމަ ކުރާނީ ރަށުގައި ތިބެގެން އޮންލައިންކޮށެވެ. އަދި ޕްރެކްޓިކަލް ބައިތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އަތޮޅު ތަކަށް ބަހާލައިގެން އަތޮޅުގެ ކޮންމެވެސް ރަށަކަށް ކޯހުގެ ބައިވެރިން ގޮސްގެނެވެ.
މޯލްޑިވްސް ޕޮލިޓެކްނިކުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ސެޓްފިކެޓް ލެވެލް 3 ގެ އިލެކްރިޝަން ކޯހުގެ މުއްދަތަކީ 6 މަސް ދުވަސް ކަމަށާއި، މި ކޯހުގައި ބައިވެރި ވުމުގެ ސުންގަޑި އަކީ މި މަހުގެ 27 ވާ އާދިއްތަ ދުވަސް ކަމަށެވެ. ކޯހުގައި ބައިވެރިވާ ފަރާތަކީ ގްރޭޑް 6 ފުރިހަމަކޮށްފައިވާ ނުވަތަ ލެވެލް 2 ގެ ސެޓްފިކެޓެއް ހާޞިލްކޮށްފައިވާ ފަރާތަކަށް ވާންޖެހެއެވެ. އަދި 18 އަހަރުވެފައި އިނގިރޭސި، ދިވެހި ބަހުން ލިޔަންކިޔަން ދަންނަ ފަރާތަކަށްވުން އެހެނިހެން ޝަރުތުތަކުގެ ގޮތުގައި ހިމެނެއެވެ. ޕޮލިޓެކްނިކުން މައުލޫމާތު ދެއްވި ގޮތުގައި މި ކޯހުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ސެޕްޓެމްބަރ މަހުގެ 5 ވަނަ ދުވަހު އެވެ.
ފީ އަކާއިނުލައި ކުރިއަށްގެންދާ މިކޯހުގައި ބައިވެރިވުމުގެ ފޯމު ދޫކޮށް ބަލައިގަންނާނީ މޯލްޑިވްސް ޕޮލިޓެކްނިކް އާއި އަތޮޅު ތެރޭގައި ގާއިމްކޮށްފައިވާ މޯލްޑިވްސް ޕޮލިޓެކްނިކްގެ ކެމްޕަސްތަކުންނާއި، އަތޮޅުތަކުގައި ޤާއިމްކުރެވިފައިވާ ފެނަކާ ކޯޕަރޭޝަން ލިމިޓެޑްގެ ބްރާންޗް ތަކުން އަދި ރަށު ކައުންސިލްތަކުންނެވެ.