ކ. މާލެ
|
14 ޖޫން 2024 | ހުކުރު 13:43
އެތައް މިލިއަން މުސްލިމުންނެއް ހައްޖުގެ އަޅުކަމުގައި
އެތައް މިލިއަން މުސްލިމުންނެއް ހައްޖުގެ އަޅުކަމުގައި
ރޮއިޓާސް
އަރަފާތު ދުވަސް
އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
ހައްޖަށް މީހުން އެއްކުރަނީ އެމީހުންގެ އީމާންކަން
عَرَفَاتُ ބިމުގައި ތިބޭ މަންޒަރަކީ ޝައުޤުވެރިކަމާ އެކު، މީސްތަކުންގެ ކަޅި އެ ދިމާއަށް އަނބުރައިލެވޭ މަންޒަރެއް
ދީނުގެ ހައްދުގެ ތެރޭގައި ހިފެހެއްޓިގެން ހުރުމަކީ ލާޒިމުކަމެއް

ހައްޖު ދުވަހު އަރަފާތު ބިމުގައި ނެތްނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

އަރަފާތު ދުވަހުގެ މާތްކަމުގެ މައްޗަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުކުރު ހުތުބާގައި ބުނެފައިވަނީ އަރަފާތު ދުވަހު، އިސްލާމީ އުންމަތް ދައްކައިދެނީ، އެއްބައިވަންތަކަމުގެ މަތިވެރި މަންޒަރެއް ކަމަށެވެ. ތަފާތު ހިސާބުތަކުން މުސްލިމުން އެއް ތާކަށް އެއްވާ ތަނެވެ. އެބައިމީހުންގެ ކުލަ ތަފާތަސް، އެބައިމީހުންގެ ނަސްލު ތަފާތަސް، އެބައިމީހުން ވާހަކަދައްކާ ބަހުރުވަ ތަފާތަސް، އެބައިމީހުން އެއްތާކަށް އެއްކުރުވަނީ އެބައި މީހުންގެ އީމާންކަމެވެ. މާތް اﷲ ގެ އެއްކައުވަންތަކަމަށް ގޮވައިލާ އިސްލާމްދީނެވެ.

އެ އެންމެން އެއް ތާކަށް، އެއް ގޮތަކަށް އެއްވެ، މާތް ﷲ އަށް މުނާޖާ ދެންނެވުމަށް ޓަކައި ކަމަށާއި، އަރަފާތު ދުވަހު އަރަފާތުގެ ބިމުގައި ތިބެ މާތް ﷲއަށް ތަލްބިޔާ ކިޔުމަށެވެ. އެތައް ހާސް އަހަރެއް ކުރީން إبراهيم عليه السّلام ގޮވައިލެއްވި ގޮވައިލެއްވުމަށް އިޖާބަދިނުމުގެ ގޮތުން ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

މުސްލިމުން عَرَفَاتُ ބިމުގައި ތިބޭ މަންޒަރަކީ ޝައުޤުވެރިކަމާ އެކު، މީސްތަކުންގެ ކަޅި އެ ދިމާއަށް އަނބުރައިލެވޭ މަންޒަރެކެވެ. ހިތްތަކަށް ފިނިކަމާއި އުފާވެރިކަން ގެނުވާ މަންޒަރެކެވެ. މައްކާގެ ބިމުގައި މާތް الله ލައްވައިފައިވާ މަނާސިކުގެ ކަންކަން ފުރިހަމަކުރުމުގެ މަތިވެރި އަޅުކަން އަދާކުރާ މަންޒަރެވެ. އެ ކަމުން ދައްކައިދެނީ މުސްލިމުންގެ އެކުވެރިކަމާއި އެއްބައިވަންތަކަމެވެ. މާތް اللهގެ އަމުރުފުޅުގައިވާ ބަސްފުޅަށް އިޖާބަދިނުމުގެ ގޮތުންނެވެ. މާނައީ: "ތިޔަބައިމީހުން އެންމެން اللهގެ دين ގައި ހިފަހައްޓާށެވެ! އަދި، ވަކިވަކިވެނުގަންނާށެވެ!"
ހުކުރު ހުތުބާ

ހުކުރު ހުތުބާގައި ބުނެފައިވަނީ މާތް ﷲގެ ދީނުގައި ހިފަހައްޓާށޭ އެންގެވުމުން، ދީނުގެ ހައްދުގެ ތެރޭގައި ހިފެހެއްޓިގެން ހުރުމަކީ ލާޒިމުކަމެއްކަން ދޭހަވާ ކަމަށެވެ. އަދި، ވަކިވަކިވެނުގަންނާށޭ އަންގަވައިފައި ވަނީ ބައިބައިވުމަކީ ނިކަމެތި ކަމަކަށް ވާތީ ކަމަށެވެ. މާތް ނަބިއްޔާގެ އަސްހާބުބޭކަލުން ވެސް އެއްބައިވަންތަކަމުގެ ތަރަހައިގެ ތެރޭގައި ތިއްބެވީ އިސްލާމްކަމުގެ ދިދައިގެ ހިޔަލުގައި، އަދި އެބޭކަލުންގެ ޝިޢާރެއްގެ ގޮތުގައި(لَا إِلَـٰهَ إِلَّا اللهُ مُحَمَّدٌ رَّسُوْلُ اللهِ)މި ކަލިމަފުޅު ހިއްޕަވައިގެން ކަމަށެވެ. އެއް ލަނޑުދަނޑިއަކަށް އަމާޒުހިއްޕަވައިގެން ކަމަށާއި، އެ އަމާޒަކީ މި ކަލިމަފުޅު މަތިވެރިކުރުން ކަމަށް ހުތުބާގައި ބުނެފައިވެއެވެ. މާތް ﷲއަށް އިހްލާސްތެރިވެ، އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންގަތުމުގައި ގުރްބާންވުން ކަމަށާއި، تَقْوَىގެ މަގުގައި ހިންގެވުން ކަމަށެވެ.

ސަލާމަތުގެ މަގަކީ މާތް اللهގެ ފޮތުގައްޔާއި، އެކަލާނގެ ރަސޫލާގެ ސުންނަތުގައި އަންގަވައިފައިވާ މަގެވެ. މާތް ނަބިއްޔާ حَجَّةُ الْوَدَاعގެ ޚުޠުބާގައި ޙަދީޘް ކުރައްވައިފައިވެއެވެ. އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ތެރެއަށް ތިމަންކަލޭގެފާނު ދެ އެއްޗެއް ދޫކުރައްވާފައި ވަމެވެ. އެ ދޭތީގައި ހިފަހައްޓައިގެން ތިބިހައި ހިނދަކު ތިޔަބައިމީހުން ގެއްލެނިވެގެން ނުދާނެތެވެ. އެއީ މާތް اللهގެ ފޮތާއި އެކަލާނގެ ނަބިއްޔާގެ ސުންނަތެވެ. ހަމަކަށަވަރުން އެއް މުސްލިމަކީ އަނެއް މުސްލިމެއްގެ އަޚެކެވެ. މުސްލިމުންނަކީ އަޚުންތަކެކެވެ. އެއްވެސް މީހަކަށް އޭނާގެ އަޚާގެ މުދަލުން އެ އަޚާ އޭނާއަށް ހިތްހެޔޮކަމާ އެކު ދީފި އެއްޗެއް ފިޔަވައި ޙަލާލުވެގެންނެއް ނުވެއެވެ. ތިޔަބައިމީހުން އެކަކު އަނެކަކަށް އަނިޔާވެރިނުވާށެވެ! ތިމަންކަލޭގެފާނު ދުނިޔެ ދޫކުރެއްވުމަށް ފަހު، ތިޔަބައިމީހުން އެއް ބަޔަކު އަނެއް ބަޔަކު ޤަތުލުކޮށް ކާފިރުކަމަށް އެނބުރި ނުދާހުށިކަމެވެ!
ހުކުރު ހުތުބާ

ހުތުބާގައި ބުނެފައިވަނީ ހައްޖު ދުވަހަކީ، އަހަރުތެރޭގައިވާ އެންމެ މާތް ދުވަސް ކަމަށެވެ. އެ ދުވަހަކީ އަރަފާތު ދުވަސް ކަމަށާއި، ހައްޖުގެ އެންމެ މަތިވެރި ރުކުން އަދާކުރާ ދުވަސް ކަމަށެވެ. އަރަފާތު ބިމުގަ ހައްޖުވެރީން އެ ދުވަހުގެ އިރުއޮއްސުމާ ހަމައަށް ތިބޭ ދުވަސް ކަމަށެވެ.

ހުތުބާގައި ބުނެފައިވަނީ އަރަފާތު ދުވަހު ހައްޖުވެރީން ނޫން މީހުން ރޯދަހިފުމީ، مُسْتَحَبُّ ކަމެކެވެ. ޢަރަފާތު ދުވަހުގެ ރޯދައާ ބެހޭ ގޮތުން ސުވާލުކުރެވުމުން މާތް ނަބިއްޔާ ހަދީސްކުރައްވައިފައިވަނީ އެ ދުވަހުގެ ރޯދައިގެ ދަރުމައަކީ އިސްވެދިޔަ އަހަރުގައި ކުރެވިފައިވާ ކުދިފާފަތަކާއި ކުރިއަށް އޮތް އަހަރުގައި ކުރެވިދާނެ ކުދި ފާފަތަކުގެ ކައްފާރާއެއް ކަމަށެވެ.

ހުތުބާގައި ބުނެފައިވަނީ ޙައްޖުވެރިޔާ އެ ދުވަހު ރޯދައަށް ހުރުމެއް ނުވާ ކަމަށާއި، އެހެންނަމަވެސް އޭނާއަށް مُسْتَحَبُّވަނީ ދުއަކުރުމާއި ޒިކުރުކުރުމާއި ކީރިތި ގުރްއާން ކިޔެވުމުގައި ގިނަ ވަގުތު ހޭދަކުރުން ކަމަށެވެ. އަދި މިއީ އެ ދުވަހުގެ އެ މަގާމުގެ ވަޒީފާ ކަމަށްވާއިރު، އެ ދުވަހު ހައްޖުވެރީން ތަވާޟުއުވެރިކަމާއި ހުޝޫއަތްތެރިކަމާއި ނިކަމެތިކަން އިހުސާސްކޮށް ގިނަގިނައިން ތަލްބިޔާގެ އަޑު އުފުލާންވާނެ ކަމަށެވެ.

ހަމަ އެ ފަދައިން މާތް ނަބިއްޔާ އަށް ސަލަވާތްކިޔެވުން ވެސް ގިނަކުރެވޭތޯ ބަލާންވާނެ ކަމަށާއި، ހަޔާތުގައި ކުރެވިފައިވާ ކުށްފާފަތަކަށް ވިސްނައި ފާފަފުއްސަވައިދެއްވައިތޯއާއި ނަރަކައިން މިންޖުކޮށްދެއްވުން އެދި ގިނަގިނައިން ދުއާކުރަންވާނެ ކަމަށެވެ.

- ކޮމެންޓް