ކ. މާލެ
|
13 ޖޫން 2024 | ބުރާސްފަތި 19:28
ނައިމާ މޫސާ މާރާލާފައި އޮއްވާ ފެނުނު އޭނާގެ ގެ
ނައިމާ މޫސާ މާރާލާފައި އޮއްވާ ފެނުނު އޭނާގެ ގެ
ރާއްޖެއެމްވީ
ނައީމާގެ މަރުގެ މައްސަލަ
ނައީމާ މަރާލީ ފަންޑިތަ ހަދާ ކަމަށް ތުހުމަތުކޮށް، ނައީމާ އަކީ ފަންޑިތަ ހަދާ މީހެއް ކަމަށް ތަހުގީގަށް އެނގޭކަށް ނެތް - ފުލުހުން
އޭނާ މަރާލާފައި އޮއްވާ ފެނިފައި ވަނީ 2023 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 7 ވަނަ ދުވަހު
ނައީމާގެ މަރުގެ މައްސަލައިގަ 3 މީހެއްގެ މައްޗަށް ދައުވާ ކޮށްފައިވޭ

ނ. މަނަދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ނައީމާ މޫސާ މަރާލީ އޭނާ ސިހުރު ހަދާކަމަށް ބަޔަކަސް ޤަބޫލުކުރެވިގެން ކަމަށާއި އޭނާ އަކީ ސިހުރު ނުވަތަ ފަންޑިތަ ހަދާ މީހެއް ކަމަށް ތަހުގީގަށް މިހާތަނަށް ފާހަގަވެފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުގެ ޗީފް އިންސްޕެކްޓާ މުހައްމަދު ސާމިހް ވިދާޅުވީ ނައިމާ މޫސާ އަކީ ސިހުރު ހަދާ ނުވަތަ ފަންޑިތަ ހަދާ މީހެއް ކަމަށް ބެލެވޭނެ ސާބިތު އެއްވެސް ހެއްކެއް ފުލުހުންގެ ތަހުގީގުން ހޯދިފައި ނުވާ ކަމަށެވެ. އަދި ރަށު ތެރޭގައި ދެކެވުނު ވާހަކަތައް ފިޔަވައި އިތުރު އެއްވެސް ހެއްކެއް އެކަމާއި މެދު ފެންނަން ނެތް ކަމަށް އެނާ ވިދާޅުވިއެވެ. އެހެން ނަމަވެސް ނައީމާ މަރާލި މަޤްސަދު ނުވަތަ މޯޓިވް އަކީ އޭނާ އަކީ ސިހުރު ހަދާ މީހެއް ކަމަށް ބަޔަކަށް ގަބޫލުކުރެވުމުގެ ސަަބަބުން ބަދަލު ހިފުން ކަމަށް ސާމިހު ވިދާޅުވިއެވެ. ސާމިހު ވިދާޅުވީ ނައީމާ އަކީ ސިހުރު ހަދާ މީހެއް ކަމަށް ބުނެ އޭނާ މަރާލީ އެކަމުގެ ބަދަލު ހިފުމަށް ކަން ފުލުހުން ހޯދި ހޯދުންތަކުން އެނގޭ ކަމަށެވެ.

ނައީމާ މަރާލި އިރު އޭނާގެ އުމުރަކީ 62 އަހަރެވެ. އޭނާ މަރާލާފައި އޮއްވާ ފެނިފައި ވަނީ 2023 ވަނަ އަހަރުގެ އެޕްރީލް މަހުގެ 7 ވަނަ ދުވަހުއެވެ. އޭނާ މަރާލާފައި އޮއްވާ ފެނިފައި ވަނީ އޭނާ ދިރިއުޅޭ ގޭގެ ކޮޓަރިންނެވެ.

ނައީމާގެ މަރުގެ މައްސަލައިގައި 3 މީހެއްގެ މައްޗަށް ވަނީ ދައުވާކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ނ.މަނަދޫ އަށް އުފަން އެ ރަށު ފިނިފެންމާގެ، އަބްދުލްވާހިދު ރިފާސްގެ (21އ) ، ނ.މަނަދޫ ފެހިވިލާގެ، އަހުޒަމް އަބްދުލްޝަކޫރު (23އ)ގެ އިތުރުން އެރަށު ވިނަރެސް، ހުސައިން ފަވާޒު (21އ)އެވެ. އެ މީހުންގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހުން މެރުމުގެ ދައުވާ އާއި އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާއެވެ. އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާ ވެސް ވަނީ ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
ކޮމެންޓް