Advertisement
ކ. މާލެ
|
5 ޑިސެންބަރ 2025 | ހުކުރު 22:06
ކުރިން އަތުލައިގަނެފައިވާ މަސްތުވާތަކެތި
ކުރިން އަތުލައިގަނެފައިވާ މަސްތުވާތަކެތި
މޯލްޑިވްސް ކަސްޓަމްސް ސާރވިސް
ފުލުހުން
ގެސްޓް ހައުސްއެއް ގައި މަރުވެފައި އޮއްވާ ފެނުނު ނޭޕާލް މީހާގެ ގޮހޮރުން ނެގީ 78 ޑްރަގް ބުލެޓް!
ނޮވެމްބަރު 30 ގައި ހުޅުމާލޭ ގެސްޓް ހައުސްގައި މަރުވެފައި އޮއްވާ ފެނުނީ 40 އަހަރުގެ ނޭޕާލް ފިރިހެނެއް
މަރުވި މީހާގެ ހަށިގަނޑުން 78 ޑްރަގް ބުލެޓް ނަގާފައިވާއިރު މި ތަކެތީގެ ބަރުދަނަކީ 818 ގްރާމް

މިދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ހުޅުމާލޭގައި ހުންނަ ގެސްޓް ހައުސްއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ނޭޕާލް މީހާގެ ގޮހޮރުން 78 ޑްރަގް ބުލެޓް ނަގާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މީޑިއާތަކާ ހިއްސާ ކުރި މެސެޖެއްގައި ބުނީ މިދިޔަ ނޮވެމްބަރު 30 ވަނަ ދުވަހުގެ 12:57 ހާއިރު ހުޅުމާލޭގައި ހުންނަ ގެސްޓް ހައުސްއެއްގެ ކޮޓަރިއެއްގައި މަރުވެފައި އޮއްވާ ފެނިފައި ވަނީ 40 އަހަރުގެ ނޭޕާލް ފިރިހެނެއް ކަމަށެވެ.

މި މީހާ ރާއްޖެ އައިސްފައި ވަނީ އިތުރު ދެމީހަކާ އެކު ނޮވެމްބަރު 26 ވަނަ ދުވަހު ކަން އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެ ދެ މީހުން މާފުށީގައި ތިބުމަށްފަހު ހުޅުމާލޭ ގައި ހުންނަ ގެސްޓް ހައުސްއަށް ޗެކިންގ ވެފައިވަނީ ނޮވެމްބަރު 28 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. އަދި އޭނާއާއެކު ރާއްޖެ އައި ދެމީހުން ހަމަ އެ ދުވަހު ރާއްޖެ ދޫކޮށް ފިލައިގެން ގޮސްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މަރުވި މީހާ ގެ ހަށިގަނޑު ގައި އަނިޔާގެ ނިޝާނެއް ނެތް ކަމަށެވެ. އޭނާ ގެ ހަށިގަނޑު ގެ ސީޓީ ސްކޭނެއް ހަދާފައިވާއިރު މި ސްކޭނުން އޭނާގެ ގޮހޮރު ގައި މަސްތުވާތަކެތި ހުރިކަމަށް ފާހަގަކުރެވުނު ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

މިކަމުގައި ގާނޫނީ ގޮތުން އަމަލު ކުރަންވީ ގޮތުގެ ލަފާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހޯދައި، 2025 ޑިސެންބަރު 2 ވަނަ ދުވަހުގެ ރޭ އޭނާ ގެ ހަށިގަނޑު ގައި ހުރި މަސްތުވާތަކެތި ޑޮކްޓަރެއްގެ އެހީތެރިކަމާއެކު ނަގާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ އެ މީހާ ގެ ހަށިގަނޑުން ތަކެތި ނެގުމުގެ އޮޕަރޭޝަން ސިއްހީ ހިދުމަތްދޭ ތަނެއްގައި ކޮށްފައި ނުވަނީ އެފަދަ އޮޕަރޭޝަނެއް ކުރެވޭ ވަރަށްވުރެ ބޮޑަށް ހަށިގަނޑި ޑީކޮމްޕޯސްވެފައި އޮތުމުގެ ސަބަބުން ކަމަށެވެ. އަދި ތަކެތި ނެގުމުގެ އޮޕަރޭޝަން ކޮށްފައިވަނީ އެކަމަށް ހާއްސަ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ލަފައާއެކު ޑޮކްޓަރުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެގޮތުން އޭނާގެ ހަށިގަނޑުން ޖުމްލަ 78 ޑްރަގް ބުލެޓް ނަގާފައިވާއިރު، މިތަކެތީގެ ބަރުދަނަކީ 818 ގްރާމް ކަން ފުލުހުން ވަނީ ހާމަ ކޮށްފަ އެވެ.

މި މައްސަލައިގެ މައުލޫމާތު ހާމަ ކޮށްފައި ނުވަނީ މި މައްސަލައަކީ ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވުމާއި މި މައްސަލާގައި ވަށައިގެންވާ ކަންކަމަށް ބަލައި، ލިބިފައިވާ މައުލޫމާތުތައް ކަށަވަރުކޮށް، މައްސަލާގައި ހިމެނޭ މީހުން ދެނެގަތުމަށާއި މިކަމާ ގުޅުންހުރި އިތުރު މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދިއުމާއެކު ކަމަށް ފުލުހުން ގެ މެސެޖުގައި ވެއެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރުމުގެ މަސައްކަތް މިހާރު ވެސް ފުލުހުން ކުރަމުންދާ ކަމަށެވެ. އަދި މައްސަލަތަކާ ގުޅޭގޮތުން މައުލޫމާތު ހާމަކުރުމުގައި ދޮގު މައުލޫމާތު ނުފެތުރުމަށާއި މައުލޫމާތު ހާމަކުރާއިރު ތެދު މައުލޫމާތު ހިއްސާކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

- ކޮމެންޓް