މިއަދުގެ ގައުމުގައި ޤާނޫނީ ވެރިކަމެއް ހިންގާނަމަ ފުރަތަމަ ހައްޔަރުކުރަންޖެހޭނީ ރައީސް އަބްދުﷲ ޔާމީން ކަމަށް އިދިކޮޅު އެމްޑީޕީގެ ނައިބުރައީސް މުޙައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ޔާމީންގެ އިސްތަށިފުޅުގައި އެތައް ތުޙުމަތެއް އެޅިފައިވާކަން ފާހަގަކުރައްވާ ޝިފާޒް ވިދާޅުވީ، ރައީސް ޔާމީން ހިންގަވަނީ ޤާނޫނީ ހުކޫމަތެއްކަމަށް ވިދާޅުވުމުގެ ޙައްޤު ރައީސް ޔާމީނަށް ނެތް ކަމަށާ، ޤާނޫނާއި އެއްގޮތަށް ވެރިކަން ހިންގަވާނަމަ ފުރަތަމަ ހައްޔަރުކުރަންޖެހޭނީ ޚުދު ރައީސް ޔާމީން ކަމަށެވެ.
ޝިފާޒް ވިދާޅުވީ ރައީސް ޔާމީންގެ އިސްތަށިފުޅުގައި ނޭޅޭ އިލްޒާމެއް ނެތް ކަމަށާ، އެކަންކަން ބަލަން ޖެހޭ ކަމަށެވެ.
"މިރާއްޖޭގެ ދިގު ތާރީހުގަ އެންމެ ބޮޑު ވައްކަމުގެ ތުހުމަތެއް މި ސަރުކާރުގަ. ރާއްޖޭގެ ރައްޔިތުން އެދަނީ މިސަރުކާރުގެ ބޮލުގަ، މި ސަރުކާރުގެ އިހުމާލެއް އެކަމުގަ އޮތްކަމަށް، އަދި ޚުދު ރައީސް ޔާމީން އަމިއްލަފުޅަށް އެވާހަކަތައް ވިދާޅުވަމުން ގެންދެވި. ކޮރަޕްޝަން އިންތިހާއަށް އޮތްކަމަށް...މިފަދަ އެތައް އެތައް ވާހަކަތަކެއް. އެތައް ޒުވާނުންނެއް މާލޭގެ މަގުތަށްމައްޗަށް ކަތިލެވިގެން ގޮއްސި. ސިޔާސީ އެތައް ފަރާތަކަށް އެތައް އިންޒާރެއްދީ އަދި ބޭބޭފުޅުން ދުނިޔެއަޅާ ގޮއްސި. އަދި މިވަގުތު ހާލަތަކީ، ބާރުވެރިކަން އިންތިހާއަށް ހޯދުމަށްޓަކާ ނެތްބާރެއް އުފަންކޮށްގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް އެތިބެނީ ބަންދުކޮށްފަ،"
ޝިފާޒް ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ދެކޮޅަށް ސަރުކާރުން ހިންގާ ކަންކަމަކީ، ރައްޔިތުންގެ މަޖިލިސް ބޭނުންކޮށްގެން ރާއްޖޭގެ ރައްޔިތުންގެ މައްޗަށް ރައީސް ޔާމީން ހިންގެވި ބާރުވެރިކަމާއި އަނިޔާވެރިކަމާއި ހުދުމުހުތާރު އުސޫލުތައް ނިމުމަކަށް އަންނާތީ އެކަމާ ކަންބޮޑުވެގެން ހިންގާ ކަންކަން ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލިސް "ހިފެހެއްޓުމުގެ" ބޭނުމުގައި ރައްޔިތުން އިންތިޚާބުކުރި އެތައް މެންބަރުންނެއް ނުހައްގުން ބަންދުކޮށް، ގޮނޑި ގެއްލުވާލުމުގެ އަމަލުތައް މިސަރުކާރުން ހިންގަމުން ގެންދާކަން ޝިފާޒް ފާހަގަކުރެއްވިއެވެ.
ޝިފާޒް ވިދާޅުވީ ރައްޔިތުން ތިބީ ސަރުކާރުން ހިންގާ މިފަދަ ކަންކަމަށް ޖާގަ ދޭން ނޫން ކަމަށާ، މި ދައުލަތުގެ ހުރިހާ ކަމެއް ހަމަޖެހިފައި އޮންނަން ޖެހޭނީ ރައީސް ޔާމީންގެ ބޭނުންފުޅުތަކަށް، އެމަނިކުފާނުގެ ހިތްޕުޅު ހަމަޖައްސައިދިނުމަށް ނޫން ކަމަށެވެ.