ރާއްޖެޓީވީގެ ޗީފް އޮޕްރޭޓިންގ އޮފިސަރ، ޙުސައިން ފިޔާޒް މޫސާ އާއި ދެކޮޅަށް ދައުލަތުން ކޮށްފައިވާ އަތްލުމުގެ ކުށުގެ ދަޢުވާ އަކީ ވުޖޫދުގައި ނެތް މައްސަލައެއް އުފައްދައިގެން ޕްރޮސެކިއުޓަރ ޖެނެރަލް ކުރައްވާފައިވާ ދަޢުވާއެއްކަމަށް ރާއްޖެޓީވީން ބުނެފިއެވެ.
ފިޔާޒްގެ މައްސަލައިގައި ޙުކުމް ކުރުމުގެ ޝަރީއަތުގެ މަޖިލިސް، ކްރިމިނަލް ކޯޓުގައި ބުރާސްފަތި ދުވަހަށް ތާވަލް ކުރުމާއި ގުޅިގެން، ރާއްޖެޓީވީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޖިނާއީ ކުށެއް ކުރިކަމަށް ތުޙުމަތުކޮށް، ފިޔާޒްގެ މައްޗަށް ކޮށްފައިވާ ދަޢުވާއަކީ، ވުޖޫދުގައި ނެތް މައްސަލައެއް އުފައްދައިގެން ޕްރޮސެކިއުޓަރ ޖެނެރަލް ކުރައްވާފައިވާ ދަޢުވާއެއްކަމަށް ދެކޭ ކަމަށެވެ.
އެގޮތުން ފާއިތުވެދިޔަ ދޮޅު އަހަރު، އެކި ދުވަސްމަތިން ފިޔާޒް ކޯޓަށް ގެންގޮސް ކުރެވިފައިވާ ތުޙުމަތު ސާބިތުކޮށްދެވޭތޯ ޕްރޮސެކިއުޓަރ ޖެނެރަލް ކުރެއްވި ކޮންމެ މަސައްކަތަކުން މިއީ އަސްލެއް ނެތް މައްސަލައެއްކަން އިތުރަށް ހާމަވެގެން ދިޔަކަން ފާހަގަކޮށް، ރާއްޖެޓީވީގެ ބަޔާނުގައި ބުނެފައިވަނީ، މި މައްސަލައިގައި ދައުލަތުން ހުށަހެޅި ހެކީންނަށް ޝަރީޢަތުގެ މަޖިލީހުގައި، ޝައްކެއް ނެތް މިންވަރަށް އެކަށީގެންވާ ހެކި ހުށަހެޅިފައިވާކަމަށް ދިފާޢީ ވަކީލުންވެސް ނުދެކޭ ކަމަށާ، ހެކިންގެ ހެކިބަހުގައި ވަރަށް ސާފުކޮށް، ފުށުއެރުންތައް ހިމެނޭ ކަމަށެވެ.
ރާއްޖެޓީވީގެ މި ބަޔާނުގައި ވަނީ، ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުގައި ހުރި ބައެއް ފުށުއެރުންތަކާއި، މައްސަލަ ހުށަހެޅުމުގައި ހުރި ސުވާލު އުފެދޭ ބައެއް ކަންކަން ފާހަގަކޮށްފައެވެ.
ފިޔާޒްގެ މައްސަލައިގައި ދައުލަތުން ހުށަހެޅި 3 ހެކިންގެ ތެރޭގައި ރުހުމަކާ ނުލައި ފިޔާޒް އަތްލިކަމަށް ބުނެ މައްސަލަ ހުށަހެޅި ފުލުހުންގެ މީހާވެސް ހިމެނެއެވެ. އަދި އޭނަގެ ހެކިބަސް މި މައްސަލައިގައި ނެގިއިރު އޭނާގެ ގައިގައި ފިޔާޒް އަތްލި ގޮތް ސާފުކޮށް ކިޔައިދެވިފައެއް ވެސް ނުވެއެވެ. އަދި ފިޔާޒް އެ އަމަލު ހިންގި ކަމަށް ބުނެ ހެކިބަސްދިން އިތުރު ހެކިބަހުގައި އެންމެ ކުޑަމިނުން އެމީހުންނާ ފިޔާޒް އާއި ދެމެދު ހުރި ދުރުމިން އެއްގޮތަށް ބުނެއެއް ނުދެވުނެވެ. މިކަން މިހެން އޮތްއިރު، ފުރަތަމަ މައްސަލަ ހުށަހެޅީވެސް މީހެއްގެ ގައިގައި ޖެހިކަމަށް ބުނެއެވެ. ފަހުން އެކަން އަތްލިކަމަށް ބަދަލުވެ، ދައުވާ އުފުލުނީ އަތްލިކަމުގެ ތުޙުމަތުގައެވެ.
ނޫސްވެރިކަމުގެ ދާއިރާގައި 17 އަހަރު ހޭދަކޮށް، އެތައް ބަޔަކާއެކު ފިޔާޒު މަސައްކަތް ކޮށްފައިވާއިރު މިފަދަ ކަމެއްގެ ތުޙުމަތުވެސް ފިޔާޒާމެދު ކުރެވިފައިނުވާކަން ފާހަގަކޮށް ބަޔާނުގައި ބުނެފައިވަނީ، މި މައްސަލައިގައި ޙައްޤަށް ނަޞްރު ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށާ، ކޮންމެހެންވެސް ފިޔާޒަށް އަދަބެއް ދިނުމުގެ ނިޔަތުގައި ޕްރޮސެކިއުޓަރ ޖެނެރަލް ކުރައްވަމުން ގެންދަވާ މަސައްކަތް ނާކާމިޔާބުވެ، ފިޔާޒަށް އިންސާފު ލިބުމަށް ރާއްޖެޓީވީން އުއްމީދު ކުރާ ކަމަށެވެ.