ކ. މާލެ
|
12 ޖޫން 2024 | ބުދަ 23:28
އިޒްރޭލުގެ އުތުރުގައި އޮންނަ ކިރިޔަތު ޝްމޯނާ ކައިރީގައި އޮންނަ ސަރަހައްދެއްގައި ދުމާއި އަލިފާން ފެތުރިފައި
އިޒްރޭލުގެ އުތުރުގައި އޮންނަ ކިރިޔަތު ޝްމޯނާ ކައިރީގައި އޮންނަ ސަރަހައްދެއްގައި ދުމާއި އަލިފާން ފެތުރިފައި
އަޔާލް މާގޯލިން/ރޮއިޓާސް
ފަލަސްތީން އިސްރާއީލް ހަނގުރާމަ
ހިޒްބުﷲ އިން އިޒްރޭލަށް ރޮކެޓް ފުންޏެއް އޮއްސާލައިފި
ހިޒްބުﷲ ގެ މި ހަމަލާ އާ އެކު އިޒްރޭލާ އެ ޖަމާއަތާ ދެމެދު ބަދަލު ކުރެވެމުންދާ ހަމަލާތައް އިތުރަށް ނުރައްކާ ވެގެން ހިނގައިދާނެ

ގާޒާ ގައި އިޒްރޭލް ސިފައިން ހަނގުރާމަ ފެށިފަހުން ހިޒްބުﷲ އިން މިހާތަނަށް އިޒްރޭލަށް ދިން އެންމެ ވަރުގަދަ ރޮކެޓް ހަމަލާ ބުދަ ދުވަހު ހެނދުނު ދީފައެވެ.

ދެކުނު ލުބުނާނަށް އިޒްރޭލު ސިފައިން އަންގާރަ ދުވަހު ހަވީރު ދިން ހަމަލާ އެއްގައި ހިޒްބުﷲ ގެ އިސް ކޮމާންޑަރަކު މަރުވެފައި ވާތީ އެކަމަށް ބަދަލު ހިފުމުގެ ގޮތުން ބުދަ ދުވަހު އިޒްރޭލަށް ސަތޭކައެއްހާ ރޮކެޓް ފޮނުވާފައިވާ ކަމަށް ހިޒްބުﷲ އިން ވަނީ ބުނެފައެވެ.

ހިޒްބުﷲ ގެ މި ހަމަލާ އާ އެކު އިޒްރޭލާ އެ ޖަމާއަތާ ދެމެދު ބަދަލު ކުރެވެމުންދާ ހަމަލާތައް އިތުރަށް ނުރައްކާ ވެގެން ހިނގައިދާނެ ކަމަށް މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.

އިޒްރޭލުންވެސް ހިޒްބުﷲ އިން ވެސް ބުނެފައިވަނީ ހަނގުރާމަ އަށް ތައްޔާރަށް ތިބި ކަމަށެވެ.

ހިޒްބުﷲ ގެ މި ހަމަލާ އިޒްރޭލަށް ދިންކަން އިޒްރޭލުގެ އަސްކަރިއްޔާ އިން ވެސް ވަނީ ކަށަވަރު ކޮށްފީފައެވެ. އިޒްރޭލުން ބުނީ ލުބުނާންގެ ސަރަހައްދުން އިޒްރޭލަށް 90 ރޮކެޓް ހަމަލާ ދީފައިވާ ކަމަށެވެ. އިޒްރޭލުން ބުނީ ގިނަ ރޮކެޓްތައް މަތަ ކުރެވުނު ކަމަށެވެ. އެހެން ނަމަވެސް އެތައް ރޮކެޓެއް ބިމާ ހަމައަށް ވާސިލްވެ ސަރަހައްދުގައި އަލިފާން ރޯވި ކަމަށް ބުނެފައިވެއެވެ. އެއްވެސް މީހަކަށް މި ހަމަލާގެ ސަބަބުން ގެއްލުންވީ ކަމަކަށް އިޒްރޭލުން ބުނެފައެއް ނުވެއެވެ.

މި ހާދިސާ އަށް ފަހު އިޒްރޭލުގެ ހަނގުރާމަމަތީ ބޯޓުތަކުން ދެކުނު ލުބުނާންގެ ސަރަހައްދު ތަކަށް ވަނީ ހަމަލާ ދީފައެވެ. އިޒްރޭލުން ބުނެފައިވަނީ ހަމަލާ ދިނީ އިޒްރޭލަށް ރޮކެޓް ހަމަލާ ފޮނުވާ ސައިޓްތަކަށް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް