ކ. މާލެ
|
10 އޯގަސްޓް 2017 | ބުރާސްފަތި 00:38
ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި މަރަން ޙުކުމްކޮށްފައިވާ ހ.ލޮބީ ޙުސައިން ހުމާމް
ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި މަރަން ޙުކުމްކޮށްފައިވާ ހ.ލޮބީ ޙުސައިން ހުމާމް
ގޫގުލް
ހުމާމްގެ މަރުގެ ޙުކުމް
މައުމޫން ހަމީދުގެ ސުވާލު: ފުރިހަމަނުވާ ތަޙުޤީޤަކާއި ގުޅުވައި ހުމާމް މަރަން އުޅެނީ ކީއްވެ؟
ފުލުހުން ވަނީ ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލަ އަލުން ބަލަން ފަށާފަ

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު، ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި އަވަސް އަރުވާލައިގެން، ހ.ލޮބީ ޙުސައިން ހުމާމް މަރަން އުޅެނީ ކީއްވެގެންތޯ، މަޝްޙޫރު ޤާނޫނީ ވަކީލް އަލްއުސްތާޒް މައުމޫން ހަމީދު ސުވާލު ކުރައްވައިފިއެވެ.

ބުދަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރި ބައެއް ކަންކަމާއި ގުޅިގެން މައުމޫން ހަމީދު ކުރެއްވި ޓްވީޓެއްގައި ވަނީ، ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގެ ތަޙުޤީޤު ފުރިހަމަ ނުވާ ކަމަށް ފުލުހުން އެއްބަސްވީއިރު، ފުރިހަމަނުވާ ތަޙުޤީޤަކަށް ބިނާކޮށް، އެ މައްސަލައިގައި މަރަން ޙުކުމް ކޮށްފައިވާ ހުމާމް މެރުމަށް، އަވަސް އަރުވާލައިގެން އުޅެމުންދަނީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ.

މައުމޫން ހަމީދު މިފަދައިން ޓްވީޓް ކުރެއްވިއިރު، ފުލުހުންގެ ތެރޭގައި އަލަށް އުފެއްދި މޭޖަރ ކްރައިމް އިންވެސްޓިގޭޝަން ސެންޓަރުން، ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލަ އާއި ނޫސްވެރިޔާ އަޙުމަދު ރިލްވާން ގެއްލުވާލި މައްސަލަ އަލުން ތަޙުޤީޤުކުރަން ފަށާފައިވާކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.

އެގޮތުން، އަލަށް އުފެއްދި ސެންޓަރުގެ ތެރެއިން، ޑރ. އަފްރާޝީމާއި ރިލްވާންގެ މައްސަލަ ކުރިއަށް ވުރެ ފުރިހަމައަށް ތަޙުޤީޤު ކުރެވިގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި ހުމާމް މަރަން ހުކުމް ކުރި ނަމަވެސް، މި ޖަރީމާގެ ފަހަތުގައި ތިބި ބަޔަކު އަދިވެސް ހޯދިފައެއް ނުވެއެވެ.

ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒު ނުކުރާތާ 60 އަހަރު ވެފައިޥާއިރު، އަލުން އެ ޙުކުމް ތަންފީޒު ކުރަން ފެށުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން މަރުގެ ހުކުމް ތަންފީޒް ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަރަށް މަރު ހިފަން ފަށާނެ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވަނީ މި އޯގަސްޓް މަހުގެ ދެވަނަ ދުވަހު ވިދާޅުވެފައެވެ.

އަދި އޭގެ ފަހުން އޯގަސްޓް 6 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ، ކުރިއަށްއޮތް ސެޕްޓެމްބަރު މަހުގެ ތެރޭގައި ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމުގެ މަސައްކަތް ފެށިގެން ދާނެކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒުކުރުން އަލުން ފަށާއިރު، ގިނަ ބަޔަކު ދަނީ، ރާއްޖޭގައި އޮތް ޝަރުޢީ ނިޒާމަށް ރައްޔިތުންގެ ފުރިހަމަ އިތުބާރު ލިބިގެން ނުދަނީސް މަރުގެ ޙުކުމް ތަންފީޒު ކުރުމާއިމެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް