ކ. މާލެ
|
11 ޖޫން 2024 | އަންގާރަ 17:17
އދ.މަހިބަދޫ
އދ.މަހިބަދޫ
އދ.މަހިބަދޫގެ ބިމުގެ ދަތިކަން
އދ.މަހިބަދޫ ގޮނޑުދޮށް ހިމާޔަތްކުރުމާއި ޕިކްނިކް އައިލެންޑް ހެދުމަށް ހުށަހެޅި ޕްލޭނާ މެދު އާންމުންގެ ކަންބޮޑުވުން
ކައުންސިލްގެ ފަރާތުން ނިންމާ ނިންމުންތަކާއި މަޝްވަރާ ކުރުމަށް ރައްޔިތުންނާއެކު މިމަހު 01 ގައި ސްކޫލު ހޯލުގައި ވަނީ ރައްޔިތުންގެ ބައްދަލުވުމެއް ބާއްވާފަ
2024 ވަނަ އަހަރުގެ ބަޖެޓުގައި މަހިބަދޫ ފަޅު ހިއްކުން ހިމެނުމާއެކު ރަށުގެ ރައްޔިތުން ތިބީ ވަރަށް ބޮޑު އުންމީދެއްގަ

އދ.މަހިބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ޕިކްނިކް އައިލެންޑް ހެދުމަށް މިސަރުކާރުން ހުށަހަޅާފައިވާ ޕްލޭނާ މެދު ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ނުރުހުން ފާޅުކޮށް އެ ޕްލޭން ބަދަލުކުރުމަށް އެދެންފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން، ކައުންސިލްގެ ފަރާތުން ނިންމާ ނިންމުންތަކާއި މަޝްވަރާ ކުރުމަށް ރައްޔިތުންނާއެކު މިމަހު 01 ގައި ސްކޫލު ހޯލުގައި ވަނީ ރައްޔިތުންގެ ބައްދަލުވުމެއް ބާއްވާފައެވެ. މިބައްދަލުވުމުގެ އެޖެންޑާގައި ހިމަނާފައިވަނީ

1- ރަށުގައި މިހާރު ކުރިޔަށްދާ މަޝްރޫޢު ތަކާއި ކުރިއަށް ފެށުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކާއި ބެހޭގޮތުން މަޝްވަރާކުރުން

2- ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުމެވެ.

އެ ބައްދަލުވުމުގައި ކައުންސިލްގެ ފަރާތުން މައިގަނޑު 2 ކަމެއް ފާހަގަކޮށްފައި ވެއެވެ. އޭގެ ތެރޭގައި ގޮނޑުދޮށް ހިމާޔަތްކޮށް ޕިކްނިކް އައިލެންޑެއް މަހިބަދޫ ފަޅުގައި ހެދުމާއި، ޒަމާނީ ފެންވަރަކަށް މަގުހެދުމުގެ 2 ވަނަ ފިޔަވައްސާބެހޭ މަޢުލޫމާތު ވަނީ ދީފައެވެ.

Advertisement

އެއަށްފަހު ރައްޔިތުން ބޭނުންވާ ޚިޔާލާއި ސުވާލު ކުރުމަށް ހުޅުވާލި ނަމަވެސް އެކަމަށް ދީފައިވަނީ ވަރަށް ހަނި ފުރުސަތެއް ކަމަށް ރާއްޖެއެމްވީ އަށް މައުލޫމާތު ދިން އާއްމު މީހަކު ވަނީ ބުނެފައެވެ. އެހެންނަމަވެސް އެ ފުރުސަތުގައި ގިނަ ރައްޔިތުން ޚިޔާލާއި ސުވާލުތައް ހުށަހަޅާފައިވާ ކަމަށް އޭނާ ބުންނެވެ. އެ ބައްދަލުމުގައި ވާހަކަދެއްކި ރައްޔިތުންގެ ތެރެއިން ގާތްގަނޑަކަށް %95 މީހުން އިއްތިފާގުވަނީ ޕިކްނިކް އައިލެންޑް މަހިބަދޫ ކައިރީގައިވާ މާފަރު ފަޅަށް ބަދަލުކުރުމަށްފަހު މަހިބަދޫ ފަޅުން ހިއްކެން އޮތް އެންމެ ބޮޑު އަދަދެއް ހިއްކުމަށް ކަމަށް ރާއްޖެއެމްވީ އަށް ވަނީ މައުލޫމާތު ލިބިފައެވެ. އެ ރަށުގެ އާންމު މީހަކު ބުނީ އެ ރަށުން ހިއްކާބިމުން ގޯތި ދިނުމާއި ރޯހައުސް އަދި ސިނާއީ އެކިއެކި ބޭނުންތަކަށް ގިނަ ރައްޔިތުންނަށް ދިނުމަށް އާންމުން އެދިފައިވާ ކަމަށެވެ.

ބައެއް އާންމުން ވަނީ އެ ރަށަށް ދިމާވެފައިވާ ގެދޮރުވެރިކަމާއި ކުނިމެނޭޖްކުރުން އަދި އޮޑިދޯނިފަހަރު ބެލެހެއްޓުމުގެ ކަންކަމުގައި އެ ޕްލޭނުގައި ހައްލު ހޯދާދެވިފައި ނެތް ކަމަށް ބުނެފައެވެ. އަދި ޕިކްނިކް ދާ ރަށެއް ފަޅުތެރޭގައި ހެދުމުން ދިމާވެދާނެ އިޖްތިމާއީ މައްސަލަތައް އިތުރު ވާނެކަމަށް އާންމުން ވަނީ ބުނެފައެވެ.

2022 ވަނައަހަރުގެ ބޯހިމެނުމަށް ބަލާއިރު މަހިބަދޫ އަކީ ރާއްޖޭގައި އެންމެ ތޮއްޖެހިފައިވާ އެއް ރަށެވެ. އެ ރަށަށް ގެދޮރުވެރިކަމާއި، ބިމުގެ ދަތިކަން، ކުނި މެނޭޖްކުރުން އަދި އޮޑިދޯނިފަހަރު އެހެލާ މަރާމާތުކުރުމުގެ މައްސަލަ ދިމާވެއެވެ.

އެހެންނަމަވެސް މިއިން އެއްވެސް ކަމަކަށް އެކަށީގެންވާ ޙައްލެއް ހޯދޭނެކަމަށް ކައުންސިލްގެ ފަރާތުން ހުށަހަޅާފައިވާ ޕްލޭނުން ފެންނަން ނެތުމަކީ އާންމުންގެ ކަންބޮޑުވުމެކެވެ.

ރާއްޖެއެމްވީ އާ ވާހަކަދެއްކި އިތުރު ބައެއް އާންމުން ވެސް ވަނީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. ބައެއް އާންމުން ބުނީ ޕިކްނިކް އައިލެންޑް މާފަރުފަޅަށް ބަދަލުކުރުމަށްފަހު، ރަށުގެ ފަޅުން ހިއްކެން އޮތް އެންމެ ބޮޑު އަދަދެއް ހިއްކުމަށްފަހު، އޮޑިދޯނި އެހެލާ މަރާމާތުކުރުމަށާއި އެހެނިހެން ވިޔަފާރިތަކަށް ބިންދިނުމަށް ފެންނަ ކަމަށެވެ. އަދި ރަށުތެރެއަށް އުނދަގޫވުން އެންމެ ކުޑަ ހިސާބަކަށް ކުނިގޮނޑު ބަދަލުކުރުން ނުވަތަ ކުނިމެނޭޖްކުރާ އެހެން ތަނެއް ހެދުމަށް ފެންނަ ކަަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން، އެންމެ މުހިއްމު ކަމެއްގެ ގޮތުން ބޯހިޔާވަހިކަން ބޭނުންވާ ގިނަ ފަރާތްތަކަކަށް ގޯތި އަދި ރޯހަސުސް ލިބޭނެގޮތް ހެދުމަށް މަގުފަހިކޮށްދިނުން މުހިއްމުކަމަށް ވަނީ ބުނެފައެވެ.

ކައުންސިލާއި ސަރުކާރުގެ މިނިސްޓްރީތަކާއި އެކު ކުރެވުނު މަސައްކަތްތަކުން 2023 ވަނަ އަހަރުގެ ތެރޭގައި މަހިބަދޫ ބިންހިއްކުމުގެ ޕްރޮޖެކްޓެއްގެ މަޝްވަރާތައް ކުރެވި، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ އާ އެކު އެއްބަސްވުމަކަށް އާދެވި، ކައުންސިލްގެ ޤަރާރަކުން މަހިބަދޫގެ ފަޅުން 15 ހެކްޓަރުގެ ބިން ހިއްކުމަށް ކުރެހުމެއް ފާސްކޮށްފައި ވަނިކޮށް އެކަން ބަދަލުކޮށް މަހިބަދޫ ފަޅުގައި ޕިކުނިކް އައިލެންޑެއް ތަރައްޤީ ކުރުމުގެ މަޝްވަރާ ރައްޔިތުންނާ ހަމަ ތިޔަ ކައުންސިލުން ކުރަމުން ދާތީވެ މަހިބަދޫ ރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑު ނުހަނު ކަންބޮޑުވޭ
މަހިބަދޫގެ އާންމު ރައްޔިތެއް

ރާއްޖެއެމްވީ އަށް މައުލޫމާތު ދިން އާންމު މީހަކު ބުނީ ނިމިދިޔަ އަހަރުގައި ކައުންސިލުން ފާސްކޮށްފައިވާ ކުރެހުން މިހާރު ބަދަލުވުމާ ބެހޭގޮތުން ބައެއް ބޭފުޅުން ސުވާލުކުރުމުން ކައުންސިލުން އެއްވެސް އިރެއްގައި ޗާޓެއް ހުށަނާޅާކަމަށާއި، ނިމިދިޔަ ސަރުކާރުން ދެފަހަރެއްގެމަތިން ކުރެހުމެއް ހުށަހެޅި ނަމަވެސް އެމަސައްކަތް ނުކުރެވި އޮތުމާގުޅިގެން މިހާރުގެ ސަރުކާރުން ހުށަހެޅި ޗާޓަކީ ފަހުން ހުށަހެޅި ޗާޓުކަމަށް ކައުންސިލުން ބުނެފައިވާ ކަމަށެވެ. އަދިކައުންސިލް ބައްދަލުވުމުގައި އެހެނިހެން ޗާޓުގެ ވާހަކަ ނުދައްކާ މިޗާޓަށް ހިޔާލުފާޅުކޮށް މިޗާޓަށް ވާހަކަދެއްކުމަށް އެދޭކަމަށް ކައުންސިލުން ބުނެފައިވާ ކަމަށާއި، މި ސަރުކާރުން ހުށައެޅި ޗާޓަކީ މިއީ ކަމަށާއި، މިދިޔަ ސަރުކާރުން ޗާޓެއް ހުށައަޅާފައިއޮއްވާ، އެޗާޓު ދޫކޮށްލުމަށް ފަހު ކައުންސިލުން މަސައްކަތް ކުރަނީ މިސަރުކާރުން ހުށަހެޅި ޗާޓަކާއި އެކު ކުރިއަށް ދިއުމަށް ކަމަށް ރާއްޖެއެމްވީ އާ ވާހަކަދެއްކި އާއްމުން ބުނެފައިވެއެވެ.

އެކަމާއި މެދު އާންމުން ވަނީ ވަަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. ރާއްޖެއެމްވީ އާ ވާހަކަދައްކަވަމުން ބައެއް އާންމުން ވަނީ އެ މީހުންގެ ޝުޢޫރުތައް ހިއްސާކޮށްފައެވެ.

މާފަރު ފަޅު ހިއްކުމަށްފަހު މީހުނަށް ދިރިއުޅެވޭނެ ވަސީލަތްތަކާއެކު އެރަށް ފުރިހަމަކުރުމަށް ގާތްގަނޑަކަށް 30 އަހަރު ނަގާނެ ކަމަށް ބެލެވޭހިނދު މަހިބަދޫ ފަޅުން ދިރިއުޅުމަށް ބޭނުންކުރެވެން އޮތް އެންމެ ބޮޑުއަދަދެއް ހޯދުމަށްޓަކައި ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރުމަކީ ރަށުގެ ރައްޔިތުންނާއި ރައްޔިތުން ހޮވާފައިވާ ވެރިންގެ ޒިންމާއެއްކަމަށް އަޅުގަނޑު ދެކެން. މަހިބަދޫ ރައްޔިތެއްގެ ހައިސިއްޔަތުން މަހިބަދޫ ކައުންސިލަށް އަދި ސަރުކާރަށް މިދަންނަވަނީ މަހިބަދޫ ރައްޔިތުންގެ ކުރިމަގަށްޓަކައި ތިޔަ ޕްލޭން ބަދަލުކޮށް ރަށުފަޅުން ހިއްކެން އޮތް އެންމެ ބޮޑު އަދަދެއް ހިއްކައި ދެއްވުމަށް.
ެރަށުގެ އާންމު ރައްޔިތެއް

2024 ވަނައަހަރުގެ ބަޖެޓްގައި މަހިބަދޫ ފަޅު ހިއްކުން ހިމެނުމާއެކު ރަށުގެ ރައްޔިތުން ތިބީ ވަރަށް ބޮޑު އުންމީދެއްގައެވެ. އެއީ 30 އަހަރު ވަންދެން ހައްލު ނުވެ އޮތް ގޯތީގެ މައްސަލަ ހައްލުވާނެ ކަމުގެ އުއްމީދާއި އެކުގައެވެ.

މިކަމާއި ގުޅޭގޮތުން ހެދިފައިވާ ދިރާސާތަކުން އެނގޭ ގޮތުން ރަށުފަޅުން 15 ހެކްޓަރ ހިއްކެން އެބައޮތެވެ. އެހެންކަމަށް ވާއިރު 10 ހެކްޓަރ ހިއްކައިގެންވެސް ގޯތި ނުދެވުމުގެ މައްސަލައަށް ހައްލު ގެނެވެން އެބައޮތެވެ.

އެ ރަށުގެ 18 އަހަރުން މަތީގެ އާބާދީއަކީ 1718 މީހުންނެވެ. އަދި ރަށުގައި 648 ރަޖިސްޓްރީކުރެވިފައިވާ ގޯތި ހުރިއިރު 18 އަހަރުން މަތީގެ ކޮންމެ ދެމަފިރިޔަކަށް ގޯތި ދޭނަމަ ބޭނުންވާނެ ޢަދަދަކީ 535 ގޯއްޗެވެ. އެހެންކަމުން ހިއްކާބިމުން އެހެނިހެން ބޭނުންތަކަށް ކަނޑާފައި 1200 އަކަފޫޓުގެ 600 އަށްވުރެ ގިނަގޯތި ނެގޭނެކަން ފާހަގަކޮށްލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް