ކ. މާލެ
|
15 އޯގަސްޓް 2023 | އަންގާރަ 21:24
އެއްބަސްވުންތަކުގައި ސޮއި ކުރުމުގެ ތެރެއިން
އެއްބަސްވުންތަކުގައި ސޮއި ކުރުމުގެ ތެރެއިން
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
އާރުޑީސީއާ މަޝްރޫއުތައް ހަވާލުކުރުން
މަޑުއްވަރީ މަގުތަކުގައި ތާރު އެޅުމާއި މަހިބަދޫ ބޮޑެތި މަގުތައް ހަދަން އާރުޑީސީއާ ހަވާލުކޮށްފި
މަހިބަދޫގެ 2.035 ކިލޯމީޓަރުގެ މަގުގައި ގައު އެތުރުމުގެ މަސައްކަތް ކުރާނެ
މަޑުއްވަރީގެ 3.5 ކިލޯމީޓަރުގެ މަގުގައި ތާރު އަޅާނެ

ރ. މަޑުއްވަރީ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތާއި މަހިބަދޫ ބޮޑެތި މަގުތައް ހެދުމުގެ މަސައްކަތް ސަރުކާރުން ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްފިއެވެ.

އަންގާރަ ދުވަހު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި މަޑުއްވަރީ އެއްބަސްވުމުގައި އާރުޑީސީގެ ފަރާތުން ޖެނެރަލް މެނޭޖަރު އަހުމަދު ޝިހާދު ސޮއި ކުރެއްވިއިރު މަހިބަދޫ މަޝްރޫއުގެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ ޖެނެރަލް މެނޭޖަރު ހުޒާމް ހުސެއިން ދީދީއެވެ.

މަޑުއްވަރީ މަގުތަކުގައި ތާރު އެޅުމުގެ މަޝްރޫއުގެ ދަށުން އެ ރަށުގެ 3.5 ކިލޯމީޓަރުގެ މަގުގައި ތާރު އަޅާނެއެވެ. އަދި މަގުތަކުގައި ފެންހިންދާ ނިޒާމު ގާއިމް ކުރުމާއި މަގުބައްތި ޖެހުމުގެ މަސައްކަތް ވެސް ކުރާނެއެވެ.

Advertisement

މި މަޝްރޫއުގެ މަސައްކަތް އާރުޑީސީއާ ހަވާލު ކުރީ 82.8 މިލިއަން ރުފިޔާއަށް 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން މަހިބަދޫ ބޮޑެތި މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ ދަށުން 2.035 ކިލޯމީޓަރުގެ މަގުގައި ގައު އެތުރުމުގެ މަސައްކަތް ކުރާނެއެވެ. އަދި ފެންހިންދާ ނިޒާމު ގާއިމުކޮށް މަގުބައްތި ވެސް ހަރުކުރާނެއެވެ.

މި މަޝްރޫއު އާރުޑީސީއާ ހަވާޅު ކުރީ 420 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 42.7 މިލިއަން ރުފިޔާއަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް