ކ. މާލެ
|
12 ޖޫން 2024 | ބުދަ 09:03
ސިޓީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ އަލްވަރޭޒް
ސިޓީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ އަލްވަރޭޒް
ރޮއިޓާރސް
މެންޗެސްޓަރ ސިޓީ
ސިޓީގައި މި ހުރީ އުފަލުން: އަލްވަރޭޒް
އޭނާ ބުނީ މިވަގުތަށް ހުރިހާ ވިސްނުމެއް ވެސް އޮތީ ސިޓީ އާއެކު ކަމަށް

މެންޗެސްޓަރ ސިޓީގައި އޭނާ ހުރީ ވަރަށް އުފަލުން ކަމަށް، އެ ޓީމަށް ކުޅެމުން އަންނަ އާޖެންޓީނާގެ ހޫލިއަން އަލްވަރޭޒް ބުނެފި އެވެ.

އަލްވަރޭޒް މިހެން ބުނީ، އޭނާ ހޯދުމުގެ ޝައުޤުވެރިކަން ބައެއް ކުލަބުތަކުން ގެންގުޅެމުން އަންނަ ކަަމަށް މީޑިއާ ތަކުގައި ރިޕޯޓުކޮށްފައި ވަނިކޮށެވެ. އެގޮތުން އަލްވަރޭޒް ހޯދުމުގެ ޝައުޤުވެރިކަން ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާއި ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑުން ގެން ގުޅޭ ކަމަށް ދާދި ފަހުން ވަނީ މީޑިއާ ތަކުގައި ރިޕޯޓުކޮށްފަ އެވެ.

އެކަމާ ގުޅޭ ގޮތުން މީޑިއާއަކާ ވާހަކަ ދައްކަމުން އަލްވަރޭޒް ބުނީ، އޭނާ ހުރީ ވަރަށް ހަމަޖެހިގެން ކަމަށެވެ. އަދި ސިޓީގައި މިހާތަނަށް އޭނާ ހުރީ ވަރަށް ހިތްހަމަ ޖެހިގެން އަދި އުފަލުން ކަމަށް ވެސް އަލްވަރޭޒް ބުންޏެވެ. އެކަން ފާހަގަކޮށް އަލްވަރޭޒް ބުނީ، ސިޓީގައި އޭނާ އަށް ކުރިއަށް ދެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.

މީގެ އިތުރުން އަލްވަރޭޒް ބުނީ، މުސްތަޤުބަލުގެ ވާހަކަ ދައްކަން މިއީ އެންމެ އެކަށީގެންވާ ވަގުތު ނޫން ކަމަށާއި، އެކަމަށް ވަރަށް ގިނަ ވަގުތު އޮތް ކަމަށެވެ. އެހެންކަމުން އެހާތަނަށް ދާއިރު ކަންތައް ވާނެ ގޮތެއް ބެލުމަކީ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ދެކޭ ކަމަށް ވެސް އަލްވަރޭޒް ބުންޏެވެ. އޭނާ ބުނީ މިވަގުތަށް ހުރިހާ ވިސްނުމެއް ވެސް އޮތީ ސިޓީ އާއެކު ކަމަށެވެ.

އުމުރުން 24 އަހަރުގެ ކުޅުންތެރިޔާ ސިޓީ އަށް ބަދަލުވީ 2022 ވަނަ އަހަރު އެވެ. އެ ކުލަބާއެކު އޭނާ ސޮއި ކުރީ ފަސް އަހަރާ، ބައިގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރު އެވެ. ސިޓީ ގައި އަލްވަރޭޒް މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، އޭނާ ހޯދުމުގެ ޝައުޤުވެރިކަން ގިނަ ކުލަބުތަކުން ގެން ގުޅޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އަލްވަރޭޒް ވަނީ ސިޓީ އަށް މިހާތަނަށް ކުޅެދިން 103 މެޗުގައި 36 ލަނޑު ޖަހައިފަ އެވެ. ސިޓީ އާއެކު އޭނާ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެގޮތުން އަލްވަރޭޒް ވަނީ ސިޓީ އާއެކު، އިނގިރޭސި ޕްރިމިއާ ލީގު، އެފްއޭ ކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕް ކާމިޔާބު ކޮށްފަ އެވެ.

- ކޮމެންޓް