އިނގިރޭސި ޕްރިމިއަރ ލީގުގައި އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗުން ވެސް ބަލިވެ، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީގެ ޙާލަތު ގޯސްވެއްޖެ އެވެ.
އެސްޓަން ވިލާގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު މެޗުގައި އެ ޓީމުން ވަނީ 2-1 އިން ސިޓީގެ މައްޗަށް ކުރި ހޯދައިފަ އެވެ. މިވަގުތު ނަތީޖާތައް އިންތިހާ އަށް ދަށްވެފައިވާ ސިޓީ ކޮޅަށް އެސްޓަން ވިލާ އިން ދެ ލަނޑު ޖެހިއިރު، ސިޓީ އަށް ލަނޑެއް ޖެހުނީ އޭގެ ފަހުންނެވެ.
މެޗު ފަށައިގެން 16 ވަނަ މިނެޓުގައި އެސްޓަން ވިލާ އަށް ލީޑު ނަގައިދިނީ ޖޯން ޑޫރަން އެވެ. މެޗުގައި އެސްޓަން ވިލާގެ ދެ ވަނަ ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ. މެޗުގެ 65 ވަނަ މިނެޓުގައި އެސްޓަން ވިލާގެ ދެ ވަނަ ލަނޑު ޖެހީ މޯގަން ރޮޖާސް އެވެ. މެޗުގައި ސިޓީގެ ހަމައެކަނި ލަނޑު އެ ޓީމުން ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރަށް ދެއްކި ވަގުތުގަ އެވެ. އެ ލަނޑު ސިޓީ އަށް ޖަހައިދިނީ ފިލް ފޮޑެން އެވެ.
އެސްޓަން ވިލާ އަތުން ބަލިވެ، ސިޓީ އޮތީ ލީގު ތާވަލްގެ ހަ ވަނަ މަގާމުގަ އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 17 މެޗުން 27 ޕޮއިންޓާ އެކު އެވެ. ސިޓީ އަތުން މޮޅުވި އެސްޓަން ވިލާ އަށް ފަސް ވަނައިގައި ލިބެނީ 28 ޕޮއިންޓެވެ.