ކ. މާލެ
|
9 ޖޫން 2024 | އާދީއްތަ 13:40
ސިވިލް ސަރވިސް ކޮންފަރެނެންސްގައި ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިޙް ވާހަކަދައްކަވަނީ
ސިވިލް ސަރވިސް ކޮންފަރެނެންސްގައި ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިޙް ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
4 ވަނަ ސިވިލް ސަރވިސް ކޮންފަރެންސް
ސިވިލް ސަރވިސް ޚިދުމަތުގެ އެންމެ މުހިންމު ސިފަޔަކަށް ވާން ވާނީ ރައްޔިތުން ބަލައިގަންނަ ޚިދުމަތަކަށް އެ ޚިދުމަތް ވުން - ސީއެސްސީގެ ރައީސް
މި ކޮންފަރެންސަކީ ސިވިލް ސަރވިސްގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ކުރިއަށް ގެންދާ ކޮންފަރެންސެއް ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ބުނޭ
މި ކޮންފަރެންސްގެ އަލީގައި ނަޒާހަތްތެރި ސިވިލް ސަރވިސް އެއް ޤާއިމްކުރަން ބޭނުންވާ ކަމަށް ސީއެސްސީން ބުނޭ
4 ވަނަ ސިވިލް ސަރވިސް ކޮންފަރެންސް ފެށީ އާދިއްތަ ދުވަހު

ސިވިލް ސަރވިސް ޚިދުމަތަކީ ރައްޔިތުންގެ ފައިސާއިން ޚަރަދުކޮށްގެން ދޭ ޚިދުމަތަކަށް ވުމާއި އެކު އެ ޚިދުމަތުގެ އެންމެ މުހިންމު ސިފަޔަކަށް ވާން ވާނީ އެ ޚިދުމަތަކީ ރައްޔިތުން ބަލައިގަންނަ ފަދަ ޚިދުމަތަކަށް ވުން ކަމަށް ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިޙް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ 4 ވަނަ ސިވިލް ސަރވިސް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ސިވިލް ސަރވިސްގެ ޚިދުމަތް ފުރިހަމަކޮށް ތަރައްޤީކުރުމަކީ ޒަމާނަށް އަންނަ ބަދަލުތަކާއި އެކު އަބަދުވެސް ކުރަން ޖެހޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ޒަމާނާއި އެކު ޚިދުމަތުގެ ވައްޓަފާޅި އަށް ހީ ނުކުރާ ވަރުގެ ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އޮފީސްތަކުގެ ކައުންޓަރަށް ގޮސްގެން ހޯދަމުން އައި ޚިދުމަތްތައް ހޯދާ ގޮތް ބަދަލުވެ ޚިދުމަތްތަކަށް އެދި ހުށަހެޅުން އޮންލައިން ނިޒާމަކަށް ބަދަލުވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. މަދު ވަސީލަތްތައް ބޭނުންކޮށްގެން ޚިދުމަތް ދިނުމާއި، ޖަވާބުދާރީވާ ޚިދުމަތަކަށް ސިވިލް ސަރވިސްގެ ޚިދުމަތް ހަދަން ޖެހޭ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި، ޚިދުމަތްތައް އަވަސްކުރުމަކީ އާއްމުންނަށް ރަނގަޅު ޚިދުމަތެއް ދިނުމަށްޓަކާ ކުރަން ޖެހޭ ކަންކަން ކަމަށް ނާސިޙް ވަނީ ފާހަގަކުރައްވާފައެވެ. ހަމައެހެންމެ ހެޔޮ ސުލޫކެއްގެ މަތީގައި ދެމި އޮންނަ ޚިދުމަަތަކަށް ސިވިލް ސަރވިސްގެ މަސައްކަތްތައް ވާން ޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީއެސްސީގެ މަސައްކަތް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އޭނާ ވަނީ އަލިއަޅުވާލައްވާފައެވެ. 2011ން ފެށިގެން ބޭނުންކުރަމުން އަންނަ ވިއުގަ ހަރުދަނާކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ނާސިޙް ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ޚިދުމަތްތައް އޮންލައިންކޮށް ދޭން ފެށުމަކީ ޚިދުމަތް ދިނުމުގައި ޒަމާނީ ގޮތަކަށް ޚިދުމަތް ދިނުމަށް ހަމަޖެއްސި އިންތިޒާމްތަކެއް ކަމަށެވެ. މީގެ އިތުރުން އޮންލައިންކޮށް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރަން ފެށުމަކީ ލިބުނު ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ކަރުދާހާއި ނުލާ މުވައްޒަފުންގެ ފެންވަރު ބެލުމުގެ މަސައްކަތް ރާއްޖޭގައި ކުރާ ފުރަތަމަ ފަހަރުކަމަށް ފާހަގަކުރައްވާ އޭނާ ވިދާޅުވީ އެކަމުގެ ސަބަބުން ދައުލަތުގެ ޚަރަދުތައް ވަރަށް ބޮޑަށް ކުޑަވެގެންދާ ކަމަށެވެ. ސަބަބަކީ އެކަމުގެ ސަބަބުން 30،000 އެއްހާ ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތް ވަޒަންކުރުމަށް ފަސޭހަވެ، މަސައްކަތް ވަޒަންކުރުމުގެ މަރުހަލާ އަވަސްވެގެން ދިއުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެކަމުގެ ސަބަބުން މުވައްޒަފުން އިތުރަށް ޒިންމާދާރުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ސީއެސްސީގެ މަސައްކަތްތައް ލާމަރުކަޒީ ކުރުމަށް ސީއެސްސީގެ ވިއުގައަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަމުންދާ ކަމަށެވެ. އަދި ލާމަރުކަޒީކޮށް ސީއެސްސީގެ ޚިދުމަތްތައް ދިނުމަށް ބޭނުންވާ އެސްއޯޕީތަކާއި އެއްގޮތަށް ވުޒާރާތަކުގެ ޚިދުމަތްތައް އެކުލަވާލަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ހިސާބުން ކޮމިޝަންގެ ދައުރަކަށް ވާނީ މުވައްޒަފުން ނަގާގޮތަށް ފާރަވެރިވުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން މުވައްޒަފުންނަށް މުސާރަދިނުމުގެ ކަންކަން ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދިއުމަށް ބަދަލުތަކެއް ގެންނަވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ،

މި ކޮންފަރެންސަކީ ސިވިލް ސަރވިސްގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ކުރިއަށް ގެންދާ ކޮންފަރެންސެއް ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ބުނެއެވެ. ސީއެސްސީގެ ޚިދުމަތްތައް އާއްމުން ބަލައިގަންނަ މިންވަރަށް ފުރިހަމަ ކުރުމަކީ ވެސް މި ކޮންފަރެންސްގެ މަޤްސަދުތަކުގެތެރޭގައި ހިމެނޭ ކަމެކެވެ. އެ ކޮމިޝަނުން ބުނީ މި ކޮންފަރެންސްގެ އަލީގައި ނަޒާހަތްތެރި ސިވިލް ސަރިސް އެއް ޤާއިމްކުރަން ބޭނުންވާ ކަމަށެވެ.

ކޮމެންޓް
- ގުޅުންހުރި
ހަތަރުވަނަ ސިވިލް ސަރވިސް ކޮންފަރެންސް ފަށައިފި
ސަރުކާރެއް ހިންގަން ސީއެސްސީން މުހިންމު ދައުރެއް އަދާކުރޭ، ވައުދުތައް ފުއްދަން ސީއެސްސީގެ އެހީތެރިކަން ސަރުކާރަށް ބޭނުންވޭ - ނައިބު ރައީސް
އެންމެ ބޮޑު އަމާޒަކީ ޝައުގުވެރިކަމާއި އެކު މަސައްކަތް ކުރާ ސިވިލް ސަރވިސް އެއް އުފެއްދުން - ސީއެސްސީގެ މެމްބަރ ފާތުމަތު ހަބީބާ
ސިވިލް ސަރވިސް ކޮންފަރެންސަށް އެހީތެރިކަން ހޯދުމުގެ އެއްބަސްވުންތަކެއްގައި ސޮއިކޮށްފި
ދައުލަތުގައި ހިމެނޭ ހުރިހާ ސިވިލް ސަރވެންޓުންގެ މުސާރައަށް 40 އިންސައްތައިގެ ބަދަލެއް ޖެނުއަރީ މަހުގައި އަންނާނެ - ރައީސް
ތަމްރީނަކަށް 50 ސިވިލް ސަރވެންޓުން އިންޑިއާއަށް
މެއި 1ން ފެށިގެން 35 އިންސައްތަ އެލަވަންސް ނުލިބޭ ސަރުކާރު މުވައްޒަފުންނަށް އެލަވަންސް ދޭން ފަށަނީ
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމާއި، މަޤާމުތަކުގެ ތަޢުލީމީ ރޮނގު އަދި މަސައްކަތުގެ ދާއިރާ ކަނޑައަޅާނެގޮތުގެ އުޞޫލު އިސްލާހުކޮށްފި