ސަރުކާރެއް ހިންގުމަށް ސިވިލް ސަރވިސް އިން ވަރަށް މުހިންމު ދައުރެއް އަދާކުރާކަމަށާއި ސީއެސްސީގެ އެހީތެރިކަމާއި އެއްބާރުލުން ސަރުކާރަށް ބޭނުންވާ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު އެފަދައިން ވިދާޅުވީ ސިވިލް ސަރވިސް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުންނެވެ.
ސަރުކާރު ހިންގުމުގައި ކޮންމެ ޒަމާނެއްގައި ވެސް އެ ޒަމާނަކާއި ގުޅޭ ތަހުޒީބު އުސޫލުތަކަކާއި އިންތިޒާމްތަކެއް ރާއްޖޭގައި ހަމަޖެހިފައި އޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެއީ ދިވެހި ތާރީހުން ފެންނަ ހުރިހާ ދިވެހިން ފަޚުރުވެރިވުން ހައްގު ކަމެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. މީގެ 17 ވަރަކަށް އަހަރު ކުރިން ސިވިލް ސަރވިސް ކޮމިޝަން އެކުލަވާލުމަށް ފަހު މިހާ ހިސާބަށް އައި އިރު އެ ކޮމިޝަން ފެންނަނީ ޚިދުމަތްތެރިން ބިނާކުރުމުގައި އީޖާބީ މަސައްކަތްތަކެއް ކުރި ތަނެއްގެ ގޮތުގައި ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އާދިއްތަ ދުވަހު ފެށި ސިވިލް ސަރވިސް ކޮންފަރެންސަކީ އެ ކޮމިޝަނުން މީހުން ބިނާކުރުމަށް ކުރާ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ސިވިލް ސަރވިސް އަކީ އޭރެއްގައި އޮންނަ ސަރުކާރަކުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދާދޭން މަސައްކަތް ކުރާ ބައެއް ކަަމަށް ހުސައިން ވިދާޅުވިއެވެ. ރައްޔިތުންނަށް ޚިދުމަތްކުރުމަކީ ވަރަށް ބޮޑު ޒިންމާއެއް ކަމަށް ފާހަގަކުރައްވާ ހުސައިން ވިދާޅުވީ އެ ޒިންމާ އަދާކުރަން ޖެހޭނީ ވަރަށް ލޮތްބާއި އެކުގައި ކަމަށެވެ. ސަރުކާރުގެ ކޮންމެ ވުޒާރާ އަކާއި ކޮންމެ އޮފީހަކުން ވެސް ފަސޭހަކަމާއި އެކު ލިބުމަކީ ހުރިހާ ރައްޔިތުން ވެސް އެދޭނެކަމެއްކަން އެ މަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން ސިވިލް ސަރވެންޓުން ވާންވާނީ ހިނިތުންވުމާއި އެކު ޚިދުމަތްދޭ އޯގާތެރިކަމާއި އެކު މުއާމަލާތުކުރާ ބަޔަކަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ކުރިއަރަމުން އަންނަ ޒަމާނާއި އެއްގޮތަށް ޚިދުމަތްތައް ބައްޓަންކުރުމުގެ މުހިންމުކަމަށް އެ މަނިކުފާނު ވަނީ އަލިއަޅުވާލައްވާފައެވެ. ހަމައެހެންމެ ރަނގަޅުކުރަންޖެހޭ ކަންކަމާއި މެދު އާއްމުންގެ ޚިޔާލު ހޯދުމަކީ މުހިންމުކަމެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
އަޅުގަނޑު އެދެނީ ހިނިތުންވުމާއި އެކު ޚިދުމަތްދޭ ބަޔަކަށް ސިވިލް ސަރވިސްގައި ޚިދުމަތްދޭ މީހުން ވުން. ހިނިތުންވުމާއި އެކު ޖަވާބުދޭ ބަޔަކަށް ވުން. އަދި ޒަމާނާއި އެއްގޮތަށް ދޭ ޚިދުމަތަކަށް ސިވިލް ސަރވިސް ޚިދުމަތް ދޭން ޖެހޭ.ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް
ސިވިލް ސަރވިސް ކޮންފަރެންސް މި އަހަރު ބާއްވަނީ 5 އަހަރުގެ މެދުކެނޑުމަކަށްފަހުގައެވެ. އަދި ސިވިލް ސަރވިސް ކޮންފަރެންސަކީ މުހިއްމު ނިންމުންތަކެއް ނިންމޭނެ ފާގަތި ކޮންފަރެންސަކަށް ވެގެން ދިއުމަށް އުންމީދުކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި އެ ކޮންފަރެންސްގެ ސަބަބުން ސިވިލް ސަރވިސްގެ ޚިދުމަތްތަށް ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މި ކޮންފަރެންސްގެ ސަބް ތީމް ތަކުގެތެރޭގައި ޒަމާނީ ޓެކްނޮލޮޖީ އާއި އެއްގޮތަށް ޚިދުމަތުގެ މަރުހަލާތައް ފުރިހަމަކުރުމާއި، ޒިންމާދާރު އަދި ޖަވާބުދާރީ ވެވޭ ސިވިލް ސަރވިސް އެއް ޤާއިމްކުރުން ހިމެނެއެވެ. އަދި ހަރުދަނާ އުސޫލުތަކާއި އަޚުލާގީ މިންގަނޑުތަކަށް މަސައްކަތުގެ ސަގާފަތްތަކަށް ވެސް އެ ކޮންފަރެންސްގައި ބެލުމަށް ވަނީ ހަމަޖެހިފައެވެ.