ގއ. ގެމަނަފުށީ ސްކޫލްގެ ލީޑިން ޓީޗަރުގެ މަގާމުން ވަކިކުރި އަމާނުﷲ ގެ ވަޒީފާ އަނބުރާ ރުޖޫއަ ކުރުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން އެޑިއުކޭޝަނަށް އެންގުމުން ގދ. ވާދޫ ޖަމާލުއްދީން ސްކޫލަށް ބަދަލުކޮށްފި އެވެ.
އާއިލާ އިން ބުނީ މިއީ އޭނާ އަށް ދިން ވަރަށް ބޮޑު އަނިޔާ އެއް ކަމަށެވެ.
އަމާނުﷲ އަކީ ގެމަނަފުށީ ސްކޫލްގައި 2020 ވަނަ އަހަރުން ފެށިގެން ލީޑިންގ ޓީޗަރ މަގާމް އަދާކުރަމުންދިޔަ މުވައްޒަފެކެވެ.
އެޑިޔުކޭޝަން މިނިސްޓްރީން އަމާނުﷲ އަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2024 ގެ 86 ވަނަ މާއްދާގެ (ޅ)ގެ ދަށުން އޭނާގެ ވަޒީފާ ގދ.ވާދޫ ސްކޫލަށް ވަގުތީ ގޮތުން ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެހެންކަމުން 7 ޑިސެންބަރު 2025ން ފެށިގެން އެ ސްކޫލަށް ރިޕޯޓު ކުރުމަށް ވަނީ އަންގާފަ އެވެ.
ގެމަނަފުށި ސްކޫލުގެ ލީޑިން ޓީޗަރުގެ މަގާމުން އަމާނުﷲ ވަކިކުރީ 7 އޭޕްރީލް 2025 ގަ އެވެ.
މި މައްސަލަ ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހެޅުމުން އެކޮމިޝަނުން މި މައްސަލަ ބެލުމަށްފަހު އަލުން ވަޒީފާ ވަނީ ރުޖޫއަ ކޮށްދީފަ އެވެ.
ސިވިލް ސަރވިސް ކޮމިޝަނުން ބުނީ، ލީޑިންގ ޓީޗަރެއްގެ ޒިންމާ އިން އަމާނުﷲ ވަކިކޮށްފައިވާ ކަމަށް އަންގާފައިވަނީ ''ލީޑިންގ ޓީޗަރުންގެ ޒިންމާ ހަވާލުކުރުމުގެ އުސޫލު'' ގައި ލީޑިންގ ޓީޗަރުންގެ ޒިންމާއިން ވަކިކުރެވިދާނެ ކަމަށް ބަޔާންކުރާ މިންގަނޑާ ހިލާފަށް ކަމަށެވެ. އަދި އެ ޒިންމާއިން އޭނާ ވަކި ކުރުމަށް އެންގި ތާރީހުން (7 އޭޕްރީލް 2025) ފެށިގެން މިހިނގާ ދިޔަ މުއްދަތަށްވާ ލީޑިންގ ޓީޗަރ ޒިންމާ އެލަވަންސް ދިނުމަށާއި، އަދާކުރަމުންދިޔަ ލީޑިންގ ޓީޗަރގެ ޒިންމާ އަށް ރުޖޫއަ ކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީ އަށް އަންގާފައިވާ ކަމަށެވެ.
ރާއްޖެއެމްވީ އަށް އަމާނުﷲގެ އާއިލާގެ މެންބަރެއް ބުނީ، އޭނާގެ ވަޒީފާ އެހެން ރަށަކަށް ބަދަލު ކުރީ އެއްވެސް ކަހަލަ އިންސާފު ވެރިކަމެއް ނެތި ކަމަށާއި، ބާރުގެ ބޭނުން ނުހައްގުން ހިފައިފައިވާ ކަމަށެވެ. އަދި އަމާނުﷲ އަށް ދިން ވަރަށް ބޮޑު އަނިޔާ އެއް ކަމަށެވެ.
މީގެ އިތުރުން މި މައްސަލައާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ މުހައްމަދު ޝިފާޒް ދައްކަމުން ދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އަދި އަމާނުﷲ ވާދޫ ޖަމާލުއްދީން ސްކޫލަށް ވަގުތީ ގޮތުން ބަދަލުކުރީ އެ ސްކޫލުގެ ހާލަތު ރަނގަޅު ކުރުމަށް ކަމަށް ވިދާޅުވި ނަމަވެސް އެއީ ހަގީގަތް ނޫން ކަމަށާއި، އެގޮތަށް އެކަން ކުރީ ބާރުގަދަ ބޭފުޅެއްގެ އާއިލާ މެންބަރަށް މަގާމު ދިނުމުގެ މަގުސަދުގައި ކަމަށް އަމާނުﷲގެ އާއިލާގެ މެންބަރު ބުންޏެވެ.