ކ. މާލެ
|
9 ޖޫން 2024 | އާދީއްތަ 06:23
ރައީސް ޑރ.މުއިއްޒު އަދި ސްޓޭޓް މިނިސްޓަރ ފައިރޫޝް
ރައީސް ޑރ.މުއިއްޒު އަދި ސްޓޭޓް މިނިސްޓަރ ފައިރޫޝް
އިޒްރޭލް ޕާސްޕޯޓް މަނާކުރުން
އެއްކޮޅުން ސަރުކާރުން އިޒްރޭލް ޕާސްޕޯޓް މަނާކުރުމުގެ މެޑަލް ޖެހުމުގަ، އަނެއްކޮޅުން ސަރުކާރުގެ ސްޓޭޓް މިނިސްޓަރ އެކަމާއި ދެކޮޅު ހެއްދެވުމުގަ!
 
އިޒްރޭލް ޕާސްޕޯޓް މަނާކުރުމަށް ޤާނޫނަށް އިސްލާހު ގެންނަން ވަޒީރުންގެ މަޖިލީހުން ވަނީ ނިންމާފައި
 
ފައިރޫޝް ވަނީ އިޒްރޭލް ޕާސްޕޯޓް މަނާކުރުމާއި ދެކޮޅުކަން ހާމަކުރައްވާފަ

ސަރުކާރެއް ހިނގަނީ އެއް ހަމައަކުން އެއް އުސޫލަކުން ހުރިހާ ގުނަވަނެއް އެކަތިގަނޑެއްގެ ގޮތުގައެވެ. ސަރުކާރު ހިނގަނީ ސަރުކާރުން ކަނޑައަޅާ މައިގަނޑު އެއް އަސާސްތަކެއްގެ މަތީގައެވެ. ޚާއްސަ ގޮތެއްގައި ސަރުކާރުން ނިންމާ ބޮޑެތި ނިންމުންތަކާއި، ޤައުމިއްޔަތާއި ދީނާއި ގުޅުން ހުރި ސިޔާސަތުތަކުގައި, ސަރުކާރުގެ ނިންމުންތަކުގެ މޫނު ބަލާ ލޯގަނޑަކީ އޭރެއްގައި އޮންނަ ސަރުކާރެއްގެ ސިޔާސީ ފެންޑާގައި ތިއްބަވާ ބޭފުޅުންނެވެ. ގިނަ ފަހަރަށް އެ ބޭފުޅުންގެ ވާހަކަތަކީ ސަރުކާރުގެ ޚިޔާލާއި ފިކުރާއި އެއް ގޮތަށް ބައްޓަން ވެގެން އަންނަ ކަންކަމެވެ.

ތަފާތު އެކި ކަންކަމުގައި ސަރުކާރުން ނިންމާ ނިންމުތަކުގެ އިޚުލާސްތެރިކަމުގެ މިނުން މިނަނީ އެ ސިޔާސީ ވެރިންގެ ޚިޔާލާއި ފިކުރު އެއް ހަމަވާ އުސޫލަށް ވެސް ބެލުމަށް ފަހުގައެވެ. ސަރުކާރުގެ އިސް ފަޑީގައި ތިއްބަވާ ބޭފުޅުންނަށް ސަރުކާރުގެ މައި ސިޔާސަތުތަކާއި ޚިލާފުވެ، ރައްޔިތުންގެ ޖަޒުބާތުތަކާއި ގުޅުން ހުރި ކަންކަމުގައި ފާޅުކުރާ ޚިޔާލަކީ އެއީ ހަމައެކަނި ފަރުދީ ހައިސިއްޔަތުން ފާޅުކުރާ ޚިޔާލުކަމުގައި ބުނެވޭކަށް ނެތެވެ. އެހެނީ ސިޔާސީ މަޤާމުތައް ފުރުއްވާ ބޭފުޅުންނަކީ ރައްޔިތުންގެ ފައިސާއިން މުސާރަ ނަންގަވާ، ސަރުކާރުގެ ތަސައްވުރު ކުރައްވާ ބޭފުޅުންކަމުގައި ވުމެވެ.

މިހާ ބޮޑަށް ސިޔާސީ މީހުންގެ ފިކުރާއި ސަރުކާރުގެ ފިކުރު ވަކި ނުވާނެ ކަމުގެ ވާހަކަ މި ދައްކަނީ ކީއްވެގެންބާއޭ ހިތަށް އަރާފާނެއެވެ. ވެގެން މިއުޅޭ ގޮތް ކިޔާ ދޭނަމެވެ. ފަލަސްތީނަށް އިސްރާއިލުން ދޭ ހަމަލާތަކާއި ދެކޮޅަށް އިސްރާއިލާއި މެދު ފިޔަވަޅު އެޅުމަށް އިސްރާއިލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް ޤާނޫނަށް އިސްލާހު ގެންނަން ނިންމިކަން ސަރުކާރުން ހާމަކުރީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ. ދެނަކާ ދެނެއް ނެތެވެ. ކިތަންމެ ކުޑަ ޕްލެޓްފޯމަކަސް، ބޮޑު ޕްލެޓްފޯމަކަސް ދައްކަވަނީ އެއް ވާހަކައެވެ. ސަރުކާރާއި ސަރުކާރަށް ސަނާކިޔާ ކުލީ ޕީއާރު ކުދިންކޮޅު މެދު ނުކެނޑި ދައްކާ ވާހަކަ އަކީ ސަރުކާރުގެ ކެރުންތެރިކަމުގެ ވާހަކައެވެ. މިހާރުގެ ރައީސް މަނިކުފާނުގެ "ގަޓު" ހުރިކަމުގެ ވާހަކައެވެ. ރައީސް މަނިކުފާނުގެ ހިތްވަރު ގަދަ ކަމުގެ ވާހަކައެވެ. އިސްރާއިލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރާނެ ކަމަށް ސަރުކާރުން ބުނީ، ރައްޔިތުން ރައީސް އޮފީސް ދޮށަށް އެއްވެ މުޒާހަރާކޮށް، އެއްވުންތައް ބާއްވާ، އިސްރާއީލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުން ނޫން ގޮތެއް ރައްޔިތުން ބޭނުން ނުވާކަން އަޑު ހަރުކޮށް އިއްވަން ފެށުމުންނެވެ. އިސްރާއިލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން މަސައްކަތް ފެށި ނަމަ ވެސް އެ މަސައްކަތުގެ ތާވަލެއް، އެ މަސައްކަތުގެ މިސްރާބެއް އަދި ސަރުކާރަށް ސާފުކޮށެއް ނުދެވެއެވެ.

އެހެންކަމުން ކިތަންމެ ބާރަށް އެ ވާހަކަ ދެއްކިއަސް އަމަލީ ގޮތެއްގައި އިސްރާއިލް ޕާސްޕޯޓް މަނާ ކުރާނެ ގޮތެއް އަދި އެކަން ކުރާނީ ކޮން އިރަކުން ކަން އެނގޭކަށް ނެތެވެ. ކަން މިހެން ހުރި ނަމަވެސް ރާއްޖެ އާއި ރާއްޖެއިން ބޭރުގައި މިވެރިން އިޝްތިހާރުވާ ގޮތުން ހީވަނީ މިހާރު އިސްރާއީލް ޕާސްޕޯޓުގައި ރާއްޖެވުން މަނާކޮށް ނިންމައިގެން ބަޔަކު އުޅޭހެންނެވެ. އެ ނިންމުމުގައި ސިއްކަ ޖަހާ ތަންފީޒުވެސް ކުރަން ފެށިހެން ވެސް، މި ވެރިން މިކަމުގައި ކްރެޑިޓް ނަގާ މިންވަރުން ހީވެއެވެ. އެކަމަކު ކަން އޮތީ އެއާއި ދިމާ އިދިކޮޅަށެވެ. މި މަސައްކަތުގައި ސަރުކާރުގެ އިޚުލާސްތެރި ނިޔަތެއް އޮތް ކަމާއި މެދު ސުވާލު އުފައްދާ މީހުންވެސް މަދެއް ނޫނެވެ. އެކަމަކު އެ ވާހަކަ އާއި އެކަމުގެ ސަބަބުތައް ކިޔަން ފަށައިފިއްޔާ މި ރިޕޯޓް ނިކަން ދިގުލައި ހިނގައިދާނެއެވެ. އެހެންވީމަ ވާހަކަ އެ ދިމާލަށް ދީލާލާކަށް ނެތީމެވެ.

އެއްކޮޅުން ސަރުކާރުން ފަލަސްތީނުގެ އަޑު ރާއްޖެއިން އަހައިފި ކަމަށް ބުނެ މެޑަލް ޖަހަނީއެވެ. ފަލަސްތީނަށްޓަކާ ރާއްޖެއިން ތެދުވެފަވާ ކަމަށް ބުނެ ފަޚުރުގެ ލަގަބު ވެސް އަމިއްލަ މޭގައި ބަޔަކު މީހުން ޖަހައިފިއެވެ. އަނެއްކޮޅުން ސަރުކާރުގެ އެތެރެ ފަޑީގައި ތިބި މީހުން ފާޅުގައި މީސްމީޑީއާގައި އެކަމާއި ދެކޮޅު ހަދަނީއެވެ. އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރޭ ނުވެވޭނެ ގޮތަށް އެ ޕާސްޕޯޓު މަނާ ކުރުމަށް ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެންނަން ވަޒީރުންގެ މަޖިލީހުން ނިންމިއެއް ކަމަކަކު އެކަމާއި ދެކޮޅު ބަޔަކު ސަރުކާރުގެ އޮނިގަނޑު ތެރޭގައި ހަމަޖެހިލައިގެން ތިބިކަން އެއީ ސިއްރުވާން ނެތް ހަގީގަތެވެ. ބައެއް މީހުން އެ ވާހަކަތައް ދައްކަނީ ސިއްރުން ސައި ކޮޓަރީގަޔާ ކޮފީ މޭޒުގައެވެ. އެކަމަކު ބައެއް މީހުންނަށް އެ ވާހަކަތައް ސިއްރު ނުކުރެވި އަމިއްލަ ނަޒަރިއްޔާތާއި ފިކުރު މީސް މީޑިއާ އާއި ހަމައަށް ވެސް އޮއްސާލައިފިއެވެ.

މި ދައްކަނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ފައިރޫޝްގެ ވާހަކައެވެ. މި މަނިކުފާނު އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ވާހަކައަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާކުރަން ޖެހެނީ ސޯޝަލް މީޑިއާގައި އާންމުން ބުނާ ބަހަށް ބަލައިގެން ނޫން ކަމަށް ފާހަގަކުރައްވާ ދެއްކެވި ވާހަަކަފުޅެވެ. ވިދާޅުވީ އާއްމުން ހިތްހަމަ ޖެއްސުމަ އެފަދަ ނިންމުންތައް ނިންމަން ނުޖެހޭ ކަމަށެވެ. ސާފުކޮށް ވިދާޅުވި ވާހަކަފުޅަކީ ހާރިޖީ ސިޔާސަތު ބިނާކުރަން ޖެހެނީ ގައުމުގެ ވަސީލަތްތަކާއި މާލީ ހާލަތަށް ބަލައިގެން ކަމަށް ދެކެވަޑައިގަންނަވާ ވާހަކައެވެ. މި މަނިކުފާނުގެ ހުއްޖަތަކަށްވީ އިޒްރޭލު ޕާސްޕޯޓު މަނާކުރުމުން އެ ތަނުގެ މުސްލިމުންނާއި ދެ ގައުމެއްގެ ރައްޔިތުކަން އޮންނަ މީހުންނަށް ރާއްޖެ ނާދެވޭ ގޮތްވުމެވެ. އަދި މިފަދަ ނިންމުމަކުން ރާއްޖޭގެ އިގުތިސާދަށް ގެއްލުން ލިބޭނެ ކުގެ ބިރު އޮތްކަމަށް ވިދާޅުވިއެވެ. ހަމައެހެންމެ ގައުމީ ސަލާމަތަށް ވެސް ނުރައްކާވުމުގެ ބިރު އަމުދުން ބޮޑު ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އާއްމުންނަށް ފައިރޫޝްގެ އެ ވާހަކަތައް ވީ ހަޖަމްކުރަން އުނދަނގޫ ވާހަކަތަކަކަށެވެ. އެކަން އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. ފަލަސްތީނާއި މެދު ލައިންސާނީ އެތައް ޖަރީމާއެއް ހިންގަމުންދާ އިސްރާއީލާއި ދެކޮޅަށް ފިޔަވަޅު އެޅުމާއި ދެކޮޅަށް ދިވެހިންގެ ފައިސާ އިން މުސާރަ ހިނގާ ދިވެހިންގެ ޚާދިމަކު ބަސްބުނުން އެއީ ދިވެހިން ބަލައިގަންނާނެ ކަމެއް ނޫންކަން ގައިމެވެ. ދައުލަތުގެ ބަޖެޓުން މަހަކު 43000 އަށް ވުރެ ގިނަ ރުފިޔާ އެ ބޭފުޅަކަށް ހޭދަކުރާ ބޭފުޅަކު މިހެން ފާޅުކުރާ ޚިޔާލަކީ އަމިއްލަ ޚިޔާލުކަމަށް ބަލާފައި ދޫކޮށްލަންވީތޯއެވެ؟ މިފަދަ ވާހަކަތައް މި މޭރުމުން ދެކެވޭކަމީ އިޚުލާސްތެރިކަމާއި އެކު އިސްރާއީލާއިދެކޮޅަށް މި ސަރުކާރުން ފިޔަވަޅު އަޅާނެތޯ ސުވާލު އުފެދޭ ސަބަބެވެ. ފައިރޫޝްގެ އެ ވާހަކަތަކަށް ސަރުކާރުގެ އިޖާބައެއް ނެތުމަކީ މިކަމަކީ ސަރުކާރަށް ކިހާ އާދައިގެ ކަމެއްކަން ދޭހަވާ ކަމެކެވެ. އަޅުގަނޑުގެ ނަޒަރުގައި ސިޔާސީ ބޭފުޅުން މިހެން ދައްކަވާ ވާހަކަ އަކީ ސިޔާސަ ވާހަކަ ކަމަށް އެކަނި ބެލޭކަށް ނެތެވެ. ސަރުކާރުގެ ނަގާކިޔާ މަޤާމުތަކުގައި ތިބޭ މީހުން މިފަދަ ހައްސާސް ކަންކަމުގައި ބުނާ ބަހަކީ ސަރުކާރުގެ ބަހުގެ ގޮތުގައި ނުބަލާނެ ހަމައެއް އަޅުގަނޑަކަށް ނުވިސްނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް