ކ. މާލެ
|
9 ޖޫން 2024 | އާދީއްތަ 06:03
އާޖެންޓީނާ އިން ކުރިއަށް ގެންދިޔަ ފަރިތަކުރުމުގައި ކެޕްޓަން ލިއޮނަލް މެސީ ބައިވެރި ވަނީ
އާޖެންޓީނާ އިން ކުރިއަށް ގެންދިޔަ ފަރިތަކުރުމުގައި ކެޕްޓަން ލިއޮނަލް މެސީ ބައިވެރި ވަނީ
ރޮއިޓާރސް
އާޖެންޓީނާ ޤައުމީ ޓީމު
އުމުރަކީ ނަންބަރެއް: މެސީ
ދެ އަހަރު ފަހުން އޮންނަ ވޯލްޑް ކަޕްގައި އޭނާ ކުޅުން ބިނާވެގެން ދާނީ، ޖިސްމާނީ ގޮތުން އަދި ނަފްސާނީ ގޮތުން އޭނާ އަށް ކުރެވޭ އިޙުސާސެއްގެ މައްޗަށް

އުމުރަކީ ހަމައެކަނި ނަންބަރެއް ކަމަށް، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދެމުން އަންނަ ބެލެންޑިއޯ އެވޯޑު، އަށް ފަހަރު ކާމިޔާބު ކޮށްފައިވާ މެސީ މިހެން ބުނީ، 2026 ވަނަ އަހަރު އޮންނަ ފީފާ ވޯލްޑް ކަޕްގައި އޭނާ ކުޅޭނެތޯ ކުރި ސުވާލަށް ޖަވާބު ދެމުންނެވެ.

އުމުރުން 36 އަހަރުގެ ކުޅުންތެރިޔާ ބުނީ، ދެ އަހަރު ފަހުން އޮންނަ ވޯލްޑް ކަޕްގައި އޭނާ ކުޅުން ބިނާވެގެން ދާނީ، ޖިސްމާނީ ގޮތުން އަދި ނަފްސާނީ ގޮތުން އޭނާ އަށް ކުރެވޭ އިޙުސާސެއްގެ މައްޗަށް ކަމަށެވެ. އަަދި އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށް ފެންނަން އޮތް ކަމެއްގެ މައްޗަށް ކަމަށް ވެސް މެސީ ބުންޏެވެ.

މެސީ ބުނީ ދެން އޮތް ވޯލްޑް ކަޕްގެ ކުރިން، ވަރަށް ގިނަ ވަގުތު އޮތް ކަމަށެވެ. އޭނާ ބުނީ "ވަރަށް ގިނަ އަދި ތަންކޮޅެއް" އެއީ ވަރަށް އަވަހަށް ފާއިތުވެގެންދާ އެއްޗެއް ކަމަށެވެ. އެހެން ނަމަވެސް ކުރިއަށް އަދިވެސް ވަގުތު އޮތް ކަމަށާއި، އެހާތަނަށް ދާއިރު އޭނާ ހުންނާނީ ކިހިނެއްކަން ނޭނގޭ ކަމަށް ވެސް މެސީ ވަނީ ބުނެފަ އެވެ. ހަގީގަތަށް ބަލާނަމަ އުމުރަކީ ވަރަށް މުހިންމު އެއްޗެއް ކަމަށް މެސީ ބުންޏެވެ. އެހެންވިޔަސް، އެއީ ނަންބަރެއް ކަމުގައި ވެސް މެސީ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން މެސީ ބުނީ މިހާރު އޭނާ ކުޅެމުން އަންނަ މެޗުތަކަކީ މީގެ ކުރިން އޭނާ ޔޫރަޕުގައި ކުޅެމުން އައިއިރު، ކުޅުނު ފެންވަރުގެ މެޗުތަކެއް ނޫން ކަމަށެވެ. އެގޮތުން އެއީ ޔުއެފާ ޗެމްޕިއަންސް ލީގު، ސްޕެނިޝް ލީގު ނުވަތަ ފްރާންސް ލީގުގައި ކުޅުނު ފެންވަރުގެ މެޗުތަކެއް ނޫން ކަމަށް މެސީ ވަނީ ފާހަގަކޮށްފަ އެވެ.

ކުރިއަށް އޮތް ވޯލްޑް ކަޕަށް އިޝާރާތް ކުރަމުން މެސީ ބުނީ، އެކަން ބިނާވެފައި އޮންނާނީ ކުރިން ވެސް ބުނިހެން އޭނާ އަށް އިޙުސާސް ކުރެވޭ ގޮތުގެ މައްޗަށެވެ. އަދި އޭނާއާ އެއް ޓީމަކަށް ކުޅެމުން އަންނަ ކުޅުންތެރިންނާއެކު ހުރުމުން އިޙުސާސްވާ ގޮތުގެ މައްޗަށް ކަމަށް ވެސް މެސީ ބުންޏެވެ. އެހެންކަމުން އެހާތަނަށް ކަންތައް ވާނެ ގޮތެއް ބަލަން ޖެހޭ ކަމުގައި މެސީ ވަނީ ބުނެފަ އެވެ.

މެސީ މިވަގުތު ތައްޔާރުވަމުން އަންނަނީ މި މަހު ފަށާ ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތަށެވެ. އެ މުބާރަތަށް އާޖެންޓީނާ އިން ނިކުންނައިރު، އެ ޤައުމަކީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ. މެސީ ވަނީ އާޖެންޓީނާ އާއެކު 2022 ވަނަ އަހަރު ޤަތަރުގައި ކުރިއަށް ދިޔަ ފީފާ ވޯލްޑް ކަޕް ކާމިޔާބު ކޮށްފަ އެވެ. 26 އަހަރަށްފަހު އާޖެންޓީނާ އިން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބު ކުރިއިރު، މެސީ އަކީ އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް