ކ. މާލެ
|
4 ފެބްރުއަރީ 2024 | އާދީއްތަ 14:24
ޖަންގްޝަން ވަޅުގަނޑާއި އެ ގޯތި
ޖަންގްޝަން ވަޅުގަނޑާއި އެ ގޯތި
ރާއްޖެއެމްވީ
ޖަންގްޝަނެއް މަތީގައި ދިރިއުޅުން
ޖަންގްޝަނެއް މަތީގައި އާއިލާއެއް ދިރިއުޅޭތާ 17 އަހަރު
 
ނަޖިސްވަހާއެކު ގޭގައި ދިރިއުޅެން އުދަނގޫ، ސިއްހަތަށް ނުރައްކާ
 
އާއިލާގެ އެއްކުއްޖަކު ވަނީ ކުއްޔަށް އެހެން ގެއަކަށް ދިރިއުޅުން ބަދަލުކޮށްފައި
 
އެއީ ލ.ގަމަށް ދިރިއުޅުން ބަދަލުކުރި އާއިލާއެއް

ރާއްޖޭގެ ރަށެއްގައި ދިވެހި އާއިލާއެއް ޖަންގްޝަނެއް މަތީގައި ދިރިއުޅެމުން ގެންދާތާ 17 އަހަރުވެފައިވާ ކަމަށް ބުނުމުން އެކަން ގަބޫލުކުރަން އުދަނގޫވެދާނެއެވެ. ނަމަވެސް އެފަދަ އާއިލާއެއް ލ.ގަމުގައި ދިރިއުޅެމުން އެބަ ގެންދެއެވެ. 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެން އުފަން ރަށް ލ.މުންޑޫ ދޫކޮށް ލ.ގަމަށް އެ އާއިލާ ބަދަލުވީ ވަރަށް ފޮނި އުންމީދުތަކާއެކު އެވެ.

ގަމަށް ދިރިއުޅުން ބަދަލުކޮށް، ސަރުކާރުން ހަދިޔާކުރި ގޭގައި ދިރިއުޅުން ބިނާކުރީ ޖަންގްޝަން ވަޅުގަނޑެއްގެ ތެރޭގައި ދިރިއުޅުން ހޭދަ ކުރަންޖެހިދާނެ ކަމަށް ބަލައިގެން ނޫނެއެވެ.

މި ހާދިސާ ރާއްޖެއެމްވީއަށް ކިޔައިދިން އެ ގޭގެ ވެރިމީހާ ބުނީ ގޭގައި ދިރިއުޅެން ފެށިއިރު ގޭގައި އިންފާރު ރާނާފައިނުވާ ކަމަށެވެ. ނަމަވެސް ގޯތީގެ އިންފާރު އެނގޭ ގޮތަށް ފާހަގަކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭރު އެ ސަރަހައްދުގައި ނަރުދަމާ އަޅަން އުޅުނު ކުންފުނީގެ މީހުން އޭނާގެ ގޯތީގައި ބޮޑު ވަޅުގަނޑެއް ކޮންނަން ފެށި ކަމަށެވެ. އިތުރަށް ސުވާލުކުރުމުން އެއީ ކުރެހުމުގައި އިންގޮތް ކަމަށާއި، ބަދަލު ނުކުރެވޭނެ ކަމަށް ކުންފުނިން ބުނެފައިވާ ކަމަށެވެ. ދެކޮޅު ހެދި ނަމަވެސް އެ މީހާގެ ގޯތީގެ ތެރޭގައި އެ ކުންފުނިން ވަނީ ބޮޑު ޖަންގްޝަން ވަޅެއް ހަދާފައެވެ. އަދި އޭގެ ފަހުން އޭނާ ގޭގެ އިންފާރު ރޭނުމުގެ މަސައްކަތް ފެށުމުން ޖަންގްޝަން މަތިން ފާރު ނުރޭނުމަށް ކައުންސިލުން އެންގި ކަމަށާއި އެހެންކަމުން އިންފާރު ރާނަންޖެހުނީ ޖަންގްޝަން ވަޅު ގޯތިތެރެއަށްލުމަށްފަހު ކަމަށް އޭނާ ބުންޏެވެ.

އޭގެފަހުން ޖަންގްޝަންގެ ހޮޅިތަކާއެކު ވަރަށް ބޮޑަށް ފަޅައިގެން ދިޔަކަމަށާއި އެ ގުޑުމުގައި ގޯތީގެ ބިންގަނޑުން ވެސް ބައެއް ވަރަށް ބޮޑަށް ކަނޑައިގެން ދިޔަކަމަށް އޭނާ ކިޔައިދިނެވެ. އެވަގުތު ގޯތިތެރޭގައި ތިބި އޭނާގެ އަންހެނުންނާއި ދަރިފުޅު ވެސް އެ ވަޅުގަނޑަށް ވެއްޓުނު ކަމަށް އެމީހާ ބުންޏެވެ. ގެނުވެއްޓި ހުރީ ކިރިޔާކަމަށް ވެސް އޭނާ ބުންޏެވެ.

މި މައްސަލައަށް ދާއިމީ ހައްލެއް ހޯދިފައިނުވެއެވެ. ފަޅައިގެން ދިޔަ ހޮޅިތައް އަލުން ގުޅުމަށް ވެސް އެ މީހާ ހުއްދަ ދީފައިވަނީ އެ ސަރަހައްދުގައި ދިރިއުޅޭ އެހެން އާއިލާތަކަށް ފާހަނާ ބޭނުން ނުކުރެވޭތީއެވެ. ނަމަވެސް އެ ހާދިސާއަށްފަހު މިދިޔަ 17 އަހަރުގެ ތެރޭގައި މި އާއިލާ ދިރިއުޅެމުން ގެންދަނީ އެނަޖިސްވަހާއެކު އެގޭގައެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް މިހާރު އެގޭގައި ދިރިއުޅުމަށް ވަނީ އުދަނގޫވެފައެވެ. ވަސްމަޑުވާ ވަގުތެއް ނުދެއެވެ. ބައެއްފަހަރު ބައެއް ދުވަސްތަކުގައި ވަރަށް ބޮޑަށް ވަސްގަދަވެ ގޭގައި ކެތްކޮށްލުމަށް އުނދަގޫވެއެވެ. ބައެއް ރޭތަކުގައި ގޭގައި ނުނިދިގެން މެންދަމު 3:00 ޖަހަން ދެން ވެސް ބޭރުގައި އާއިލާއެކު ތިބެންޖެހޭ ކަމަށް އެ މީހާ ބުންޏެވެ. އަދި ހޫނުގަދަވި ނަމަވެސް އޭސީ ވެސް ނުޖެއްސޭ ކަމަށާއި އޭސީ ޖައްސައިގެން އެންމެ ސިކުންތަކު ވެސް ކެތް ނުކުރެވޭނެ ކަމަށް އޭނާ ބުންޏެވެ.

މި ޖަންގްޝަންގެ ނުބައި ވަސް މުޅި ސަރަހައްދަށް ފެތުރޭ

މީގެ އިތުރުން އޭނާ ބުނީ ނަރުދަމާގެ މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރު ވެސް ޝަކުވާ ހުށަހެޅުމުން ނަރުދަމާގެ މަސައްކަތް ކުރަމުންދިޔަ ކުންފުނީގެ ފަރާތުން ދެ ހުށަހެޅުމެއް ލިބުނު ކަމަށެވެ. އެއީ ޖަންގްޝަންގެ ސިސްޓަމް އަލުން އެހެން ދިމާލަކަށް ބަދަލުކުރާނަމަ ލައްކައެއްހާ ޑޮލަރު ހޭދަވެ، ބޮޑު މަސައްކަތްތަކެއް ދެވަނަ ފަހަރަށް އެ މީހުންނަށް ވެސް ކުރަންޖެހޭތީއެވެ. އެގޮތުން އޭނާ އަށް ހުށަހެޅީ އެހެން ގެއަކަށް ބަދަލުވުމާއި، ރުފިޔާ ދިނުމަށެވެ. އަދި އެހެން ގެއަކަށް ބަދަލުވުމަށް ތައްޔާރަށް ހުރި ކަމަށް އޭނާ ބުނި ނަމަވެސް، މި ހުށަހެޅުމަށް ފަހުންވީ ގޮތެއް ނޭނގެއެވެ. ދިރިއުޅޭނެ އެހެން ގެއެއް ވެސް ނުދިންތާގައި ގެއްލުމުގެ ބަދަލުވެސް ދީފައިނުވެއެވެ. ނަމަވެސް މިއަދު މައްސަލައާއެކު ކައުންސިލްއަށް ދާ ކޮންމެ ފަހަރަކު އަދި ކައުންސިލްގެ ބޭފުޅަކާ ދިމާވާ ކޮންމެ ފަހަރަކު އެހެން ގެއަކަށް ބަދަލުކޮށް ދިނުމާއި ގުޅޭގޮތުން ވާހަކަ ދައްކާ ކަމަށް އޭނާ ބުންޏެވެ.

ޖަންގްޝަން އެގޭގެ ގޯތި ތެރޭގައި

އެ މީހާ ބުނީ އިންތިޚާބެއް އަންނަ ކޮންމެ ފަހަރަކު މި މައްސަލަ ހައްލުކޮށްދިނުމަށް އެދޭ ކަމަށާއި، އިންތިޚާބުތަކުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުން ވެސް ހައްލު ކޮށްދޭނެ ކަމަށް ވިދާޅުވާ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް އެއިން ބޭފުޅަކު ވެސް މި މައްސަލަ ހައްލުކޮށްދެެއްވާފައިނުވާ ކަމަށް އޭނާ ބުންޏެވެ. އަދި މި މައްސަލާގައި ކަމާގުޅުންހުރި މިނިސްޓްރީތަކަށް ދިޔަ ކަމަށާއި، އެ މިނިސްޓްރީތަކުގެ ބޭފުޅުން ގެއަށް ޒިޔާރަތްކުރައްވާ އެ ތަން ބެއްލެވި ކަމަށެވެ. އަދި ކައުންސިލް އިދާރާގެ އިތުރުން ފުލުހުންނާއި، ހައުސިން މިނިސްޓްރީ، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ބޭފުޅުން ގެއަށް ޒިޔާރަތް ކުރި ކަމަށާއި، އެބޭފުޅުން ވެސް ގެއަށް ވަނީ މާސްކް އަޅައިގެން ކަމަށް އެމީހާ ބުންޏެވެ. މިއީ ދިރިއުޅެން ކަމުދާވަރުގެ ސަރަހައްދެއް ނޫން ކަމަށް އެބޭފުޅުން ވެސް ފާހަގަކޮށްފައިވާ ކަމަށެވެ. އަދި ގަމު ކައުންސިލްގެ ފަރާތުން ވެސް މިމައްސަލަ ހައްލުކުރުމަށް ކުރި މަސައްކަތް މިއަދާ ހަމައަށް ކާމިޔާބުވެފައިނުވާ ކަމަށް އެމީހާ ބުންޏެވެ. ކައުންސިލްގެ ފަރާތުން ރާއްޖެއެމްވީއަށް މިކަން ކަށަވަރުކޮށްދީފައިވާއިރު، އެ އިދާރާގެ ފަރާތުން ކަމާގުޅުން ހުރި މިނިސްޓްރީތަކަށް ލިޔެކިޔުންތަކާއި، ފޮޓޯތައް އެތައް ފަހަރެއްގެ މަތިން ފޮނުވައިގެން ވެސް ޖަވާބެއް ލިބިފައިނުވެއެވެ. އެހެންކަމުން މި މައްސާލައިގައި މިނިސްޓްރީ، އެކި އިދާރާތަައް، ވެރިން މިވަނީ ފެއިލްވެފައެވެ.

އާއިލާއެކު އުފާވެރި ދިިރިއުޅުމެއް އުޅުމަށް އުންމީދު ކުރި ނަމަވެސް އެ މީހާއަށް މިއަދު މިވަނީ ދިރިއުޅުން ވަރަށް ބޮޑަށް އުނދަގޫވެފައެވެ. ސިއްހީ ގޮތުން ވެސް ނުރައްކަލަށް ހުށަހެޅިފައެވެ. ކުދިންނާއެކު ދިރިއުޅެން ބޭނުންވި ނަމަވެސް އެ ގޭގައި ދިރިއުޅުނު އެއް ކުއްޖަކު މިހާރު ވަނީ ކުއްޔަށް އެހެން ގެއަކަށް ބަދަލުވެފައެވެ. ދެ ކުދިންނާއި، އެ ދެމަފިރިން އެ ގޭގައި ދިރިއުޅެމުން ގެންދާއިރު، މިވަގުތު ވެސް އެއާއިލާ ތިބީ މި މައްސަލައަށް ހައްލެއް ގެނެސްދޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. ނަޖިސްވަޅުގަނޑާ ދުރުގައި، ނަޖިސްވަހާ ނުލައި، ދިރިއުޅެވޭނެ ދުވަހަކަށް ކެތްމަދުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
100%
0%
0%
0%
ކޮމެންޓް
4 ފެބްރުއަރީ 2024 | އާދީއްތަ 15:46
ތަރަފާލު
ތަރަފާލު ގަނޑެއް ކަހަލަ ރަބަރު ޝީޓެއް ޕަމްޕް ސްޓޭޝަންގެ ވަޅުގަނޑުމަތީ ފަތުރާލާ، އޭރުން މިގޮތަށް ސީލް ކޮށްލަނިކޮށް ކޮންމެސް ވަރެއްގެ ވަގުތީ ހައްލެއް ލިބިދާނެ.