ކ. މާލެ
|
9 އޯގަސްޓް 2017 | ބުދަ 20:39
މައުމޫނު ހަމީދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
މައުމޫނު ހަމީދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ރާއްޖެ އެމްވީ
އަޙުމަދު ފާރިސް މައުމޫން
ފާރިސްއާ މެދު ގާނޫނާ ހިލާފަށް ކުރާ ކަންކަން ފޮރުވަން ޕީޖީ މަސައްކަތް ކުރޭ: މައުމޫނު ހަމީދު
ގާނޫނާ ހިލާފު ކަންކަމުގައި ގާނޫނީ ސިފަ ޖައްސަން ޕީޖީ މަސައްކަތް ކުރޭ
ހައި ކޯޓުގައި ފުލުހުންނާއި ޕީޖީން ދައްކާ ވާހަކަ ވެސް ދިމާ ނުވޭ

ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނާމެދު ފުލުހުން ގާނޫނާ ހިލާފަށް އަމަލު ކުރަމުންދާކަން  އެނގިވަޑައިގެންވެސް ޕްރޮސެކިއުޓާ ޖަނެރަލް މަސައްކަތް ކުރައްވަނީ އެކަން ފޮރޮވުމަށް ކަމަށް ގާނޫނީ ވަކީލް މައުމޫނު ހަމީދު ވިދާޅުވެއްޖެ އެވެ.

 

ފާރިސްގެ ބަންދުގެ މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުމާގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުމޫނު ހަމީދު ވިދާޅުވީ ފާރިސްއަށް ލިބިދޭ ހައްގުތައް ނިގުޅައިގަތުމަށް ކުރާ ކަންކަން ގާނޫނީ އިމުގެ ތެރެއަށް ވެއްދުމަށް ޕީޖީ މަސައްކަތް ކުރައްވާ ކަމަށެވެ.

 

މައުމޫނު ވިދާޅުވީ ފުލުހުން ގާނޫނާ ހިލާފަށް ކަމެއް ކުރުމުން އެކި ބަހަނާތައް ދައްކައިގެން އެކަން ރަނގަޅު ކުރުމަށް ޕީޖީ މަސައްކަތް ކުރެއްވުމަކީ ގާނޫނާ ހިލާފުވުމަށް ހިތްވަރު ލިބިގެންދާނެ ކަމެއް ކަމަށެވެ. ގާނޫނާ ހިލާފަށް ފުލުހުން ކުރާ ކަންކަމާ އަޅާ ނުލާ ޕީޖީ ހުންނެވުމަށްވުރެ އެކަން ރަނގަޅު ކުރެއްވުމަށް މަސައްކަތް ކުރުމަކީ މާ ނުރައްކާތެރި ކަމެއް ގޮތުގައިވެސް މައުމޫނު ފާހަގަ ކުރެއްވި އެވެ.

 

"ފުލުހުންނަށް މި ލިބޭ މެސެޖަކީ ގާނޫނާ ހިލާފަށް ކަމެއް ކުރިއަކަސް ދައުވާއެއްވެސް ނުކުރާނެ އޭ، ތިމަންނަމެންނާމެދު ފިޔަވަޅެއްވެސް ނާޅާނައޭ. ޕްރޮސެކިއުޓާ ޖެނަރަލް ހުންނަވާނީ ތިމަންނަމެން ހިމާޔަތްކޮށްދޭށޭ. މިއީ ހާދަ ނުރައްކާތެރި މެސެޖެކޭ. އެއްވެސް ފަރާތަކަށް ލިބިގެންނުވާނެ ނުރައްކާތެރި މެސެޖެއް މިއީ،" އޭނާ ވިދާޅުވި އެވެ.

 

ޖިނާއީ އިޖުރާއަތުގެ ގާނޫނާ އެއްގޮތަށް ފާރިސް ހައްޔަރުކޮށްގެން އެންމެ ކައިރީގައި ހުރި ފުލުސް އޮފީހަކަށް ގެންގޮސްފައިވާނުވާ ކަމަށް ފުލުހުން ހައިކޯޓުގައި އިއުތިރާފުވެފައިވާއިރު އެ ގާނޫނާ އެއްގޮތަކަށް އަމަލު ކުރުމުގެ ވިސްނުންވެސް ނެތްކަން ފުލުހުންގެ ވާހަކައިން އެނގުނު ކަމަށް މައުމޫނު ހަމީދު ވިދާޅުވި އެވެ. ނަމަވެސް ޕީޖީ ހައި ކޯޓުގައި މަސައްކަތް ކުރެއްވީ އެކަމުގައި ވެސް ގާނޫނީ ސިފައެއް ޖެއްސޭތޯ ކަމަށް މައުމޫނު ހަމީދު ވިދާޅުވި އެވެ.

 

ރިޝްވަތު ދިނުމުގެ ކުށުގައި ފާރިސް ހައްޔަރު ކުރުމަށްފަހު ބަންދުގެ މުއްދަތު އިތުރުކުރީ އޭނާގެ މައްޗަށް ކުރެވޭ ކުށަކީ ބޮޑު ކުށެއް ކަމަށްވާތީ ކަމަށް ދަށުކޯޓުގައި ފުލުހުން ބުނި ނަމަވެސް ފާރިސް މައްޗަށް ތުހްމަތު ކުރެވެނީ ބޮޑެތި ކުށްތަކުގެ ހިމެނޭ ކުށެއް ނޫންކަން ހައި ކޯޓުގައި ފާހަގަ ކޮށްފައިވާނެ ކަމަށް މައުމޫނު ހަމީދު ވިދާޅުވި އެވެ. އަދި  ވިދާޅުވީ ފާރިސްގެ މައްޗަށް ފުލުހުން ތުހްމަތު ކުރާ ކުށަކީ ބޮޑު ކުށެއް ކަމަށް ގާނޫނުލް އުގޫބާތުގައި ބުނެފައިވާ ކުށެއް ނޫން ކަމަށް ފާރިސްގެ ފަރާތުން ފާހަގަ ކުރުމުން ފާރިސްގެ މައްޗަށް ތުހްމަތު ކުރެވޭ ކުށް ކޮރަޕްޝަން ކަމަށްވެސް ބެލެވޭ ކަމަށް ޕީޖީގެ ވަކީލުން ވިދާޅުވާން ފެށި ކަމަށެވެ. ނަމަވެސް ސާފުކޮށް ގާނޫނުގައި ކަނޑައަޅާފައިވާ ކަމެއް ޕީޖީއަށް މާނަ ނުކުރެއްވޭނެ ކަމަށާއި ޕީޖީން އެ ވަނީ ގާނޫނު މާނަ ކުރަން ފަށާފައި ކަމަށްވެސް ވިދާޅުވި އެވެ.

 

"ޕްރޮސެކިއުޓާ ޖެނަރަލް މި ވިދާޅުވަނީ ކޯޓަށްވެސް ލިބިގެންނުވާ ބާރެއް ތިމަންނަ އަށް ލިބިގެން އެބަވެ އޭ. އެއީ ގާނޫނު މާނަކުރުން. ތިމަންނާމެނަށް އެބަ މާނަ ކުރެވޭ ޖިނާއީ އިޖްރާއަތުގެ ގާނޫނު މި ގޮތައްވެސް. ހައްޔަރުކުރީ ބޮޑު ކުށަކަށް ނުފެތޭ ކުށަކަށޭ. އެކަމު ބޮޑު ކުށެއް ކަމަށް ތިމަންނަމެނަށް މާނަ ކުރެވިދާނެ އޭ. ގާނޫނަށް ތަންކޮޅެއް ފުޅާކޮން ބަލާލީމަ އެގޮތައް އެބަ ފެނެއޭ. މިއީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ކަމެއް،" މައުމޫނު ހަމީދު ވިދާޅުވި އެވެ.

 

ތަހްގީގު ނިންމާ މައްސަލަ ޕީޖީއަށް ފޮނުވުމަށް ޕީޖީއާ މަޝްވަރާ ކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް މައްސަލާގެ ތަހްގީގު އަދި ނުނިމެނޭ ކަމަށް ޕީޖީ ފާހަގަ ކުރެއްވި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

 

ނުފަށާ ޝަރީއަތެއް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން ކޮށްފައިވާ އަމުރަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ބިރު ދެއްކުމަށް ކޮށްފައިވާ ކަމެއް ގޮތުގައި ކަމަށް މައުމޫނު ހަމީދު ފާހަގަ ކުރެއްވި އެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް