ރާއްޖެޓީވީގެ ސީއޯއޯ ހުސައިން ފިޔާޒް މޫސާގެ މައްޗަށް ހިންގާ ޝަރީއަތުގެ ހުކުމް ކުރުން ބުރާސްފަތި ދުވަހަށް ތާވަލުކޮށްފި އެވެ.
ފިޔާޒުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އަތްލުމުގެ ކުށުގެ ދައުވާ އެވެ. އަތްލުމުގެ ކުށަކީ ޖުނަހުގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ. އެ ކުށުގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އެ ކުށަށް ދެވޭނެ އެންމެ ބޮޑު އަދަބީ ތިން މަސް ދުވަހުގެ ޖަލު ހުކުމެކެވެ.
ފިޔާޒުގެ މައްޗަށް ކުރާ ދައުވާގައި ބުނެފައިވަނީ، މުލިއާގެ ކައިރިން ފެނުނު ބޮމެއް، މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ނައްތާލުމަށް ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަމުންދަނިކޮށް، އެ ސަރަހައްދުން ފިޔާޒު ނުގޮސް، ފުލުހެއްގެ މޭ މަތީގައި ޖަހާފައިވާ ކަމަށެވެ. އެ މައްސަލައިގައި ފިޔާޒުގެ މައްޗަށް ފުރަތަމަ ކުރީ ޖެހުމުގެ ކުށުގެ ދައުވާ އެވެ. ނަމަވެސް ފަހުން އެ ދައުވާ އަނބުރާ ގެންދިއުމަށް ފަހު، އަތްލުމުގެ ކުށުގެ ދައުވާ ވަނީ ކޮށްފަ އެވެ.
ފިޔާޒަށް ހުކުމް ކުރުމަށް ބާއްވާ ޝަރީއަތުގެ މަޖިލިސް ތާވަލުކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރު 2:00 އަށެވެ.
ފިޔާޒަށް ހުކުމް ކުރުމުގެ މަޖިލިސް ބުރާސްފަތި ދުވަހު ބާއްވާއިރު، ހަމަ އެ މައްސަލައާ ގުޅިގެން ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމާއި ލީވާން އަލީ ނާސިރުގެ މައްޗަށް ގާނޫނު ތަންފީޒްކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާކޮށް، ކޮންމެ މީހަކު 28،800 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ވަނީ ހުކުމް ކޮށްފަ އެވެ.
މި މައްސަލައިގައި ފިޔާޒުއާ ދެކޮޅަށް ހެކި ބަސް ދިނީ ތިން ފުލުހުންނެވެ. އެ ތިން ފުލުހުންނަކީ ވިސާމާއި ލީވާނާ ދެކޮޅަށް ވެސް ހެކި ބަސް ދިން ތިން ފުލުހުންނެވެ.
ރާއްޖެޓީވީގެ ކެމެރާމަން އާދަމް ޒަރީރުގެ މައްޗަށް ފުލުހުންގެ ދައުރަށް ހުރަސް އެޅުމުގެ ދައުވާކޮށް، ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި 3،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވެސް ވެއެވެ.