ކ. މާލެ
|
9 އޯގަސްޓް 2017 | ބުދަ 20:06
މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު
މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު
މުހައްމަދު ޝަރުހާން
މެންބަރުންގެ ގޮނޑި ގެއްލުން
ޖަލުގެ ތަޖުރިބާ އަމީތުގެ ދުލުން: ބޯންޖެހުނީ ފާހަނައިގެ ފެން، ހުންނަން ޖެހެނީ ގަދަ އަވީގައި!
މާޗް 29 ވަނަ ދުވަހު ޕާޓީން ވަކިކޮށް އެންގި
ދެފަހަރަށް ޕާޓީން ވަކިކުރެވޭނެ އެއްވެސް އަސާސެއް ނެތް
އިންސާފުވެރި ހުކުމެއް ކޮށް ދެއްވުމަށް އެދިވަޑައިގެންނެވި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ، މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ޖަލުގައި ތަހައްމަލު ކުރަމުންދާ ހިތްދަތި ކަންކަމުގެ ވާހަކަ ސުޕްރީމް ކޯޓުގައި ކިޔައި ދެއްވައިފި އެވެ.

މިދިޔަ ޖުލައި މަހުގެ 18 ވަނަ ދުވަހު އަމީތުގެ މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނިކޮށް، ރައްޔިތުންގެ މަޖިލީހަށް ވަދެވަޑައިގެންނެވި ކަމަށް ބުނެ ފުލުހުން ވަނީ ދޫނިދޫގައި އަމީތު ބަންދުކޮށްފަ އެވެ. ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފަ އެވެ.

ޖަލުގައި ކުރައްވަމުން ގެންދަވާ ހިތްދަތި ތަޖުރިބާގެ ވާހަކަ ދައްކަވަން ފައްޓަވަމުން އަމީތު ވިދާޅުވީ މިއަދާ ހަމައަށް ވެސް އޭނާއަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުންނާއި އިލެކްޝަންސް ކޮމިޝަނުން ވެސް އޭނާއަށް އަންގާފައިނުވާ ކަމަށެވެ.

އަމީތު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ނޫން ކަމަށް ބުނެ އޭނާ ހައްޔަރުކޮށް ދޫނިދޫގައި ބަންދުކޮށްފައިވާއިރު، އަސާސީ ޚިދުމަތްތަކުން ވެސް ވަނީ މަހުރޫމްކޮށްފަ އެވެ. އެގޮތުން ސާފު ބޯފެން ފޮދެއް ލިބުނީ ފަސް ދުވަސް ފަހުން ކަމަށާއި އެ ފަސް ދުވަހު ފެން ބައްލަވަން ޖެހިވަޑައިގަތީ ފާހަނައިގެ އިސްކުރުން ކަމަށެވެ. 

އަމީތު ވިދާޅުވީ ފުރަތަމަ ހަތް ދުވަސް ޖަލުގައި ހޭދަކުރަން ޖެހުނީ ކަނު އަނދިރީގައި ކަމަށާއި ގޮޅިއަށް އަލިކަމެއް ފޯރުކޮށްދިނީ ވެސް އާދޭސް ކޮށްގެން ކަމަށެވެ. އަމީތު ވިދާޅުވީ އޭނާ ބަންދުކޮށްފައިވަނީ ވައިދައުރުނުވާ ގޮޅިއެއްގައި ކަމަށާއި ހުންނަވަންޖެހެނީ ގަދަ އަވީގައި ކަމަށެވެ.

ސުޕްރީމް ކޯޓުގެ ހުކުމާ ޚިލާފަށް އޭނާ ބަންދުކޮށް، އަނިޔާދެމުންދާ ކަމަށް ވިދާޅުވެ އަމީތު ވަނީ އޭނާގެ ހައްގުތަކާއި އޭނާ ތަމްސީލުކުރައްވާ ފަސްހާހެއްހާ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށް އިންސާފުވެރި ހުކުމެއް ކޮށްދެއްވުމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ކިބައިން އެދިވަޑައިގަންނަވާފަ އެވެ.

ޕީޕީއެމްގެ ސުލޫކީ ކޮމެޓީން މާޗް މަހުގެ 29 ވަނަ ދުވަހު އޭނާ ޕާޓިން ވަކިކުރިކަން ފާހަގަކޮށް އޭނާ ވިދާޅުވީ ޖުލައި މަހުގެ 10 ވަނަ ދުވަހު ޕާޓީގެ ދަފްތަރުން އުނިކޮށްދޭން ޕާޓީއަށާއި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން ވެސް އެކަން ނުކޮށްދީ، ސުޕްރީމް ކޯޓުގެ ހުކުމުގެ ނާޖާއިޒް ބޭނުން ހިފާފައިވާ ކަމަށެވެ. 

އަމީތުގެ ވަކީލު އިބްރާހިމް ރިއްފަތު ވިދާޅުވީ ސައުދު ވަކިކުރުމަށް މާޗް މަހު ޕީޕީއެމްގެ ސުލޫކީ ކޮމެޓިން ނިންމި ނިންމުމާއެކު އޮޓަމެޓިކުން އެޕާޓީން އޭނާ ވަކިވީ ކަމަށެވެ. ޕީޕީއެމްގެ އަސާސީ ގަވާއިދުގެ ދަށުން ސުލޫކީ ކޮމެޓީގެ ނިންނުމެއް އިސްތިއުނާފް ކުރަން ލިބެނީ 15 ދުވަސް ކަން ފާހަގަކުރައްވައި ރިއްފަތު ވިދާޅުވީ އެ މުއްދަތުގެ ތެރޭގައި އަމީތު ވެސް އަދި ޕާޓީގެ އެއްވެސް ގުނަވަނަކުން ވެސް އެ މައްސަލަ އިސްތިއުނާފް ކޮށްފައިވެސް ނުވާ ކަމަށެވެ. އަދި އޭގެ ފަހުން ޕީޕީއެމްގެ މެންބަރަކަށް ވުމަށް އަމީތު އެއްވެސް މަސައްކަތެއް ކުރައްވާފައިނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޖަވާބުގައި ދައުލަތުގެ ވަކީލު ވިދާޅުވީ އަމީތު ޕާޓީން ވަކި ކުރިކަން ޕީޕީއެމުން ކޮމިޝަނަށް އެންގީ ޕާޓީން ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން ކުރި ހުކުމުގެ ފަހުން، ޖުލައި މަހުގެ 18 ވަނަ ދުވަހު ކަމަށާއި މާޗް މަހުގެ ތެރޭގައި ޕާޓީން ވަކިކުރިކަން އަންގައި، ޕީޕީއެމުން އަމީތަށް ފޮނުވި ސިޓީގެ ކޮޕީއެއް އިލެކްޝަންސް ކޮމިޝަނަށް ލިބުނު ކަމަށެވެ. ނަމަވެސް އެއީ ޕާޓީގެ ދަފްތަރުން އަމީތުގެ ނަން އުނިކޮށްދޭން އެދި ކޮމިޝަނަށް ފޮނުވާފައިވާ ސިޓީއެއް ނޫން ކަމަށާއި އެ ސިޓީގެ ދަށުން އަމީތު ޕާޓީން ވަކިކޮށްދޭން ނުޖެހޭ ކަމަށް ވަކީލު ވިދާޅުވި އެވެ.

ވަކީލު ވިދާޅުވީ މާޗް މަހުގެ ތެރޭގައި ޕާޓީން ވަކިކުރިކަން އަމީތަށް އަންގާފައި އޮތަސް، ޕީޕީއެމް އިން އެކަން އިލެކްޝަންސް ކޮމިޝަނަށް އަންގާފައިނުވާތީ ދަފްތަރުން އުނިކޮށްފައިނުވާ ކަމަށެވެ. އަދި އަމީތު މެންބަރުކަމުން ވަކިކުރީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ކުރެއްވި ސޮއި އަނބުރާ ނެންގެވުމަށް އެންގުމުން އެގޮތަށް އަމަލުނުކުރުމުން ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލަށް ރައްދު ދެއްވައި ރިއްފަތު ވިދާޅުވީ މާޗްގައި ވަކިކޮށްފައިވަނިކޮށް ޖުލައި ގައި އަނެއްކ ވަކިކުރެވޭނެ އެއްވެސް ހަމައެއް ނެތް ކަމަށާއި އެއީ ބުއްދީގެ ހަމަތަކުން ބަލާއިރު ވެސް ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި ދަފްތަރުން ނަން އުނިކުރުމަށް ފަރުދީ ގޮތުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް އަމީތު ކުރެއްވި ކަމަށާއި އިލެކްޝަންސް ކޮމިޝަނަށް މަސްއޫލިއްޔަތު އަދާނުކުރެވުމުން އެކަމުގެ ގެއްލުން އަމީތަށް ލިބިގެންނުވާނެ ކަމަށެވެ.

ރިއްފަތު ވިދާޅުވީ ގޮނޑި ގެއްލުނު ކަމަށް ނިންމުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކޮށްފައިވަނީ ޒާތީ ތައައްސުބުގައި ޖެހިގެން ތިބެ ކަމަށާއި އެ ކޮމިޝަނުން އަމަލުކޮށްފައިވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ގަވާއިދާ ޚިލާފަށް ކަމަށެވެ. އަދި އިންސާފު ގާއިމްކޮށް އިޖުރާއީ ގޮތުން އިލެކްޝަންސް ކޮމިޝަނުން ކުރަން ލާޒިމްވާ ކަންތައްތައް ކޮށްފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖަވާބުގައި ދައުލަތުގެ ވަކީލު ވިދާޅުވީ ޕާޓީއަކުން ވަކިކޮށްދޭން އެދި ފުރަތަމަ އެދެން ޖެހޭނީ އެ ޕާޓީއެއްގައި ކަމަށާއި ކޮމިޝަނުން އެކަން ކޮށްދޭނީ 14 ދުވަސް ތެރޭގައި ޕާޓީން އެކަން ކޮށް ނުދީފި ނަމަ ކަމަށެވެ. ކޮމިޝަނުން އަމިއްލަ އަށް ޕާޓީއަކުން މެމްބަރަކު ވަކިކޮށްދޭނީ އެކަންކަން ކަށަވަރު ކުރުމަށް ފަހު ކަމަށް ފާހަގަކުރައްވައި ވަކީލު ވިދާޅުވީ ޖުލައި 18 ވަނަ ދުވަހު އަމީތު ޕާޓީޏް ވަކިކޮށްފައިވަނީ އެކަން ކަށަވަރުކުރުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ކުރަމުންދަނިކޮށް ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ބައްލަވާ އެ މައްސަލައިގެ އަޑުއެހުން ނިންމާލީ ދެފަރާތުން ވެސް އިތުރަށް ވާހަކަ ދައްކަން ބޭނުންވާނަމަ އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް އިއުލާނު ކުރެއްވުމަށްފަހުގަ އެވެ. 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް