ކ. މާލެ
|
8 ޖޫން 2024 | ހޮނިހިރު 08:57
މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ އަލްވަރޭޒް
މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ އަލްވަރޭޒް
ރޮއިޓާސް
މެންޗެސްޓަރ ސިޓީ
އަލްވަރޭޒް ހޯދަން ޕީއެސްޖީ އަދި އެތުލެޓިކޯ އިން ޝައުޤުވެރިވޭ
މެންޗެސްޓަރ ސިޓީން ބޭނުން ވަނީ އެ ކުލަބުގައި އަލްވަރޭޒް ބެހެއްޓުމަށް

މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ޒުވާން ކުޅުންތެރިޔާ ހޫލިއަން އަލްވަރޭޒް ހޯދުމަށް ބައެއް ކުލަބުތަކުން ޝައުޤުވެރިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އުމުރުން 24 އަހަރުގެ ކުޅުންތެރިޔާ ސިޓީ އަށް ބަދަލުވީ 2022 ވަނަ އަހަރު އެވެ. އެ ކުލަބާއެކު އޭނާ ސޮއި ކުރީ ފަސް އަހަރާ، ބައިގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރު އެވެ. ސިޓީ ގައި އަލްވަރޭޒް މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، އޭނާ ހޯދުމުގެ ޝައުޤުވެރިކަން ގިނަ ކުލަބުތަކުން ގެން ގުޅޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން އަލްވަރޭޒް ހޯދުމުގެ ޝައުޤުވެރިކަން ގެންގުޅޭ އެއް ކުލަބަކީ، ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އެވެ. ޕީއެސްޖީން އަލްވަރޭޒް ހޯދުމަށް ޝައުޤުވެރި ވަނީ، އެ ކުލަބަށް ކުޅެމުން އައި ފްރާންސްގެ ކީލިއަން އެމްބާޕޭ އެ ކުލަބު ދޫކޮށްލުމުން، އޭނާގެ ބަދަލަށް ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

އަނެއްކޮޅުން ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑުން ވެސް، އަލްވަރޭޒް ހޯދުމުގެ ޝައުޤުވެރިކަން ގެންގުޅޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެހެން ނަމަވެސް، އަލްވަރޭޒް ހޯދުމަށް މިހާތަނަށް އެއްވެސް ކުލަބަކުން ހުށަހެޅުމެއް ހުށަހަޅާފައި ނެތެވެ. އަދި އެއްވެސް ކުލަބަކުން އެފަދަ މަޝްވަރާތަކެއް ވެސް ކުރިއަށް ނުގެންދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މީގެ އިތުރުން އިނގިރޭސި ބައެއް ކުލަބުތަކުން ވެސް އަންނަނީ އަލްވަރޭޒް އަށް ފާރަލަމުން ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެހެން ނަމަވެސް، މެންޗެސްޓަރ ސިޓީން ބޭނުން ވަނީ އެ ކުލަބުގައި އަލްވަރޭޒް ބެހެއްޓުމަށެވެ. އަލްވަރޭޒް އާއެކު ސިޓީން މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށާއި، ސިޓީން އޭނާގެ އެއްބަސްވުން އައު ކުރުމުގެ ފުރުސަތު ބޮޑު ކަމުގައި ވެސް ރިޕޯޓުތައް ބުނެ އެވެ.

އަލްވަރޭޒް ވަނީ ސިޓީ އަށް މިހާތަނަށް ކުޅެދިން 103 މެޗުގައި 36 ލަނޑު ޖަހައިފަ އެވެ. ސިޓީ އާއެކު އޭނާ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެގޮތުން އަލްވަރޭޒް ވަނީ ސިޓީ އާއެކު، އިނގިރޭސި ޕްރިމިއާ ލީގު، އެފްއޭ ކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕް ކާމިޔާބު ކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް