ކ. މާލެ
|
5 ޖޫން 2024 | ބުދަ 20:28
މަސްޖިދުލް ހަރާމް - މިއަހަރުގެ ހައްޖުގެ އަޅުކަން ޖޫން 14 ގައި ފެށޭނެ
މަސްޖިދުލް ހަރާމް - މިއަހަރުގެ ހައްޖުގެ އަޅުކަން ޖޫން 14 ގައި ފެށޭނެ
ހަރަމައިންއިންފޯ
ހައްޖު 1445
ހައްޖު ދުވަސްވަރު ހޫނު ގަދަވާނެ ކަން ހައްޖުވެރިން ވިސްނުމަށް ސައުދީ ސަރުކާރުން ބުނެފި
 
ހައްޖު ދުވަސްވަރު ވާރޭ ވެހޭނެ ކަމަކަށް ނުބެލޭ
 
ދުވާލު ފިނިހޫނުމިން 44 ޑިގުރީ ސެލްސިއަށް އަރާނެ ކަމަށް ބެލޭ

މި އަހަރުގެ ހައްޖުގެ އަޅުކަމުގެ ދުވަސްތައް ކުޑަތަންވަމުން އަންނަ އިރު، ސައުދީ އަރަބިއްޔާގެ ފިނިހޫނު މިން އެވްރެޖްކޮށް ހުންނަ މިންވަރަށް ވުރެ މަތިވާނެ ކަން ހައްޖުވެރިންގެ ވިސްނުމުގައި ބެހެއްޓުމަށް ސައުދީ ސަރުކާރުން ބުނެފިއެވެ.

އަންގާރަ ދުވަހު ސައުދީ އަރަބިއްޔާގެ މޫސުމާ ބެހޭ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަ ކުރި ގޮތުގައި ހައްޖު ދުވަސްވަރު ފިނިހޫނު މިން 44 ޑިގްރީ ސެލްސިއަސް އަށް އަރާނެ ކަމަށް ބެލެވޭ ކަމަށެވެ. އެއީ ސައުދީގެ އެވްރެޖް ފިނިހޫނު މިނަށްވުރެ އެކެއް ބައި ނުވަތަ ދޭއް ޑިގުރީ އަށް ވުރެ މަތީ މިންވަރެއް ކަމަށް ބުނެފައިވެއެވެ.

ސައުދީގެ މޫސުމާ ބެހޭ ފޯކާސްޓް ދައްކާ ގޮތުން ވައިގެ ތެތްކަމުގެ އެވްރެޖް ނިސްބަތް ހައްޖު ދުވަސްވަރު ހުންނާނެ ކަމަށް ބެލެނީ 25 އިން ސައްތައިގައެވެ. އެދުވަސްވަރު އެއް ގޮތަކަށްވެސް ވާރޭ ވެހޭނެ ކަމަށް ނުބެލެވޭ ކަމަށްވެސް ސައުދީ މޫސުމާ ބެހޭ އޮފީހުން ބުނެފައިވެއެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަން ޖޫން 14 ގައި ފެށޭއިރު ގިނަ އަދަދެއްގެ މީހުން މިހާރުވެސް ވަނީ ވައިގެ މަގުންނާއި އެއްގަމު މަގުން ސައުދީއަށ ގޮސްފައެވެ.

ހުސްވި އަހަރު 1.8 މިލިއަނަށް ވުރެ ގިނަ މީހުން ހައްޖަށް ދިޔަކަން ރަސްމީ ހިސާބުތަކުން ދައްކާއިރު މިއަހަރު އެ އަދަދު މަތިވާނެ ކަމަށް ވަނީ ބެލެވިފައެވެ.

ހުސްވި އަހަރުގެ ހައްޖު ދުވަސްވަރު ފިނިހޫނު މިން 48 ޑިގުރީއަށް ދިޔަކަން ރެކޯޑް ކުރެވިފައިވެއެވެ. ހޫނު ގަދަވުމުގެ ސަބަބުން 2000ށް ވުރެ ގިނަ މީހުންނަށް ހުސްވި އަހަރު ހައްޖުގައި ހީޓް ސްޓްރޯކް ޖެހުނު ކަން ސައުދީ އޮފިޝަލުން ވަނީ ފާހަގަ ކޮށްފައެވެ.

ހޫނުގެ އަސަރު ކުޑަކުރުމަށް ސައުދީ ސަރުކާރުން އަޅަމުންދާ ފިޔަވަޅު ތަކުގެ ތެރޭގައި ހައްޖުވެރިން ތިބޭ ޓެންޓުތައް އެއަރކޯން ކުރުމާއި، މީހުން ގިނަވާ ތަންތަނުގެ ވައިގެ ތެރެއަށް ފެން ބުރުއްސާ ނިޒާމު ބެހެއްޓުން ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް