ކ. މާލެ
|
22 ޖޫން 2024 | ހޮނިހިރު 01:14
ޓިއުނީޝިއާގެ ދީނީ ކަންކަމާ ބެހޭ ވަޒީރު އިބްރާހިމް ޝައިބީ
ޓިއުނީޝިއާގެ ދީނީ ކަންކަމާ ބެހޭ ވަޒީރު އިބްރާހިމް ޝައިބީ
ޓިއުނީޝިއާ ނިއުސް
ޓިއުނީޝިއާގެ ދީނީ ވަޒީރު މަގާމުން ވަކި ކުރުން
ޓިއުނީޝިއާގެ ދީނީ ކަންކަމާ ބެހޭ ވަޒީރު ހައްޖުން ވަޑައިގެންނެވި ތަނުން މަގާމުން ވަކިކޮށްފި
އިބްރާހީމް ޝައިބީ ހައްޖަށް ވަޑައިގަތީ ޓިއުނީޝިއާ އިން ހައްޖަށް ދިޔަ އެގައުމުގެ މީހުންގެ ކަންކަން ބަލަހައްޓާ ވަފުދުގެ ވެރިޔާގެ ހައިސިއްޔަތުން. މަގާމުން ވަކި ކުރިކަން އިއުލާން ކުރީ ހައްޖުން އެނބުރި ވަޑައިގެންނެވިތާ މަދު ގަޑިއިރެއްގެ ތެރޭގައި.

ޓިއުނީޝިއާގެ ދީނީ ކަންކަމާ ބެހޭ ވަޒީރު އިބްރާހިމް ޝައިބީ މަގާމުން ވަކިކޮށްފި އެވެ.

އޭނާ މަގާމުން ވަކިކުރީ މި އަހަރުގެ ހައްޖުގެ އަޅުކަން ފުރިހަމަ ކުރެއްވު މަށްފަހު ގައުމަށް އެނބުރި ވަޑައިގެންނެވިތާ މަދު ގަޑީއިރެއްގެ ތެރޭގައި ކަމަށް ޚަބަރުތައް ބުނެއެވެ.

ޝައިބީ ހައްޖަށް ވަޑައިގަތީ ޓިއުނީޝިއާ އިން ހައްޖަށް ދިޔަ މީހުންގެ ކަންކަން ބެލެހެޓުމުގެ ޒިންމާ އާ ހަވާލުވެ ސައުދީ އަރަބިއްޔާ އަށް ދިޔަ އެ ގައުމުގެ ވަފުދުގެ ވެރިޔާގެ ހައިސިއްޔަތުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކުއްލި ގޮތަކަށް ވަޒީރު މަގާމުން ވަކި ކުރިކަން ހުކުރު ދުވަހު އިއުލާން ކުރިއިރު، ޓިއުނީޝިއާ އިން ހައްޖަށް ދިޔަ މީހުންގެ ކަންކަމުގެ އިންތިޒާމުތައް ހަމަޖެހިފައި ހުރި ގޮތާ މެދު ހިތްހަމަ ނުޖެހި އެގައުމުގެ ސަރުކާރަށް ފާޑު ކިޔުން އަމާޒުވެފައިވާ ކަން މީޑިއާ ރިޕޯޓްތަކުގައި ފާހަގަ ކޮށްފައިވެއެވެ.

ހައްޖު މޫސުމުގައި ސައުދީ އަރަބިއްޔާގައި އާދަޔާ ޚިލާފަށް މިއަހަރު ހޫނު ގަދަ ވުމުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު މަރުވެފައިވާ ކަމަށް މީޑިއާ އިން ރިޕޯޓު ކޮށްފައިވާއިރު، މަރުވި މީހުންގެ ތެރޭގައި ޓިއުނީޝިއާ އިން މިއަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިން 49 މީހުން ހިމެނޭ ކަމަށް ޓިއުނީޝިއާގެ މީޑިއާ އިން ބުނެފައިވެއެވެ.

އެ ގައުމުގެ ޚާރިޖީ ވުޒާރާ އާ ހަވާލާދީ ޓިއުނީޝިއާގެ މީޑިއާ އިން ބުނެފައިވާ ގޮތުގައި މަރުވި ގިނަ މީހުންނަކީ ސައުދީ އަރަބިއްޔާގެ ރަސްމީ ހައްޖު ޕްރޮގްރާމްގެ ބޭރުން، ޓޫރިސްޓް ވިސާގައި ގޮސް ހައްޖުގެ އަޅުކަން އަދާ ކުރަން އުޅުނު މީހުންނެވެ.

ޓިއުނީޝިއާ އިން ހައްޖަށް ދިޔަ މީހުންގެ ތެރެއިން ގިނަ ބަޔަކު މަރުވި މައްސަލައިގައި ޝައިބީ ވިދާޅުވި ކަމަށް މީޑީއާގައި ރިޕޯޓް ކޮށްފައިވަނީ، ހޫނު ގަދަވުމާއި، އުމުރުން ދުވަސް މީހުންނާއި، ސިއްހީ އެހެން މައްސަލަތައް ހުރި މީހުން ހައްޖަށް ދިޔަ މީހުންގެ ތެރޭގައި ގިނައިން ތިބުމުން ކަމަށެވެ.

ހުކުރު ދުވަހު ދީނީ ކަންކަމާ ބެހޭ ވަޒީރު މަގާމުން ވަކި ކުރިކަން ޓިއުނީޝިއާގެ ރައީސް ގައިސް ސައީދުގެ އޮފީހުގެ ރަސްމީ ފޭސްބުކް ޕޭޖްގައި އާއްމު ކުރި ބަޔާނެއްގައި ބުނެފައިވީ ނަމަވެސް އޭނާ މަގާމުން ވަކި ކުރި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. ހަމަ އެކަނި ބުނެފައިވަނީ ދީނީ ކަންކަމާބެހޭ ވަޒީރު ގެ މަސްއޫލިއްޔަތުން އިބްރާހިމް ޝައިބީ ވަކި ކުރައްވަން ރައީސް ނިންމަވައިފި ކަމަށެވެ.

ސައުދީ އަރަބިއްޔާގެ ރަސްމީ ހިސާބުތަކުން ދައްކާ ގޮތުން މި އަހަރު ގަވައިދުގެ ތެރެއިން ހައްޖުގެ އަޅުކަމުގައި ބައިވެރިވި މީހުންގެ އަދަދަކީ 1.8 މިލިއަނެވެ. ހުސްވި އަހަރު ހައްޖުވި މީހުންގެ އަދަދަކީ 1.6 މިލިއަން މީހުންނެވެ.

ސައުދީ އަރަބިއްޔާ އިން ހުސްވި މަހު އާއްމު ކުރި ދިރާސާ އަކުން ދައްކާ ގޮތުގައި ކޮންމެ 10 އަހަރަކުން މައްކާގައި 0.4 ޑިގްރީ ސެލްސިއަސް އަށް ފިނިހޫނު މިން މައްޗަށް ދާކަން ވަނީ ފާހަގަ ކުރެވިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް