ޔާމީން ރަޝީދުގެ މަރާލުމުގެ މުގުލުގައި ތިބި މީހުން އެނގޭ ކަމަށާއި ޔާމީންގެ މަރުގެ މައްސަލައަށް އެއްވެސް މީހަކު ފަންޑުކުރިކަމަށް ގަބޫލު ނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ.
އިސްކަންދަރު ބިލްޑިންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަަމުން ސުޕްރިންޓެންޑެން އޮފް ޕޮލިސް އަހުމަދު ޝަމީމު ވިދާޅުވީ އުމުރުން 29 އަހަރުގެ ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަަލައިގައި 8 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާއިރު އެ މައްސަލައިގެ އެންމެ އަޑީގައި ތިބި މީހުންވެސް އެނގޭ ކަމަށެވެ.
މި މައްސަލައިގައި ދައުވާކޮށްފައި ވަނީ ގދ. ގައްދޫ، ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހި، ހަސަން ޝިފާޒާއި ގދ. ތިނަދޫ ހިކިފިނިފެންމާގޭ އަހްމަދު ނަސޫހް އަބްދުﷲ އާއި މ. ޕާލްމާވިލާ މުހައްމަދު ޔަޝްފާއު ރަޝީދާއި ހ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި މ. އިރާސްމިކްގޭ އަހްމަދު ޒިހާން އިސްމާއީލާއި މ. ތޯއިފް އިސްމާއީލް ރަޝިދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދު އެވެ.
"ޔާމީން ރަޝީދުގެ މަރާލުމުގައި ހަރަކާތްތެރިވި މީހުންނަކީ އުމުރުގެ ގޮތުން ބެލި ނަމަވެސް އެހާ ދޮށީ ބައެއް ނޫން. މި މީހުން ގަބޫލުކުރާ ގޮތުގައި ދީނަށް ފުރައްސާރަކުރާ މީހުންނާއި އެ މީހުންގެ [ގާތިލުން] ހިޔާލާ ތަފާތުވޭ. އެގޮތުން މި މީހުން ގަބޫލުކުރަނީ ޔާމީން ރަޝީދަކީ ވެސް ދީނަށް ފުރައްސާރަކުރާ މީހެއްގެ ގޮތުގައި. އެ ހިޔާލު ތަފާތުވުންތަކުގެ ތެރެއިން އެކަން އެމީހުންކޮށްފައިވާ ކަމަށް ތަހުގީގުތަކަށް ގަބޫލުކުރެވެނީ،" ޝަމީމު ވިދާޅުވި އެވެ.
މި މައްސަލައިގެ އަޑީގައި ތިބި މީހުން ފުލުހުންނަށް އެނގޭއިރު އެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ފުލުުހުން ތަހުގީގު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަމީމު ވިދާޅުވީ، ލިބިފައިވާ މައުލޫމާތުތަކުގެ އަލީގައި، އެމީހުންގެ މައްސަަލަ އެނަލައިޒުކޮށް އެމީހުންގެ ހަގީގަތް ހޯދާނެ ކަމަށެވެ. ފުލުހުންގެ މޭޖަރ ކްރައިމް މެނޭޖްމެންޓް ޑިޕާޓުމެންޓުން އެކަން ތަހުގީގު ކުރަމުންދާ ކަމަށްވެސް ޝަމީމު ވިދާޅުވި އެވެ.
"ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި އަޑީގައި ތިބި މީހުންގެ ގޮތުގައި ފާހަގަކުރަނީ، މިކަން ކުރުމަށް ކޮންމެވެސް ވަރެއްގެ ހިތްވަރެއްދިން ބައެއް ކަމަށް. މިކަމަކީ އެއްވެސް ބަޔަކު ފަންޑުކޮށްގެން ވަކި މީހަކު މަރާލަން ކުރި ކަމެއް ކަމަށް އެނގިފައެއް ނެތް،" ޝަމީމު ވިދާޅުވި އެވެ.
ޔާމީން ރަޝީދުގެ މަރުގެ މައްސަލަގައި ސިޔާސީ އެއްވެސް ނުޒޫފެއް އޮތް ކަމަށް ތަހުގީގަށް ފާހަގަކުރެވިފައިނުވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ޔާމީން ރަޝީދުގެ މަރުގެ މައްސަލައާ ގުޅިގެން ފުލުހުން 1850 ހަށްވުރެ ގިނަ ވީޑިއޯ ފޫޓޭޖް އެނަލައިޒް ކޮށްފައިވާއިރު ގާތްގަނޑަކަށް 40،000 މީހުންގެ މައުލޫމާތު ހޯދާ އެނަލައިޒުކޮށްފައިވާ ކަމަށް ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ވިދާޅުވި އެވެ.
ޔާމީން ރަޝީދު މަރާލިތާ ތިން މަހަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، ނޫސްވެރިންނަށް ސުވާލުކުރުމުގެ ފުރުސަތު ދީގެން ބޭއްވި ފުރަތަމަ ޕްރެސް ކޮންފަރެންސްގައި ފުލުހުން ގެެނެސްދިން ވީޑިއޯ ރިޕޯޓްގައި ބުނެފައިވަނީ، ޔާމީންގެ ރަޝީދުގެ މަރުގެ ތަހްގީގުގައި މާލޭގެ އެކި ސަރަހައްދުގެ މޫދު ސަރަހައްދުވެސް ބަލާފައިވާ ކަމަށެވެ. ފުލުހުން ބުނީ ޔާމީން މަރާލުމަށް ބޭނުންކުރި ކަމަށް ތުހްމަތު ކުރެވޭ ސާމާނާއި އެ މީހުން ގެންގުޅު ފޯނު ފަދަ ތަކެތި މޫދަށް އުކާލި ކަމަށެވެ. ނަމަވެސް އެތަކެތި ހޯދި ކަމެއް ފުލުހުން ނުބުނެ އެވެ.
"[މީގެ އިތުރުން] ހަމަލާދިން މީހުން ދަތުރުކޮށްފައިވާ މަގުތައް ބަލާފާސްކޮށްފައިވާއިރު ހައްޔަރު ކުރި މީހުންގެ ގެތައް ވަނީ ބަލާފާސްކޮށްފައި،" ޝަމީމު ވިދާޅުވި އެވެ.
އޭޕްރީލް 22 ވަނަ ދުވަހުގެ ރޭ އަނިޔާވެރިގޮތަކަށް ޔާމީން މަރާލާފައިވާ އިރު އޭނާ އެންމެ ފަހުން އޮފީހުން ނިކުމެފާ ވަނީ އެރޭ 02:23 ގަ އެވެ. ޔާމީން އޮފީހުން ނިކުމެގެން ތިން ނަންބަރު ފާލަމާ ހައަށް ދާންދެން ދެ މީހަކު އޭނާއަށް ފާރަލާފައިވެ އެވެ. ގާޒީ ބިލްޑިން އިރުމަތީ ގޯޅިން ޔާމީން ރަޝީދު އެޅުމުން ޔާމީނަށް ފާރަލީ ދެމީހުން އެބުރި އާއި ކޮޅަށް ބޮޑުތަކުރުފާނު މަގުން އިރަށް ދިޔަ ކަމަށް ފުލުހުން ބުނެ އެވެ. އަދި އެމީހުން މަސްވެރިންގެ ޕާކާއި ހަމައަށް ގޮސްފައިވެ އެވެ.
މީގެ އިތުރުން ޔާމީން ދިރިއުޅެމުން ދިޔަ މ. ސްޕްޓިއުއުލާއަށް އެރޭ 02:34 ގައި ތިން މީހަކު ވަދެފައިވާ ކަމަށާއި ގެއަތް ވަތް މީހުން ލިފްޓާ ދިމާގައި ހުރި ސީސީޓީވީ ކެމެރާ އަނބުރާލާފައިވާ ކަމަށާއި ލައިޓްތައް ނިއްވާލާފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ. އެ މީހުން، ސްޕްޓިއުލާއަށް ވަތްއިރު ޔާމީން ރަޝީދު ހުރީ ޗާންދަނީ މަގުން ކެނެރީމަގާ ހިސާބުގަ އެވެ. ފުލުހުން ބުނި ގޮތުގައި ޔާމީން މަރާލުމަށް އެގެއަށް ވަދެފައިވަނީ އިސްމާއިލް ހައިޝަމް ރަޝީދާއި އަހުމަދު ޒިހާން އިސްމާއިލް އެވެ. އަދި އިސްމާއިލް ރަޝީދު ހުރީ ޔާމީން ރަޝީދު މަރާލި ވަގުތު ބޭރުގައި ފާރައަށެވެ.
ޔާމީން ރަޝީދު އޭނާ ދިރިއުޅޭ ގެއަށް ވަދެފައިވަނީ އެރޭ ދަންވަރު 02:46 ހާއިރު އެވެ. ޔާމީން ރަޝީދު ގެއަށް ވަދެ ލިފްޓަށް އެރުމަށްޓަކައި ލިފްޓް ހުޅުވި ވަގުތާއި ހަމަލާދިން ވަގުތާ ދިމާވުމުން އެ ހަމަލާދިން މަންޒަރު ވަރަށް ސާފުކޮށް ލިފްޓްގެ ކެމެރާއަށް އަރާފައިވާ ކަމަށެވެ.
ޔާމީން ރަޝީދު މަރާލި މީހުން ކަށަވަރުކަމާ އެކު ދެނެގަތުމަށް ވީޑިއޯ އެނަލިސިސް ހެދުމާއި ފޮޓޯ ކޮމްޕޭރިޒަން ކުރެވިފައިވެ އެވެ.