ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ފުލުހުންގެ ބަންދުގައި ބަހައްޓާފައި ހުރީ ހަތް ދުވަސް ވަންދެން ކަނު އަނދިރީގައި ކަމަށާއި ސިއްހީ ބޮޑެތި މައްސަލަތަކެއް ދިމާވެފައިވާ ކަމަށް އަމީތުގެ އާއިލާއިން ބުނެފި އެވެ.
މެމްބަރު އަމީތުގެ ބޭބެ އަދި ރައީސް ޔާމީންގެ ސަރުކާރުގެ ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ އަމީތު އަދާކުރައްވަމުންގެންދަވާ މަޑުއްވަރީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް މަޖިލީހުން ނިންމާފައި ވަނިކޮށް، މަޖިލީހުގެ އިދާރާއަށް އަމީތު ވަން ކަމަށް ބުނާ މައްސަލައިގެ ލިޔުމެއް މަޖިލީހުގެ އިދާރާއިން ފުލުހުންނަށް ދީފައިވާ ކަމަށެވެ. އެގޮތުން އެމައްސަލަައިގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން އަމީތު ހައްޔަރު ކުރުމަށް ފަހު، ހަތް ދުވަސް ވަންދެން ކަނު އަނދިރީގައި ޖަލުގެ ކުޑަ ގޮޅިއެއްގައި ބަހައްޓާފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް މީގެކުރިން ނޭނގޭ މައުލޫމާތު ތަކެއް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އަމީތުގެ ވާހަކަތަކުން އެނގިގެން ދިޔަ. އެގޮތުން، އަމީތު ބަހައްޓާފައި ހުންނަ ކުޑަ ގޮޅީގެ ހޫނު ގަދަކަމުން ދިމާވާ ސިއްހީ މައްސަލަތަކެއް. ޑޮކްޓަރުން ވެސް އެކަން ފާހަގަކޮށްފައިވޭ. މީގެއިތުރުން އަޅުގަނޑުމެންނަށް މިއެނގުނީ ހަތް ދުވަސްވަންދެން ބަހައްޓަފައިވަނީ ކަނު އަނދިރީގަކަން. އަދި ފެނުގެ ހިދްމަތް ވެސް ލިބުނީ ފަސް ދުވަސް ފަހުންކަމަށް އަމީތު ވިދާޅުވި،" ބުދަ ދުވަހު ސުޕްރީމް ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމަށް ވަޑައިގެންނެވުމަށް ފަހު އަމީތުގެ ބޭބެ އަމީނު ވިދާޅުވި އެވެ.
އަމީނު ވިދާޅުވީ އަމީތުގެ ސިއްހީ ކަންތައްތަކާއި ގުޅޭ ސައްހަ މައުލޫމާތާއި، ރަނގަޅު ސިއްހީ ފަރުވާ ދެއްވުމަށް ދައުލަތުގެ ކަމާބެހޭ ހުރިހާ މުއައްސަސާތަކަށް ގޮވާލައްވާ ކަމަށެވެ.
މީގެއިތުރުން އަމީން ވިދާޅުވީ ގާނޫނުއަސާސީއާއި ގާނޫނުތަކާއި ހިލާފަށް އިލެކްޝަންސް ކޮމިޝަން ހިންގާފައިވާ އަމަލުތަކާއި ގުޅިގެން މެމްބަރު އަމީތުއަށް ދިމާވެގެން އުޅޭ މިމައްސަލައިގައި އަމީތު އާއިމެދު އަނިޔާވެރިނުވެ، އަމީތުގެ ސިއްހީ ކަންތައްތަކަށް ވެސް އިހުމާލު ނުވާނެ ގޮތަކަށް ފުލުހުންނާއި ދައުލަތުގެ ކަމާބެހޭ އިދާރާތަކުން އަމަލު ކުރުމަށް ގޮވާލައްވާ ކަމަށެވެ..