ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވަމުން އަންނަ، 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް އަންނަ އާދީއްތަ ދުވަހު ފަށަން ތާވަލުކޮށް، މުބާރާތުގެ ގުރު ނަގައިފި އެވެ.
މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައި ވަނީ އަށް ޓީމަކުންނެވެ. ދެ ގުރޫޕަކަށް ބަހާލައިގެން މުބާރާތް ކުރިއަށް ގެންދާއިރު، ކޮންމެ ގުރޫޕެއްގައި ވެސް އޮތީ ހަތަރު ޓީމެވެ.
މުބާރާތުގެ ގްރޫޕް އޭ ގައި އޮތީ، އެންމެ ފަހުގެ ރަނަރަޕް ސުޕަ ޔުނައިޓެޑު ސްޕޯޓްސް (ސަސް)ގެ އިތުރުން، ޓީސީ ސްޕޯޓްސް ކުލަބު، ބުރު ސްޕޯޓްސް ކުލަބު އަދި އޮޑި ސްޕޯޓްސް ކުލަބެވެ.
ގްރޫޕް ބީ ގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން ކުލަބު އީގަލަސްގެ އިތުރުން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ކުލަބު ގްރީން ސްޓްރީޓްސް އަދި ޔުނައިޓެޑު ވިކްޓަރީ އެވެ. މީގެ ތެރެއިން އީގަލްސް އިން ވަނީ 2022 ވަނަ އަހަރުގެ މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އަދި ގްރީން ސްޓްރީޓްސް އިން ވަނީ 2018 ވަނަ އަހަރުގެ މުބާރާތް ކާމިޔާބު ކޮށްފަ އެވެ.
މިއަހަރުގެ ޔޫތު ޗެމްޕިއަންޝިޕްގައި ކުލަބު ވެލެންސިއާ އިން ވާދަ ނުކުރާނެ އެވެ. އެއީ އެފްއޭއެމްގެ އެތެރޭގައި ޖެހިފައިވާ މައްސަލާގައި، އެފްއޭއެމުން އެ ކުލަބު ސަސްޕެންޑުކޮށްފައި އޮތުމުގެ ސަބަބުންނެވެ. ދެން މުބާރާތުގައި ވާދަ ނުކުރަނީ ވިކްޓަރީ ސްޕޯޓްސް ކުލަބުންނެވެ.
މިއަހަރުގެ މުބާރާތުގެ މެޗުތައް ކުޅުމަށް އެފްއޭއެމް އިން ތާވަލްކޮށްފައި ވަނީ ތިން ވަގުތެއްގަ އެވެ. އެއީ މެޗުތައް ކުޅޭ ދުވަސްތަކުގެ ހެނދުނު، ހަވީރު އަދި ރޭގަނޑު އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އާދިއްތަ ދުވަހުގެ ހެނދުނު ބައްދަލު ކުރާނީ ގްރޫޕް އޭގެ ޓީސީ އާއި އޮޑި އެވެ. ދެ ވަނަ މެޗުގައި އެ ދުވަހުގެ ހަވީރު ބައްދަލު ކުރާނީ އެ ގްރޫޕްގެ ބުރު އާއި ސަސް އެވެ. ތިން ވަނަ މެޗުގައި އެ ރޭ ބައްދަލުކުރާނީ ގްރޫޕް ބީގެ އީގަލްސް އާއި ޔޫވީ އެވެ.