ހައްޖު އަދި އުމުރާ އަޅުކަން އަދާ ކުރުމަށް ސައުދީ އަރަބިއްޔާ އަށް ޒިޔާރަތް ކުރާ ބޭރު ގައުމުތަކުގެ މީހުންނަށް ޚާއްސަކޮށް ނުސުކް ވޮލެޓްގެ ނަމުގައި ޑިޖިޓަލް ވޮލެޓެއް ސައުދީ ސަރުކާރުން ހޯމަ ދުވަހު ތައާރަފް ކޮށްފިއެވެ.
ސައުދީ ޕްރެސް އޭޖެންސީން ބުނެފައިވާ ގޮތުގައި މި ވޮލެޓްގެ ބޭނުމަކީ އަޅުކަން އަދާ ކުރަން ޒިޔާރަތް ކުރާ މީހުންނަށް ފައިސާ އާއި ޚަރަދުތައް ބެލެހެއްޓުމުގައި ފަސޭހަ ކޮށްދިނުމެވެ.
ސައުދީ އޮފިޝަލުންނާ ހަވާލާދީ ސައުދީ ޕްރެސް އެޖޭންސީ ބުނެފައިވަނީ ނުސުކް ވޮލެޓަކީ އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކޮށްގެން އެންކްރިޕްޝަން ޓެކްނިކް އެކުލެވޭ އެންމެ މަތީ ފެންވަރުގެ ސެކިއުރިޓީ ފީޗަރތައް ހިމެނޭ ގޮތައް ތައްޔާރު ކޮށްފައިވާ ވޮލެޓެއް ކަމަށެވެ.
ހައްޖު އަދި އުމްރާވެރިންނަށް ފަސޭހަ ކުރުމުގެ ގޮތުން ސައުދީ ސަރުކާރުން ގެންދަނީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އައު ޚިދުމަތް ތައާރފް ކުރަމުންނެވެ. މިގޮތުން މި އަހަރުގެ މެއި މަހު ބޭރު ގައުމުތަކުން އަޅުކަން އަދާ ކުރަން އަންނަ މީހުންނަށް ޑިޖިޓަލް އައިޑެންޓިޓީ ސާވިސް ވަނީ ތައާރަފް ކޮށްފައެވެ.