މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ގޮތް ދޫކޮށް ކޮމިޓީތައް އެކުލަވާލުމާ މެދު މަޝްވަރާކުރީ ގުރުއަތުލާން އެދުނު ހިސާބުން ކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)އިން ބުނެފިއެވެ.
ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރ އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވީ އެމްޑީޕީ އަށް ކޮމިޓީތަކަށް މެމްބަރުން އައްޔަން ކުރުމަށް ފުރުސަތު ލިބުނީ މެމްބަރުން ހޮވިފައިވާ ގޮތަށް އެ ނިސްބަތާއި އެއްގޮތަށް ކަމަށެވެ. ދެ ވަނަ ކޮމިޓީ އަށް ފުރުސަތު ދިނުމުގައި ޕީއެންސީން ބޭނުންވާ ވަކި ކޮމިޓީ އަކަށް ފުރުސަތު ދިނުމުގެ ބަދަލުގައި ގުރުއަތުލުމަށް އެދިފައިވާނެ ކަމަށް ވެސް ނާޒިލް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ދެ ސްލޮޓް އިދިކޮޅު އިން ބޭނުންވި ކަމަށާއި ނަމަވެސް އެކަމަށް ޕީއެންސީން ދެކޮޅު ހެދިކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ގުރުއަތުލުމުން ޓޫފޯވަން ކޮމިޓީން ޖާގަ ލިބުމުގެ ފުރުސަތު އޮތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް އެކަން އެގޮތަށް ކުރުމުގެ ބަދަލުގައި މަޝްވަރާކޮށްގެން ކޮމިޓީތަކަށް މެމްބަރުން އައްޔަންކުރި ކަމަށް އޭނާ ވިދާޅުވިއެވެ.
މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް ހޯމަ ދުވަހު ވަނީ މެމްބަރުން އައްޔަންކޮށްފައެވެ. އެހެން ކޮމިޓީތަކާ ހިލާފަށް 241 ކޮމިޓީގައި 13 މެންބަރުން ތިއްބަވާ އިރު އެ ކޮމިޓީގައި އިންނަވަނީ އެމްޑީޕީގެ ފަރާތުން އެންމެ މެންބަރެކެވެ. އެއީ, ނަވާރަވަނަ މަޖިލީހުގައި 241 ކޮމިޓީގެ މުގައްރިރުކަން ވެސް ކުރެއްވި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ (ގަޕޯ) އެވެ.
ހޯމަ ދުވަހު ވަނީ 241 ކޮމިޓީއަށް މުގައްރިރުން ވެސް އިންތިހާބުކޮށްފައެވެ. އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އެ ކޮމިޓީގެ މުގައްރިރަކަށް އިންތިހާބުކުރިއިރު ނައިބަކީ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހުއެވެ.