މި ސީޒަނަށްފަހު ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑު ދޫކޮށްލަން ނިންމާފައިވާ، މާކޮސް ރެއުސް އަށް ކުލަބުތަކުން ހުށަހެޅުން ލިބިފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.
ޑޯޓްމަންޑުގައި 12 ސީޒަން ހޭދަކުރުމަށްފަހު، ރެއުސް ނިންމީ މި ސީޒަނަށްފަހު އެ ކުލަބު ދޫކޮށްލުމަށެވެ. ޑޯޓްމަންޑާ އެކު ރެއުސް ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ ވެސް މި ސީޒަންގެ ނިޔަލަށެވެ. އެހެންކަމުން ރެއުސް އެހެން ކުލަބަކަށް ބަދަލުވާނީ ހިލޭ އެއްބަސްވުމެއްގެ ދަށުންނެވެ.
ޑޯޓްމަންޑުގައި ރެއުސް އެންމެ ފަހު މެޗަކަށްވީ، ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ސްޕެއިންގެ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗެވެ. ހޮނިހިރު ދުވަހުގެ ރޭ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗުން ޑޯޓްމަންޑު ބަލިވީ 2-0 އިންނެވެ. އެ މެޗަށްފަހު ރެއުސް ވަނީ ޑޯޓްމަންޑުގެ ސަޕޯޓަރުންނާ ބައްދަލުކޮށް، އަލްވަދާއު ކިޔައިފަ އެވެ.
ބައިނަލްއަޤުވާމީ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، ބަދަލުވާނެ ކުލަބެއް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ރެއުސް ނިންމާނެ އެވެ. އެ ނިންމުން އޭނާ ނިންމާނީ، އާއިލާއާ މަޝްވަރާ ކުރުމަށްފަހު ކަމަށާއި، ހަމަޖެހިގެން ނިންމުމެއް ނިންމަން ރެއުސް ބޭނުންވާ ކަމުގައި ވެސް ރިޕޯޓުތައް ބުނެ އެވެ.
މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން އެމެރިކާގެ މޭޖާ ލީގު ސޮކާ (އެމެރިކާ ލީގު)ގެ ބައެއް ކުލަބުތަކުން ވެސް ވަނީ ރެއުސް ހޯދުމުގެ ޝައުޤުވެރިކަން ފާޅުކޮށް، އޭނާ އަށް ހުށަހެޅުމެއް ހުށަހަޅައިފަ އެވެ. އަނެއްކޮޅުން ސައުދީ އަރަބިޔާގެ، ސައުދީ ޕްރޯ ލީގުގެ ބައެއް ކުލަބުތަކުން ވެސް އޭނާ ހޯދުމުގެ ޝައުޤުވެރިކަން ގެންގުޅޭ ކަމަށް ވަނީ ރިޕޯޓުކޮށްފަ އެވެ.
ރެއުސް ވަނީ ޑޯޓްމަންޑަށް ކުޅެދިން 429 މެޗުގައި 170 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ ހަތަރު ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އެއީ ޖަރުމަނު ކަޕް ދެ ފަހަރު އަދި ޖަރުމަނު ސުޕަ ކަޕް ދެ ފަހަރު އެވެ. މީގެ އިތުރުން ދެ ފަހަރެއްގެ މަތިން އޭނާ ވަނީ ޑޯޓްމަންޑާ އެކު ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވެސް ކުޅެފަ އެވެ.