ކ. މާލެ
|
9 މެއި 2024 | ބުރާސްފަތި 12:52
ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ މާކޯ ރެއުސް
ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ މާކޯ ރެއުސް
ރޮއިޓާސް
ބޮރޫޝިއާ ޑޯޓްމަންޑު
ޑޯޓްމަންޑު ދޫކޮށްލުމަށްފަހު، ރެއުސް ބަދަލުވާން ބޭނުން ވަނީ އެމެރިކާ ލީގަށް
އެމެރިކާ ލީގުގެ ބައެއް ކުލަބުތަކުން އަންނަނީ ރެއުސް ހޯދުމުގެ ޝައުޤުވެރިކަން ފާޅު ކުރަމުން

ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ޖަރުމަނުގެ މާކޯ ރެއުސް، އެ ކުލަބު ދޫކޮށްލުމަށްފަހު ދެން ބަަދަލުވާން ބޭނުން ވަނީ މޭޖާ ލީގު ސޮކާ (އެމެރިކާ ލީގު)ގެ ކުލަބަކަށް ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.

އުމުރުން 34 އަހަރުގެ ކުޅުންތެރިޔާ ވަނީ މި ސީޒަނަށްފަހު ޑޯޓްމަންޑު ދޫކޮށްލަން ނިންމައިފަ އެވެ. އެއީ އެ ކުލަބާއެކު އޭނާ ސޮއިކޮށްފައިވާ އެއްބަސްވުން ހަމަވުމުންނެވެ.

މީޑިއާތަކުގައި ބުނެފައިވާ ގޮތުން ރެއުސް ބޭނުން ވަނީ އެމެރިކާ ލީގުގެ ކުލަބަކަށް ބަދަލުވުމަށެވެ. އެ ލީގުގެ ބައެއް ކުލަބުތަކުން އަންނަނީ ރެއުސް ހޯދުމުގެ ޝައުޤުވެރިކަން ފާޅު ކުރަމުން ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. އެހެން ނަމަވެސް، އެކަންކަމާ ގުޅޭ ވާހަކަތައް ރަސްމީ ގޮތެެއްގައި ރެއުސް ދައްކާނީ، އަންނަ މަހު އޮންނަ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށްފަހު ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ޑޯޓްމަންޑުގެ ކެޕްޓަންކަން ވެސް ކޮށްފައިވާ ރެއުސް ވަނީ އެ ކުލަބުގައި 12 އަހަރު ހޭދަކޮށްފަ އެވެ. ޑޯޓްމަންޑުގައި ހޭދަކޮށްފައިވާ މުއްދަތުގައި އޭނާ ވަނީ އެ ކުލަބަށް 426 މެޗު ކުޅެދީ، 169 ލަނޑު ޖަހައިދީފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ ހަތަރު ތަށި ކާމިޔާބު ކޮށްފަ އެވެ. އެއީ ޖަރުމަނު ކަޕް ދެ ފަހަރު އަދި ޖަރުމަނު ސުޕަ ކަޕް ދެ ފަހަރު އެވެ. މީގެ އިތުރުން 2012 ވަނަ އަހަރު ޑޯޓްމަންޑުން ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ކުޅުނުއިރު، ރެއުސް އެ ޓީމުގައި ހިމެނެ އެވެ.

ރެއުސް ވަނީ ޖަރުމަނު ޤައުމީ ޓީމަށް ވެސް ކުޅެފަ އެވެ. ޤައުމީ ޓީމުން އޭނާ އަށް ޖާގަ ލިބުނީ 2011 ވަނަ އަހަރު އެވެ. 2021 ވަނަ އަހަރު ޤައުމީ ޓީމަށް ކުޅުން ހުއްޓާލިއިރު، ރެއުސް ވަނީ ޤައުމީ ޓީމަށް 48 މެޗު ކުޅެދީ 15 ލަނޑު ޖަހައިފަ އެވެ.

- ކޮމެންޓް