ކ. މާލެ
|
2 ޖޫން 2024 | އާދީއްތަ 18:17
މްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ
މްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ
ރާއްޖެއެމްވީ
ރާއްޖޭގެ ޚާރިޖީ ގުޅުންތައް
ސަރުކާރުން އިދިކޮޅު ޕާޓީތަކާއި މެދު ދޮގު ހަދާ ފަދައިން ޚާރިޖީ ކަންކަމުގައި ދޮގު ހެދުމުގެ ނަތީޖާ ވަރަށް ހިތި ވާނެ - ޑރ. ޑީޑީ
ރާއްޖޭގައި 1000 އަށް ވުރެ ގިނަ އިންޑިއާ ސިފައިން ހަތިޔާރާއި އެކު ތިބި ކަމަށް ބުނެ ދޮގު ހެދިކަމަށް ޑީޑީ ވިދާޅުވި
ޑީޑީ ވަނީ ސަރުކާރަށް ޕީއެންސީ އައީ ދޮގުވިއްކައިގެން ކަމަށް ސިފަކުރައްވާފަ

ސަރުކާރުން އިދިކޮޅު ޕާޓީތަކާއި މެދު ދޮގުހަދާ ފަދައިން، ޚާރިޖީ ކަންކަމުގައި ވެސް ދޮގު ހަދަމުންދާ ކަމަށާއި އެކަމުގެ ނަތީޖާ ވަރަށް ހިތި ވާނެ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ.އިބްރާހިމް ދީދީ (ޑީޑީ) ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

Advertisement

ޑރ. ޑީޑީ ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އަންނަން ވެސް ހެދީ ދޮގު ކަމަށާއި ވެރިކަމަށް އައުމަށް ފަހުގައި ވެސް ހަދަނީ ހުސް ދޮގު ކަމަށެވެ. ޑީޑީ ވަނީ ވެރިކަމަށް ޕީއެންސީ އައީ ދޮގު ވިއްކައިގެން ކަމަށް ސިފަކުރައްވާފައެވެ. އެގޮތުން ރާއްޖޭގައި 1000ށް ވުރެ ގިނަ އިންޑިއާ ސިފައިން ހަތިޔާރާއި އެކު ތިބި ކަމަށާއި، ނިމިިދިޔަ ސަރުކާރުން އިންޑިއާ އަށް ރާއްޖެ ވިއްކާލާފައިވާ ކަމަށް ބުނެ ޕީޕީއެމް އަދި ޕީއެންސީ އިން ދޮގު ވާހަކަތައް ފަތުރަމުން ދިޔަ ކަަމަށް އޭނާ ވިދާޅުވިއެވެ. އަދި ވެރިކަމަށް އައުމަށް ފަހުގައި ވެސް ސަރުކާރުން ދަނީ ތަފާތު އެކި މައްސަލަތަކުގައި އާއްމުންނަށް ހަގީގަތް އޮޅުވާލަމުން ކަމަށް އޭނާ ވިދާޅުވިއެވެ. ސަރުކާރުން އެކަން ކުރަނީ ގަސްތުގައި ކަމަށް ވެސް ޑީޑީ ވަނީ ވިދާޅުވެފައެވެ. އަދި މިހާރު ޚާރިޖީ ގުޅުންތަކާއި މެދުގައި ވެސް އެފަދަ ދޮގު ޚަބަރުތައް ފަތުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ޑީޑީ އެފަދައިން ވިދާޅުވީ އިންޑިއާ އާއި އެކު ފްރީ ޓްރޭޑް އެއްބަސްވުމެއް އެކުލަވާލުމަށް އެ ޤައުމުން އެދިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދު ވިދާޅުވުމުން އިންޑިއާއިން އެކަން ދޮގުކޮށްފައިވާތީ އެކަމަށް އިޝާރާތްކުރައްވައެވެ. ޑީޑީ ވަނީ މިއީ އިންޑިއާ އާއި ގުޅުން ހުރި ކަމެއްގައި މި ސަރުކާރުން ދޮގު ހެދި ފުރަތަމަ ފަހަރު ނޫން ކަމަށާއި މީގެ ކުރިން ވެސް އިންޑިއާ މެދު ހަގީގަތާއި ޚިލާފު ވާހަކަތައް މި ސަރުކާރުން ފަތުރާފައިވާ ކަމަށް ވިދާޅުވެފައެވެ. ޑީޑީ ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމާއި މެދު ސަރުކާރުން ދޮގު ހަދާފައިވާ ކަމަށެވެ. މިފަދަ ކަންކަމުގެ ސަބަބުން ޤައުމުތަކުން ރާއްޖެއާ މެދު ދެކޭ ގޮތް ބަދަލުވެގެން ހިނގައިދާނެ ކަމަށް ޑީޑީ ވަނީ ވިދާޅުވެފައެވެ.

މި ސަރުކާރުން ނޫންތޯ އިންޑިއާ އާ މަޝްވަރާ ނުކުރެވެނީސް ސިފައިން އަނބުރާ ފޮނުވާލަން އެއްބަސްވިކަމަށް ބުނެފައި ވަނީ. މި ސަރުކާރުން ނޫންތޯ ބުނީ ޤައުމީ ސަލާމަތަށް ނުރައްކާވާ ގޮތަށް އެތައް އެއްބަސްވުމެއް ހުރި ކަމަށް. އެތައް 100 އެއްބަސްވުމެއް އޮތް ކަަމަށް ބުނި. ކޮބާތޯ؟ އެއިން އެއްވެސް ވާހަކައެއް ދިމާވޭތޯ؟ އެހެންވީމަ މިއީ ހައްތަހާވެސް ރޯ ބުހުތާން ދޮގު ވާހަަކަ. ދޭދޭ ޤައުމުތަކާއި މެދު މިފަދަ ވާހަކަތައް ދެއްކުމަކީ އަޅުގަނޑުމެން ވަރަށް ހިތާމަ ކުރަން ޖެހޭނެ ކަމެއް. އޭގެ ހިތި ނަތީޖާ ފެންނާނެ.
އެމްޑީޕީގެ ކުރީގެ ރައީސް ޑރ.އިބްރާހިމް ދީދީ

ރާއްޖެ އާއި އިންޑިއާ ދެމެދު ފްރީޓްރޭޑް އެގްރީމެންޓެއް ޤާއިމްކުރުމަށް އެދުނީ އިންޑިއާއިން ކަމަށް ބުނެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދު އިތުރުފުޅު ހެއްދެވިކަން އިންޑިއާ އިން ވަނީ ހާމަކޮށްފައެވެ. މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ސަޢީދު ވަނީ ރާއްޖެ އާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އާ އެއްބަސްވުމެއް ނުވަތަ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) އެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އެ އެއްބަސްވުމުގައި ސޮއިކުރަން އެދިފައި ވަނީ އިންޑިއާގެ ފަރާތުން ކަމަށާއި ސަފްޓާގެ އިތުރުން ރާއްޖެ އާއި އިންޑިއާ ދެމެދު ފްރީޓްރޭޑް އެއްބަސްވުމެއް އޮތުމަކީ މުހިންމު ކަމެއް ކަމަށް އިންޑިއާއިން އެދޭ ކަަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ބުރާސްފަތި ދުވަހު އިންޑިއާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ސްޕޯކްސްޕާސަން ރަންދިރް ޖައިސްވާލް އާއި އެކަމާއި ގުޅޭގޮތުން ނޫސްވެރިން ވަނީ ސުވާލުކޮށްފައެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން އޭނާ ވިދާޅުވީ އެފްޓީއޭ އަށް އިންޑިއާއިން އެދިފައިވާ ކަމަށް ބުނާ ރިޕޯޓްތައް ރާއްޖޭގެ މީޑިއާތަކުން ފެނިފައިވާ ކަމަށެވެ. އެހެންނަމަވެސް އިންޑިއާއިން އެފަދަކަމަކަށް އެދިފައި ނުވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް