ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އިބްރާހީމް މުހައްމަދު ދީދީގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރެރިޒަމްގެ ދައުވާއަށް ޖަވާބުދާރީވުމަށް މިއަދު ތާވަލް ކުރި އަޑުއެހުން ކެންސަލް ކޮށްފިއެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ކޯޓުގެ އޮފިޝަލް ވިދާޅުވީ ދީދީގެ ޝަރީޢަތް ކެންސަލް ކުރީ ދިފާއީ ވަކީލުން އެދިގެން ކަމަށެވެ. ނަމަވެސް މައްސަލައިގެ އަޑުއެހުމެއް ދެން ބާއްވާނެ ތާރީހެއް ކޯޓުގެ އޮފިޝަލް ވިދާޅެއްނުވެއެވެ.
ޖެނަރަލް ދީދީގެ މައްޗަށް ދައުލަތުން އުފުލާފދައިވާ ދައުވާ އަށް ޖަވާބްދާރީ ވުމަށް އަންގާރަ ދުވަހު ބޭއްވި އަޑުއެހުން ފަސްކުރީ މައްސަލައާ ގުޅޭ ލިޔެކިޔުންތައް ދީދީ އަށް ރައްދު ކުރެވިފައި ނުވާތީއެވެ.
އަންގާރަ ދުވަހު ބޭއްވި އަޑުއެހުމުގައި ލިޔެކިޔުންތައް ދީދީ އަށް ލިބިފައިނުވާ ސަބަބާ ގުޅޭ ގޮތުން ޝަރީޢަތުން ސުވާލު ކުރުމުން ދައުލަތުގެ ވަކީލް ވިދާޅުވީ މައްސަލައާ ގުޅޭ 16 ޑޮކިޔުމެންޓެއް ދީދީ އަށް ރައްދު ކުރުމަށްޓަކައި ކޯޓާ ހަވާލު ކޮށްފައިވާ ކަމަށެވެ. ނަމަވެސް ދީދީގެ ވަކީލް ވިދާޅުވީ ލިބިފައި ވަނީ ދީދީ ފލުހުންގެ އިދާރާ އަށް ދީފައިވާ ބަޔާނާއި ހިޔުމަންރައިޓްސް ކޮމިޝަނަށް ދީފައިވާ ބަޔާނުގެ އިތުރުން މައްސަލައާ ގުޅޭ ފޯމް ކަމަށެވެ.
ދީދީގެ ވަކީލް ވިދާޅުވީ ދައުވާ އަށް ޖަވާބްދާރީ ވެވޭނީ މައްސަލައާ ގުޅޭ ލިޔެކިޔުންތައް ލިބި އެ ލިޔެކިޔުންތައް ދިރާސާ ކުރުމަށް ފަހުގައި ކަމަށެވެ. އަދި އެކަމަށް ވަގުތު ބޭނުންވާ ކަމަށް ދީދީގެ ވަކީލް ވިދާޅުވިއެވެ.
މި މައްސަލައިގެ އިބްތިދާއީ އަޑުއެހުން ފަށާފައި ވަނީ ޖުލައި މަހުގެ 20 ވަނަ ދުވަހު އެވެ. އެ އަޑުއެހުމުގައި ވަކީލަކު ހަމަޖެއްސުމަށް އިބްރާހިމް މުހައްމަދު ދީދީއަށް 10 ދުވަހުގެ ފުރުސަތެއް ދިނެވެ.
އިބްރާހިމް ދީދީ ވިދާޅުވީ މި މައްސަލައަކީ 2012 ވަނަ އަހަރު ދައުވާކުރެވި އަދި 2015 ގައި ޓެރަރިޒަމުގެ ދައުވާކޮށް އަނބުރާ ގެންގޮސްފައިވާ މައްސަލައަކަށްވާއިރު، މި ދައުވާ އުފުލުމުގައި އިޖުރާއީ ގިނަ މައްސަލަތަކެއް އެބަހުރި ކަމަށެވެ. އަދި އަލުން ދައުވާ ނުކުރާނެ ކަމަށް ބުނެ ޕްރޮސެކިއުޓާރ ޖެނެރަލް ލިޔުމެއް ދިނުމަށް ފަހު އަލުން ދައުވާ ކޮށްފައިވާއިރު މިފަދަ މައްސަލައެއް ކުރިއަށް ގެންދެވޭނީ ގާނޫނީ ވަކީލަކާ އެކު ކަމަށް އިބްރާހިމް ދީދީ ވިދާޅުވި އެވެ. ދައުވާ ނުކުރާނެ ކަމަށް ބުނެ 2015 ވަނަ އަހަރު ލިޔުމެއް ދިނުމަށް ފަހު، މިއަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހު އަލުން ދައުވާކޮށްފައި ވާތީ އިޖުރާއީ މައްސަލައެއްގެ ގޮތުގައި އިބްރާހިމް ދީދީ ވަނީ އެކަން ކޯޓުގައި ނަންގަވާފައެވެ.