ނަތަންޔާހޫ އާއި އޭނާ އަށް ތާއީދު ކުރާ ފަރާތްތަކުން ގާޒާ އަށް ދެމުންދާ ހަމަލާތައް ދިގު ދަންމާ ނަމަ، ޔަހޫދީ ހަމަލާތަކުގެ ސަބަބުން މަރުވާ އިޒްރޭލުގެ އަސީރުންގެ އަދަދު އިތުރުވާނެ ކަމަށް ބުނެ ހަމާސް އިން އިޒްރޭލަށް ވަރުގަދަ ބަހުގެ ހަމަލާއެއް ދީފިއެވެ.
ހަމާސް އިން މިހެން ބުނީ ލެބަނާން ގައި ހޯމަ ދުވަހު ފަލަސްތީންގެ ރެސިސްޓެންސް މޫވްމަންޓުގެ މަންދޫބު އުސާމާ ހަމްދާން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
އޭނާ ހާމަ ކުރި ގޮތުގައި، ވައިގެ މަގުންނާއި އެއްގަމު މަގުން އިޒްރޭލުން ރަފާ ސިޓީ އަށް ދެމުންދާ ހަމަލާތައް ދިގުލައި ދާ ނަމަ އޭގެ މާނައަކީ ހަމާސްގެ އަތްދަށުގައި ތިބި އިޒްރޭލު މީހުން ދިރި ތިބެ އަނބުރާ ދިޔުމުގެ ބަދަލުގައި އެމީހުންގެ ފުރާނަ ނެތް މަސްގަނޑު ގެންދަން ޖެހިދާނެ ކަމަށެވެ.
ހުސްވި އަހަރުގެ އޮކްޓޯބަރ 7 ގެ ފަހުން އިޒްރޭލުގެ 250 މީހުން ހަމާސް އިން ވަނީ ހައްޔަރު ކޮށްފައެވެ.
މީގެ ތެރެއިން 105 މީހުން ހަމާސް އިން ވަނީ އިޒްރޭލުން ހަނގުރާމަ މެދު ކަނޑާލަން އެއްބަސް ވުމާ ގުޅިގެން މި ދިޔަ ނޮވެމްބަރު މަހު އިޒްރޭލަށް ހަވާލު ކޮށްފައެވެ.
ހަމާސް އިން ހައްޔަރު ކޮށްފައި ތިބި މީހުންނާ ބެހޭ ގޮތުން ވާހަކަ ދައްކަމުން، ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ ނައިބު ޚަލީލް އަލް ހައްޔާ މިދިޔަ މެއި މަހު ބުނެފައިވަނީ އިޒްރޭލުގެ ހަމަލާ ތަކުގައި ހައްޔަރު ކޮށްފައި ތިބި މީހުންގެ 70 އިން ސައްތަ މީހުން މަރުވެފައިވާ ކަމަށެވެ.
ހައްޔަރު ކޮށްފައި ތިބި އިޒްރޭލު މީހުންނާ ބެހޭ ގޮތުން ހަމާސް އިން ބުނަމުން އަންނަނީ އިޒްރޭލުން ދެމުންދާ ހަމަލާތައް ހުއްޓާލާ، ފަލަސްތީނުގެ ބިންތަކުން އިޒްރޭލް ސިފައިން ފައިބާ އަދި ގާޒާ އަށް އެހީގެ ތަކެތި ފޯރު ކޮށްދިނުމަށް އިޒްރޭލުން ހުރަސް އެޅުން ހުއްޓާލުމުން އެމީހުން މިނިވަން ކުރާނެ ކަމަށެވެ.
ހަމާސް އިން ވަނީ މިސްރާ ގަތަރު މެދުވެރިއެއްގެ ދައުރު އަދާ ކުރި ސުލްހައިގެ ހުށަހެޅުމަށް ވެސް އާނބަސް ބުނެފައެވެ. ނަމަވެސް އެ ހުށަހެޅުން ހަގީގަތަކަށް ނުވީ އިޒްރޭލުން އެ ހުށަހެޅުމަށް ދެކޮޅު ހެދުމުންނެވެ.
ހަމްދާން ހާމަ ކުރި ގޮތުގައި ހަމާސްގެ ޝަރުތުތައް ފުރިހަމަ އަށް ގަބޫލު ކުރުމުން ނޫނީ ހައްޔަރު ކޮށްފައި ތިބި އިޒްރޭލުގެ އެއްވެސް ރައްޔިތަކު ހަމާސް އިން މިނިވަނެއް ނުކުރާނެއެވެ.
ފަލަސްތީންގެ ރެފިއުޖީ ކޭމްޕަކަށް އިޒްރޭލުން ދިން ހަމަލާގައި އެތައް ކުޑަކުދިންނާއި އަންހެނުން މަރުވި ހާދިސާ ގައި އިޒްރޭލުން އެއީ ހަނގުރާމަ ވެރިން ތިބި ތަނެއް ކަމަށް ބުނެ ދެއްކި ވާހަކަ އަށް ރައްދު ދެމުން ހަމްދާން ބުނީ އެއީ އިޒްރޭލުގެ 'ލަދުކުޑަ ކަމުން ދެއްކި ވާހަކައެއް" ކަމަށާއި، އެއީ 'ކަނޑައެޅިގެން ދޮގެއް' ކަމަށެވެ.