ކ. މާލެ
|
27 މެއި 2024 | ހޯމަ 11:32
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ރާއްޖެއެމްވީ
ޔާމީނުގެ އެކްސްކްރޯ އެކައުންޓު
އެކައުންޓުގައި ހުރި 1 މިލިއަން ޑޮލަރު ހޯދުމަށް ޔާމީނު ހުށަހެޅުއްވި މައްސަލަ މަޑުޖައްސާލަން ހައިކޯޓުން އަމުރުކޮށްފި
 
ޔާމީން ބޭނުން ވަނީ 1 މިލިއަން ޑޮލަރު ބޭންކުން އެމަނިކުފާނަށް ދޫކުރަން އަމުރު ކޮށްދޭން
 
ބީއެމްއެލް އިން ބުނަނީ އެ ބޭންކުގެ މައްޗަށް މި ކަމުގައި ދައުވާ އެއް ނުކުރެވޭނެ ކަމަށް
 
1 މިލިއަން ޑޮލަރު ހުރީ ޔާމީން އާ އެކު އޭސީސީން ހަދާފައިވާ އެކްސްކްރޯ އެކައުންޓުގައި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ އެކު ހަދާފައިވާ އެކްސްކްރޯ އެކައުންޓުގައި ހުރި 1 މިލިއަން ޑޮލަރު ހޯދުމަށް ބޭންކް އޮފް މޯލްޑިވްސްއާ ދެކޮޅަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ސިވިލް ކޯޓުގައި ދައުވާ ކުރައްވާފައިވާ މައްސަލަ މަޑުޖައްސާލަން ދިވެހިރާއްޖޭގެ ހައިކޯޓުން އަމުރުކޮށްފިއެވެ.

އޭސީސީއާ އެކު ހަދާފައިވާ އެކްސްކްރޯ އެކައުންޓުގައި ހުރި 1 މިލިއަން ޑޮލަރު ހޯދުމަށް ބޭންކް އޮފް މޯލްޑިވްސްއާ ދެކޮޅަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ދައުވާ ކުރައްވާފައިވާ މައްސަލަ ބެލޭނެކަމަށް ސިވިލް ކޯޓުން ވަނީނިންމާފައެވެ.

ސިވިލް ކޯޓުގައި މައްސަލަ ކުރިއަށް ދިޔައިރު ވެސް ބީއެމްއެލްއިން ވަނީ މި މައްސަލައިގައި ކޯޓުގެ އިޚްތިސާސާ ގުޅޭގޮތުން ނުކުތާއެއް ނަގައި، ސިވިލް ކޯޓުން މި މައްސަލަ ބެލުމާމެދު އިއުތިރާޒު ކޮށްފައެވެ.

އަދި ސިވިލް ކޯޓުން މައްސަލަ ބެލޭނެ ކަމަށް ނިންމުމުން އެ ނިންމުން ބޭންކް އޮފް މޯލްޑިވްސްއިން މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

ހައިކޯޓުގައި މައްސަލަ އިސްތިއުނާފު ކުރުމަށްފަހު މި މައްސަލައިގައި ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ވަގުތީ އަމުރަކަށް އެދި ހުށަހަޅާފައެވެ.

ބީއެމްއެލްއިން ހައިކޯޓުގައި ބުނެފައިވަނީ ޔާމީނުގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކޮށްފައިވާ 1 މިލިއަން އެމެރިކާ ޑޮލަރަކީ ދައުލަަތަށް ލިބެންޖެހޭ ފައިސާއެއްތޯ ބެލުމަށް އޭސީސީން ތަހުގީގެއް ހިންގާފައިވާ ކަމަށެވެ.

އަދި އެ ތަހުގީގާ ގުޅިގެން އެ ފައިސާ ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރުމަށް އޭސީސީއާ ޔާމީނާ ދެމެދު 25 މާރޗު 2018 ގައި އެކްސްކްރޯ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށާއި، އެހެންނަމަވެސް، ބީއެމްއެލްއަކީ އެ އެެއްބަސްވުމުގެ ބައިވެރިއެއް ނޫންކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން ބީއެމްއެލްއިން ވަނީ މަދަނީ އިޖުރާއަތުގެ ދަށުން މައުޟޫއީ ގޮތުން މައްސަލަ ބަލަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައިދިނުމަށް އެދިފައެވެ. މި މައްސަލައިގައި ބީއެމްއެލްގެ މައްޗަށް ދައުވާ އުފުލޭނެ ޙާލަތެއް ވުޖޫދުވެފައި ނެތްކަމަށް ކަނޑައަޅައި ދިނުމަށްވެސް ބޭންކުން ކޯޓުގައި އެދިފައިވެއެވެ.

ބޭންކުން ވަނީ އެ މައްސަލައިގައި ހައިކޯޓުން ގޮތެއް ކަނޑައެޅެންދެން ސިވިލް ކޯޓުގައި ކުރިއަށްދާ ދައުވާ މަޑުޖައްސާލުމުގެ އަމުރަކަށް އެދިފައެވެ.

އެ އަމުރާ ގުޅޭ މައްސަލައިގައި އޭސީސީން ޖަވާބު ހުށަހަޅާފައި ވާއިރު، ޔާމީނުގެ ފަރާތުން ލިޔުމުން ޖަވާބު ހުށަަހަޅުއްވާފައެއް ނުވެއެވެ.

މި މައްސަލައިގައި ހައިކޯޓުން ވަނީ ބީއެމްއެލްއިން އެދިފައިވާ ގޮތަށް ވަގުތީ އަމުރެއް ނެރެދީފައެވެ.

އެގޮތުން ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލައިގެ ގޮތެއް ނިމެންދެން ސިވިލް ކޯޓުގައި ކުރިއަށްދާ ގަޒިއްޔާ މަޑުޖައްސާލުމަށް ހައިކޯޓުގައި މައްސަލަ ބެއްލެވި 3 ފަނޑިޔާރުންގެ އިއްތިފާޤުން ވަނީ ޙުކުމް ކުރައްވާފައެވެ.

ހައިކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ، އިސް ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު ދީބާނާޒު ފަހުމީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
0%
0%
0%
0%
ކޮމެންޓް
- ގުޅުންހުރި
އީދު ދުވަހުގެ މާރާމާރީއާއި ގުޅިގެން ހައްޔަރުކުރީ 19 އަހަރާއި 25 އަހަރާއި ދެމެދުގެ 4 ޒުވާނުން
ހުޅުމާލޭގައި ކްރިމިނަލް ކޯޓު ހިންގަން ފެށި އިމާރާތަކީވެސް ޖާގައިގެ މައްސަލައިގެ ދާއިމީ ޙައްލެއް ނޫން، ދާއިމީ ޙައްލު އަވަސް ކުރަންޖެހޭ: ޕީޖީ އޮފީސް
ވޮއްމުލި ރިސޯޓު ކައިރިން ދެ ލޯންޗު ޖެހި އެކްސިޑެންޓުވުން - އަނިޔާވި 2 މީހުންގެ ހާލު ރަނގަޅު
ޤަވައިދާ ޚިލާފަށް ޑޮމެސްޓިކް ޓާމިނަލަށް ގެންދިޔަ ލަގެޖުން ޑްރަގް ފެނުނު މައްސަލައިގައި ހައްޔަރުކުރި މީހާ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައިފި
ކެނެބިސް ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި މީހަކު އުމުރަށް ޖަލަށް ލުމާއެކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި
ކިލޯއަކަށްވުރެ ގިނަ ކެނެބިސްއާއެކު ދެ ދިވެހިން ހައްޔަރުކޮށްފި
ފަލަމަސްގަނޑުގައި މަސްތުވާތަކެތި ތަތްކޮށްގެން ރާއްޖެއަށް އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި
އިސްތިއުނާފު ނިމެންދެން މަފާޒު ބަންދުކުރުމަށް ހުކުމްކޮށްފި