ކ. މާލެ
|
25 މެއި 2024 | ހޮނިހިރު 11:53
އެމްޑީޕީގެ ކުރީގެ ޗެއާޕާރސަން ރީކޯ މޫސާ މަނިކު
އެމްޑީޕީގެ ކުރީގެ ޗެއާޕާރސަން ރީކޯ މޫސާ މަނިކު
ރާއްޖެއެމްވީ
އެމްޑީޕީ ބަލިވި ސަބަބުތައް
އިންތިޚާބުތަކުން އެމްޑީޕީ ބަލިވި ސަބަބުތައް ހޯދަން ދިރާސާއެއް ކުރާކަށް ނުޖެހޭ، ސަބަބުތައް ހުރީ ފެންނަން: މޫސަ
ޕާޓީގެ މެމްބަރުން ބާކީ ކުރުމަކީވެސް އެމްޑީޕީއަށް ލިބުނު ދެރައެއްކަން މޫސަ ފާހަގަ ކުރެއްވި
އެމްޑީޕީ ބަލިވި ފުރަތަމަ ސަބަބަކީ އެމްޑީޕީގެ ތެރޭގައި އާއިލީ މައްސަލަތައް ފުޅާވެގެން ދިއުން
ނިމިދިޔަ ވެރިކަމުގައި އެމްޑީޕީން މުހިއްމު، ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވޭ

އިންތިޚާބުތަކުން އެމްޑީޕީ ބަލިވި ސަބަބުތައް ހޯދަން ދިރާސާއެއް ކުރަން ނުޖެހޭ ކަމަށާއި، ސަބަބުތައް ފެންނަން އެބަހުރިކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ، ނިމިދިޔަ ވެރިކަމުގައި އެމްޑީޕީން މުހިއްމު، ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. ވަކިން ޚާއްސަކޮށް ކޮވިޑުގެ ތެރޭގައި ކޮށްދިން މަސައްކަތްތަކާއި، ރަށްރަށުގައި ހިންގި ޕްރޮޖެކްޓުތައްވެސް ފާހަގަ ކުރެވޭކަމަށް މޫސަ ވިދާޅުވިއެވެ.

Advertisement

މޫސަ ވިދާޅުވީ، ސަރުކާރާ ގުޅިގެން އޭރު ދެއްކި ހަމައެކަނި ވާހަކައަކީ އިންޑިއާ އައުޓް ކެމްޕޭނާ ގުޅިގެން ދައްކަމުން އައި ވާހަކަތައް ކަމަށެވެ.

އޭގެ އިތުރުން، އިންތިޚާބުތަކުން އެމްޑީޕީ ބަލިވި ފުރަތަމަ ސަބަބަކީ އެމްޑީޕީގެ ތެރޭގައި އާއިލީ މައްސަލަތައް ފުޅާވެގެން ދިއުން ކަމަށާއި، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އޭރު އެމްޑީޕީއާ ދެކޮޅަށް ނުކުމެ ބާރުތައް ހޯއްދަން އުޅުއްވުން ކަމަށެެވެ.

އެމްޑީޕީ ބަލިވި ފުރަތަމަ ސަބަބަކީ އަޅުގަނޑު ދެކޭ ގޮތުގައި އެމްޑީޕީގެ ތެރޭގައި އާއިލީ މައްސަލަ ފުޅާކޮށް ދިއުން
ރީކޯ މޫސާ މަނިކު

އަދި ޕާޓީގެ މެމްބަރުން ބާކީ ކުރުމަކީވެސް އެމްޑީޕީއަށް ލިބުނު ދެރައެއްކަން މޫސަ ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން އިންތިޚާބުތަކުން އެމްޑީޕީ ބަލިވި ސަބަބު ހޯދުމަށް ދިރާސާއެއް ހަދަން ނުޖެހޭނެކަމަށްވެެސް މޫސަ ވިދާޅުވިއެވެ.

އެމްޑީޕީއަކީ ރަސްކަމެއް ހިންގުމުގެ ގޮތުގައި އުފެއްދި ޕާޓީއެއް ނޫން ކަމަށާއި، ބަލިވުމުން އެހެން މީހުންނަށްވެސް ހިންގުމުގެ ފުރުސަތު ދޭންޖެހޭނެކަމަށް މޫސަ ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބު 2023 އާއި 20ވަނަ ރައްޔިތުން މަޖިލިސް އިންތިޚާބު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު ސަބަބު ދެނެގަތުމަށް ހަދާ ދިރާސާއަށް އާންމުންގެ ހިޔާލު ހޯދުމަށް އެ ޕާޓީން މިހާރު ވަނީ ހުޅުވާލާފައެވެ.

އެމްޑީޕީން ބުނީ 1 މޭ 2024 ވަނަ ދުވަހުގެރޭ ބޭއްވި އެމްޑީޕީ ޤައުމީ މަޖިލިސްގެ 4 ވަނަ ދައުރުގެ 9 ވަނަ ބައްދަލުވުމުގައި 2023 ރިޔާސީ އިންތިޚާބު އަދި 2024 ގެ ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެމްޑީޕީއަށް ނާކާމިޔާބު ވީގޮތް ދެނެގަތުމުގެ ދިރާސާކުރާ ކޮމިޓީއެއް އުފައްދާފައިވާ ކަމަށެވެ.

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުން އެމްޑީޕީ އަށް ކުރިމަތިވި ބޮޑު ނާކާމިޔާބީގެ ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ކުރުމާއެކު ރައްޔިތުން އެމްޑީޕީގެ ކުރިމަގާމެދު ދެކޭގޮތް ދެނެގަނެ ޕާޓީ ކުރިޔަށްގެންދާނެ ގޮތުގެ މަގު ޗާޓެއް އެކުލަވާލުމުގެ މަސައްކަތް އެމްޑީޕީން ވަނީ ފަށާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް