ސްރީލަންކާގެ ޓުއަރިސްޓް ވިސާއަށް ބަދަލުތަކެއް ގެނައި ނަމަވެސް، ދިވެހިންނަށް އޮން-އެރައިވަލް ވިސާ 30 ދުވަސް ލިބޭނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ލަންކާއިން ވަނީ އެ ގައުމުގެ ޓޫރިސްޓް ވިސާގެ އިންތިޒާމުތަކަށް ބައެއް ބަދަލުތައް ގެނެސްފައެވެ.
މި ބަދަލާ ގުޅިގެން ފޮރިން މިނިސްޓްރީން ބުނީ ލަންކާގައި އީ-ވިސާގެ އައު ނިޒާމެއް އިއުލާން ކުރުމާއެކީ އެގައުމަށްދާ ދިވެހިންނަށް ލުއި ފަސޭހަކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، އެގައުމުގެ ކަމާއިބެހޭ އިދާރާތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ. އަދި ދެގައުމަށް ފައިދާވާނެ ފަސޭހަ ގޮތަކަށް ވިސާގެ ކަންކަން ހަމަޖެއްސުމަށް މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށް މިނިސްޓްރީން ބުނެެއެވެ.
ފޮރިން މިނިސްޓްރީން ބުނީ މިހާރު އަމަލުކުރަމުންދާ އުސޫލުގެ ދަށުން އެ ގައުމަށް ދިވެހިން ދިއުމާއެކު 30 ދުވަހުގެ އޮންއެރައިވަލް ވިސާ ލިބޭނެ ކަމަށެވެ. އަދި 30 ދުވަހަށްވުރެ ދިގު މުއްދަތަކަށް އެގައުމުގައި މަޑު ކުރާނަމަ، ހަ މަސް ދުވަހަށް ވިސާ އިތުރު ކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ. ހަ މަސް ދުވަހަށް ވިސާ އިތުރު ކުރެވޭނީ އެކަމަށް ޚާއްސަ ޕޯޓަލްއަކުން ފީއެއް ދެއްކުމަށްފަހުއެވެ.
މީގެ އިތުރުން މިނިސްޓްރީން ބުނީ މިހާރު ލަންކާގައި ތިބި އަދި ވިސާގެ މުއްދަތު އިތުރު ކުރަން ޖެހޭ ފަރާތްތަކަށް ކޮލަމްބޯގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް ގުޅައި ކުރިއަށް ގެންދެވޭނެ ކަމަށެވެ.
ލަންކާއަށް ދަތުރުކުރާ އެއްވެސް ދިވެއްސެއް އިތުރު މައުލޫމާތު ސާފުކުރަން އެދޭނަމަ ފޮރިން މިނިސްޓްރީއަށް ގުޅުމަށް ވަނީ އެދިފައެވެ.
އަވައްޓެރި ލަންކާއަކީ ގިނަ ދިވެހިން ދަތުރުކޮށް އުޅޭ ގައުމެކެވެ.