ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.
ފުލުހުންގެ އެދުމުގެ މަތިން އަންގާރަ ދުވަހު ކްރިމިނަލް ކޯޓުން އެ އަމުރު ނެރިފައި ވަނީ ތިން މަސްދުވަހުގެ ނިޔަލަށެވެ. އިމިގްރޭޝަނުގެ މައްޗަށް ކޮށްފައިވަނީ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ޕާސްޓް ޕޯސްޓް ހިފެހެއްޓުމަށެވެ.
މުސްތަފާ ރާއްޖެއިން ބޭރަށް ދިއުން މަނާކުރުމަށް ފުލުހުން އެދިފައިވަނީ ރާއްޖެޓީވީގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެން ތަހްގީގެއް ކުރަމުންދާތީ މުސްތަފާ ފިލައިގެން ގޮސްފާނެ ކަމަށްޓަކައި ކަމަށް ކޯޓުން ނެރުނު އަމުރުގައިވެ އެވެ. އަދި މުސްތަފާގެ މައްޗަށް ޖިނާއީ ތަހްގީގެއް ހިންގަނީ ރައީސުލް ޖުމްހޫރިއްޔާ މަގާމުން ބޭރުކޮށް ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށާއި ޢައިރު ގާނޫނީ އަމަލެއް ހިންގުމަށް ރައްޔިތުންނަށް ހިތްވަރުލިބޭ ގޮތަށް ވާހަކަ ދެއްކެވި ކަމުގެ ތުހްމަތުގައި ކަމަށް އެ އަމުރުގައިވެ އެވެ. ކޯޓު އަމުރުގައިވާ ގޮތުން މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހުގެ ރޭ ރާއްޖެ ޓީވީން ގެނެސްދިން ޕްރޮގުރާމެއްގައި މުސްތަފާ ދެއްކެވި ވާހަކަތަކުގެ ތަހްގީގު ކުރަމުންދާއިރު މުސްތަފާ ފިލައިގެން ގޮސްފާނެ ކަމުގެ މައުލޫމާތު ފުލުހުންނަށް ވަނީ ލިބިފަ އެވެ.
މީގެ އިތުރުން އެ އަމުރުން އެނގޭގޮތުގައި މުސްތަފާ ދެއްކެވި ކަމަށް ބުނާ ވާހަކަތަކުގެ ވީޑިއޯ އާއި ސްކްރިޕްޓް ހެކީގެ ގޮތުގައި ފުލުހުންގެ އަތުގައި އެބަހުއްޓެވެ. އަދި މުސްތަފާގެ މައްޗަށް ތުހުމަތު ކުރަނީ ގާނޫނު އުގޫބާތުގެ 610 ވަނަ މާއްދާގެ (ހ) ދަށުންނެވެ. އެ ގާނޫނުގައި ބުނެފައި ވަނީ ރަޔަޓް ކުރުމާއި ނުވަތަ ބާރުގެ ބޭނުން ކޮށްގެން ސަރުކާރު ވައްޓާލަން ހިތްވަރުދިނުމާއި އެއިން ކަމަކަށް އެހީތެރިވެދިނުމާއި އެއިން ކަމެއް ކުރުމަކީ ކުށެއް ކަމަށެވެ.
މުސްތަފާއަށް އަންގާރަ ދުވަހު ފުލުސް އޮފީހަށް ހާޒިރުވުމަށް އެންގުމަށް ފަހު ފަހުން ވަނީ ފުލުހަށް ހާޒިރުވުމަށް އެންގި ޗިޓް ކެންސަލް ކޮށްފަ އެވެ.