ދިވެއްސަކަށް ތޫނު އެއްޗަކުން ހަމަލާދިނުމާއި ގުޅިގެން ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ހުޅުމާލެ ފޭސް-1 ގައި ލަންސިމޫ މަގުގައި ބިދޭސީއަކު ދިވެއްސަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށް ބުދަ ދުވަހުގެ ހަވީރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އަނިޔާވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށެވެ. އަދި އަނިޔާވެފައިވަނީ އެމީހާގެ އަތަށް ކަމަށާއި، ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މިމައްސަލައާ ގުޅިގެން ބިދޭސީ މީހާ ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން ދަނީ އިތުރަށް މިމައްސަލަ ތަހުގީގު ކުރަމުންނެވެ.
މިފަހުން ބިދޭސީންގެ މެދުގައި ހިނގާ މާރާމާރީގެ މައްސަލަތައް ވެސް ދަނީ ފެންމަތިވަމުންނެވެ. ބޮޑެތި ކުށްތައް ކުރުމުގައި ވެސް ބިދޭސީންގެ ބައިވެރިވުން އޮންނަ ކަމަށް މީގެ ކުރިން ފުލުހުން ބުނެފައިވެއެވެ.
 
                             
                        
                
    
 
                     
                             
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
