ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިމާރާތުގައި ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ އޮފީހެއް ހުޅުވާފައިހުރުމުން އެތައް ބައެއްގެ ފާޑުކިޔުން އެފްއޭއެމް އަށް އަމާޒުވެފައި ވަނިކޮށް އެތަނަށް ތަކެތި ބަދަލު ކުރުމުގައި ސަރުކާރުގެ ވެހިކަލް ބޭނުން ކޮށްފިއެވެ.
އެގޮތުން ޖަނަވަރީ މަގުގައި ހުންނަ ރައީސް ޔާމީންގެ ކެންޕޭނަށް ބޭނުން ކުރަމުންދިޔަ މެޑަމްގެ އޮފީހުން ތަކެތި ގެންދިއުމަށް ބޭނުން ކޮށްފައިވަނީ ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ މޯލްޑިވްސް ރޯޑް ކޯޕަރޭޝަން (އެމް އާރު ޑީ ސީ) ގެ ވެހިކަލް ތަކެވެ. އަދި އެއޮފީހުން ވެހިކަލަށް ތަކެތި އެރުވުމުގައި ހަރަކާތްތެރިވި މީހުންގެ ތެރޭގައި ބިދޭސީން ހިމެނޭއިރު އެއީ ވެސް އެމްއާރުޑީސީގެ މުވައްޒަފުން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
އެފްއޭއެމްގެ ގްރައުންޑް ފްލޯގައި ވިޔަފާރި އުސޫލުން ދޫކޮށްފައިވާ ތަނެއްގައި މެޑަމް ފާތުންގެ އޮފީހެއް ހުޅުވާފައިވާ އިރު، އެ ތަނުގައި އަންނަނީ ސިޔާސީ ހަރަކާތްތައް ހިންގަމުންނެވެ. އެހެންވެ، އެފްއޭއެމް އިން ސިޔާސީ ކަންކަމަށް ވަންނަކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
އެފްއޭއެމް އަކީ ފީފާ އިން 50 އަހަރަށް ކުއްޔަށް ނަގާފައިވާ ތަނެކެވެ. އެ ތަން އެފްއޭއެމް އަށް ދޫކޮށްފައިވާއިރު، އެ އިމާރާތުގެ ބައެއް ތަންތަން އެފްއޭއެމް އިން ވަނީ ކުއްޔަށް ދީފައެވެ. އެ ހުއްދަ ފީފާ އިން ވަނީ އެފްއޭއެމްއަށް ދީފައެވެ.
އެހެން ނަމަވެސް އެފްއޭއެމް އިން ސިޔާސީ ކަންކަމުގެ ތެރެއަށް ވަންނަ ނަމަ ފީފާއިން އެފްއޭއެމް އަށް ފިޔަވަޅު އެޅުމުގެ ބާރު ލިބިގެންވެއެވެ.
ބައެއް ފަރާތްތަކުން ބުނަނީ އެފްއޭއެމްގެ އިމާރާތަކީ މިހާރު ސަދަގާތް ފައުންޑޭޝަންގެ މައި އޮފީސް ކަމަށެވެ. ސަދަގާތް ފައުންޑޭޝަންގެ ކަރަޕްޝަންގެ މައްސަލަތައް އެންޓި ކަރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަދިވެސް ދަނީ ބަލަމުންނެވެ. އަދި އޭގެ ތެރެއިން ބައެއް މައްސަލަތައް ވަނީ ބަލާ ނިންމާފައެވެ.