ކ. މާލެ
|
21 މެއި 2024 | އަންގާރަ 10:01
އެމެރިކާގެ ރައީސް ޖޯ ބައިޑަން
އެމެރިކާގެ ރައީސް ޖޯ ބައިޑަން
ރޮއިޓަރސް
ފަލަސްތީން އިސްރާޢީލް ހަނގުރާމަ
ނަތަންޔާހޫ އާއި އޭނާގެ ޑިފެންސް މިނިސްޓަރ ހައްޔަރު ކުރަން އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން އުޅޭތީ އެމެރިކާގެ ރައީސް ކޯފާވެއްޖެ
ރައީސް ބައިޑްންގެ ސަރުކާރުން ބުނީ ޓެރެރިސްޓް ޖަމާއަތެއްގެ ގޮތުގައި އެމެރިކާ އިން ދެކޭ ހަމާސް ޖަމާއަތާއި އިޒްރޭލް އައިސީސީ އަކަށް ހަމަ ހަމަ އެއް ނުކުރެވޭނެ ކަމަށް

ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ޚިލާފް ކުށުގެ ތުހުމަތުގައި އިޒްރޭލްގެ ބޮޑުވަޒީރާއި އެ ގައުމުގެ ޑިފެންސް މިނިސްޓަރ ހައްޔަރު ކުރުމުގެ އަމުރެއް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން ނެރެން އުޅޭތީ އެމެރިކާގެ ރައީސް އެކަމާ ކޯފާވެއްޖެއެވެ.

ރައީސް ބައިޑްންގެ ސަރުކާރުން ބުނީ ޓެރެރިސްޓް ޖަމާއަތެއްގެ ގޮތުގައި އެމެރިކާ އިން ދެކޭ ހަމާސް ޖަމާއަތާއި އެމެރިކާގެ ގާތް އެކުވެރިއެއްގެ ގޮތުގައި ބަލާ އިޒްރޭލް އައިސީސީ އަކަށް ހަމަ ހަމަ އެއް ނުކުރެވޭނެ ކަމަށެވެ.

އައިސީސީގެ ޕްރޮސެކިއުޓަރ ކާރިމް ޚާން ސީއެންއެން އަށް މައުލޫމާތު ދެމުން ހޯމަ ދުވަހުގެ ރޭ ބުނެފައިވަނީ، އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ހަމާސްގެ ލީޑަރ ޔަހްޔާ ސިންވާރް ހައްޔަރު ކުރުމުގެ އަމުރެއް ނެރުމަށް އައިސީސީން އުޅެނީ ހުސްވި އަހަރުގެ އޮކްޓޯބަރު 7 ގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާ އާ ގުޅިގެންނާއި އަދި އެ ހަމަލާ އަށް ބަދަލު ހިފުމުގެ ގޮތުން ފަލަސްތީންގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ދެމުންދާ ހަމަލާތަކާ ގުޅޭ ގޮތުން ކަމަށެވެ. އައިސީސީން ބުނެފައިވަނީ އަމުރު ނެރުމަށް ބޭނުންވާ އެކަށީގެންވާ ހެކި މިކަންކަމާ ގުޅޭ ގޮތުން ލިބިފައިވާ ކަމަށެވެ.

މި ދެފަރާތުގެ އިތުރުން އިޒްރޭލުގެ ދިފާއީ ވަޒީރު ޔޮއޯވް ގަލާންޓް އާއި ހަމާސްގެ އިސް އިތުރު ފަރާތްތައްވެސް ހައްޔަރު ކުރަން އަމުރު ނެރުމަށް އައިސީސީއަށް ވަނީ ހުށަހަޅާފައެވެ.

އައިސީސީން ނެރެން އުޅޭ އަމުރާ ގުޅިގެން ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރައްވާ ބައިޑްން ވަނީ ހޯމަ ދުވަހު ބަޔާނެއް ނެރުއްވާފައެވެ.

"ވަރަށް ސާފުކޮށް މި ދަންނަވަނީ، ހަމަހަމަ އެއް ނުކުރެވޭނެ- އިޒްރޭލާ ހަމާސް ހަމަ ހަމަ އެއް ނުކުރެވޭނެ." އެމެރިކާގެ ރައީސްގެ ބަޔާނުގައި ވެއެވެ.

އެމެރިކާގެ ރައީސް ވަނީ ހޯމަ ދުވަހުގެ ރޭ ވައިޓް ހައުސްގައި އޮތް ހަފްލާއެއްގައިވެސް އިޒްރޭލް ދިފާއު ކުރައްވާ ހަމަ މި މޭރުމުން ވާހަކަފުޅު ދައްކަވާފައެވެ.

ބައިޑްން ވިދާޅުވީ އައިސީސީން ނެރެން އުޅޭ އަމުރަކީ އެއްވެސް އަސްލެއްނެތް ކަމެއްގެ މައްޗަށް ކުރަން އުޅޭ ކަމެއް ކަމަށެވެ.

އާއްމުން ސަލާމަތް ކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް އިޒްރޭލުން ކުރޭ – ވަރަށް ސާފުކޮށް މިދަންނަވަނީ، އިޒްރޭލުން ހިންގަނީ ގަތުލުއާއްމެއް ނޫން.
އެމެރިކާގެ ރައީސް ޖޯ ބައިޑަން

އައިސީސީން ނަތަންޔާހޫ ހައްޔަރު ކުރަން އަމުރެއް ނެރެފާނެ ކަމުގެ ވާހަކަތައް ފެންމަތި ވުމާއެކު އެ ފުރުސަތުގެ ބޭނުން ބައިޑްން ހިއްޕަވަމުން ގެންދަވަނީ އިޒްރޭލް ރުއްސުމަށާއި އެމެރިކާ އިން އިޒްރޭލަށް ކުރާ ތާއީދުގެ ބޮޑުކަން ހާމަ ކުރެއްވުމަށް ކަމަށް ސިޔާސީ ތަޖުރިބާކާރުން ދެކެއެވެ.

ނަތަންޔާހޫ ހައްޔަރު ކުރަން އައިސީސީން އަމުރެއް ހޯދުމަށް އެ ކޯޓުގެ ޕްރޮސެކިއުޓަރުން ކުރާ މަސައްކަތަކީ އެ ކޯޓުގެ ތާރީޚުގައި އެމެރިކާގެ މިތުރަކު ހައްޔަރު ކުރަން މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ރަޝިއާގެ ރައީސް ވިލަޑިމިއަރ ޕޫޓިން އާއި ލީބިޔާގެ ކުރީގެ ލީޑަރ މުއައްމަރު ގައްޒާފީ ހައްޔަރު ކުރަން އައިސީސީން މަސައްކަތް ކޮށްފައިވެއެވެ.

ނަތަންޔާހޫ ހައްޔަރު ކުރަން އުޅޭތީ އެކަމާ ނުރުހުންވާ ފަރާތްތަކަށް ރައްދު ދެމުން އައިސީސީގެ ޕްރޮސެކިއުޓަރ ބުނެފައިވަނީ "އެއްވެސް މީހަކު ގާނޫނަށް ވުރެ މަތީގައި ނުހުންނާނެ." ކަމަށެވެ.

އެމެރިކާ އާއި އިޒްރޭލަކީ އައިސީސީގެ މެމްބަރުންނަށް ނުވުމާއެކު އައިސީސީން ނިންމާ ނިންމުމެއް މި ދެގައުމުގެ މައްޗަކަށް ނުހިނގާނެއެވެ. އެހެން ނަމަވެސް އިޒްރޭލުގެ ބޮޑު ވަޒީރު ހައްޔަރު ކުރުމުގެ އަމުރެއް އައިސީސީން ނެރެފިނަމަ ނަތަންޔާހޫ އަށް ބައިނަލް އަގްވާމީ ދަތުރުފަތުރު ކުރެއްވުމުގައި ބޮޑެތި ދަތިތަކާ ކުރިމަތި ލައްވަން ޖެހޭނެ ކަމަށް ބެލެއެވެ. އައިސީސީގެ މެމްބަރުންގެ ގޮތުގައި ދުނިޔޭގެ 124 ގައުމު ތިބިއިރު އެއިން ކޮންމެ ގައުމަކަށް ނަތަންޔާހޫ ވަޑައިގަތަސް އައިސީސީގެ އަމުރު އެ ގައުމަކުން ތަންފީޒް ކުރަން ޖެހޭނެއެވެ. އައިސީސީގެ މެމްބަރުންގެ ގޮތުގައި އިޒްރޭލާއި އެމެރިކާ އާ ގާތް ގުޅުމެއް އޮންނަ އިނގިރޭސި ވިލާތާއި ޖަރުމަނު ވިލާތް ވެސް ހިމެނެއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ވެސް މި މައްސަލައިގައި ވަނީ ކޯޓަށް ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ކޯޓުން އަމުރު ނެރުމަށް ކުރާ މަސައްކަތް ބަލައިނުގަންނަވާނެ ކަމަށެވެ.

އެމެރިކާގެ ހައުސް ސްޕީކަރ މައިކް ޖޯންސަން ވިދާޅުވީ ކޯޓުން ނަތަންޔާހޫ ހައްޔަރު ކުރަން އުޅޭ އުޅުމަކީ އަސްލެއް ނެތް ޣައިރު ގާނޫނީ ކަމެއް ކަމަށެވެ.

އެމެރިކާގެ ސެނެޓްގައި ހިމެނޭ ރިޕަބްލިކަން ޕާޓީގެ މެމްބަރުން ގެންދަނީ މި މައްސަލައިގައި އައިސީސީގެ އޮފިޝަލުންނަށާއި ކޯޓަށް ދަތި ކުރުމުގެ ގޮތުން އިތުރު ފިޔަވަޅު އެޅުމަށް މަސައްކަތް ކުރާނެ ކަމަށް ބުނަމުންނެވެ.

- ކޮމެންޓް