ބަނޑޭރިކޮށީގެ އެޕާޓްމަންޓެއްގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވައިފިއެވެ.
ބަނޑޭރިކޮށީގެ އެޕާޓްމަންޓެއްގައި މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވާ ގދ. ހޯނޑެއްދޫ، ވިލިނގިލީގެ ހައްމާދު ސައީދެވެ. އޭނާ މަރުވެފައި އޮއްވާ ފެނިފައިވަނީ މިހިނގާ މެއި މަހުގެ 13 ވަނަ ދުވަހުއެވެ.
ފުލުހުން ބުނީ އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވާފައިވަނީ ހޯމަ ދުވަހު ކަމަށެވެ. މަރުވެފައި އޮއްވާ އޭނާ ފެނިފައިވާ އެޕާޓްމަންޓަކީ ބޭނުންކުރަމުންދާ އެޕާޓްމަންޓެއް ނޫންކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
 
                             
                        
                
    
 
                     
                             
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
