ކ. މާލެ
|
20 މެއި 2024 | ހޯމަ 13:26
އީސީގެ ރައީސް ފުވާދު ތައުފީޤު
އީސީގެ ރައީސް ފުވާދު ތައުފީޤު
ރާއްޖެއެމްވީ
މާލީ ބަޔާން ހުށަހެޅުން
މަޖިލީހަށް ކުރިމަތިލި ކެންޑިޑޭޓުން މާލީ ބަޔާން ހުށަހެޅުމުގެ ސުންގަޑި ކައިރިވެފައިވާއިރު، 60ށް ވުރެ ގިނަ ކެންޑިޑޭޓުން މާލީ ބަޔާން ހުށަހަޅައިފި
މާލީ ބަޔާނެއް މަޖިލީހަށް ހޮވުނަށް ނުހޮވުނަސް 22 މެއި 2024 ގެ ކުރިން ކޮމިޝަނަށް ހުށަހަޅަން ޖެހޭ
ކެންޑިޑޭޓުން ހުށަހަޅާ މައުލޫމާތާއި ތަކެތި އާންމުކޮށް ބެލޭނެހެން އީސީގެ ވެބްސައިޓުގައި ޝާއިއު ކުރާނެ

ވަނަ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލި ކެންޑިޑޭޓުން މާލީ ބަޔާން ހުށަހެޅުމުގެ ސުންގަޑި ކައިރިވެފައިވާއިރު، މިހާތަނަށް 60ށް ވުރެ ގިނަ ކެންޑިޑޭޓުން މާލީ ބަޔާން ހުށަހަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފިއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލި 368 ކެންޑިޑޭޓުން،​ އިންތިޚާބާގުޅޭ މާލީ ކަންކަމާބެހޭ މައުލޫމާތާއި ތަކެތި ހިމެނޭ މާލީ ބަޔާނެއް މަޖިލީހަށް ހޮވުނަށް ނުހޮވުނަސް 22 މެއި 2024 ގެ ކުރިން ކޮމިޝަނަށް ހުށަހަޅަން ޖެހެއެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީން ގުޅާލުމުން އީސީގެ ރައީސް ފުވާދު ތައުފީޤް ވިދާޅުވީ، މިހާތަނަށް 60ށް ވުރެ ގިނަ ކެންޑިޑޭޓުން މާލީ ބަޔާން ހުށަހަޅާފައިވާ ކަމަށާއި، މިހާރުވެސް މާލީ ބަޔާންތައް ލިބެމުންދާ ކަމަށެެވެ.

Advertisement

މާލީ ބަޔާން ހުށަނާޅާފިނަމަ، ނުވަތަ މާލީ ބަޔާނުގައި ދޮގު މައުލޫމާތެއް ދީފިނަމަ، އެ ކެންޑިޑޭޓެއްގެ އަދަބަކީ، 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ޖަލަށްލުން ނުވަތަ 72،000.00 (ހަތްދިހަ ދެހާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ.

މާލީ ބަޔާނުގައި ހިމަނަންޖެހޭ މައުލޫމާތު:

  1. ފައިސާއާއި މުދާ ހިމެނޭގޮތުން، އިންތިޚާބާ ގުޅިގެން ކެންޑިޑޭޓް ކޮށްފައިވާ ޚަރަދުތަކުގެ ތަފްސީލު.
  2. އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގެ 68 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމެނޭ ގޮތަށް، އިންތިޚާބުގައި ކެންޑިޑޭޓަށް ތާއީދު ހޯދުމަށްޓަކައި ކޮށްފައިވާ ޚަރަދުތައް ވަކިން އެނގޭގޮތަށް އެ ޚަރަދުތަކުގެ ތަފްސީލު.
  3. އިންތިޚާބަށް ޚަރަދު ކުރުމަށްޓަކައި ފައިސާ ހޯދިގޮތުގެ ތަފްސީލު.
  4. އިންތިޚާބާ ގުޅިގެން ކެންޑިޑޭޓަކު ޚަރަދުކުރުމަށްޓަކައި ނުވަތަ ބޭނުންކުރުމަށްޓަކައި ފައިސާ އާއި ތަކެތި ދިން ފަރާތްތަކާއި އެފަރާތްތަކުން ދިން މިންވަރުގެ ތަފްސީލު.
  5. ގާނޫނުގެ 67 ވަނަ މާއްދާގެ ދަށުން ހުޅުވާފައިވާ ބޭންކް އެކައުންޓުން ކޮށްފައިވާ އެންމެހައި މުއާމަލާތްތައް އަންގައިދޭ ބޭންކް އެކައުންޓްގެ ސްޓޭޓްމަންޓް

ކެންޑިޑޭޓުން ހުށަހަޅާ މައުލޫމާތާއި ތަކެއްޗަކީ ސައްހަ މައުލޫމާތާއި ތަކެތި ކަމަށް އަންގައިދިނުމަށްޓަކައި އެ މައުލޫމާތަކާގުޅޭ ފައިސާގެ ރަސީދު، އިންވޮއިސް، ބިލް އަދި މިފަދަ އެންމެހައި ލިޔެކިޔުމާއި ތަކެތި ހުށަހަޅާ މައުލޫމާތާއި ތަކެއްޗާއެކު ހުށަހަޅަންޖެހެއެވެ.

އަދި ކެންޑިޑޭޓުން ހުށަހަޅާ މައުލޫމާތާއި ތަކެއްޗަކީ ސައްހަ މައުލޫމާތާއި ތަކެތި ކަމަށް އެނގޭގޮތަށް ތައްޔާރުކޮށްފައިވާ އިގުރާރުގައި ކެންޑިޑޭޓާއި އެ ކެންޑިޑޭޓުގެ ރަސްމީ އިންތިޚާބީ އޭޖެންޓް ސޮއިކޮށް އީސީއަށް ހުށަހަޅާ މައުލޫމާތާއި ތަކެއްޗާއެކު ހުށަހަޅަންޖެހެއެވެ.

ކެންޑިޑޭޓުން ހުށަހަޅާ މައުލޫމާތާއި ތަކެތި އާންމުކޮށް ބެލޭނެހެން އީސީގެ ވެބްސައިޓުގައި ޝާއިއު ކުރާނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް